އިންޑިއާގެ ރާމޮޖީ ފިލްމު ސިޓީ އަކީ ބިރުވެރި ތަނެއް ކަމަށް ކާޖޮލް ސިފަކޮށްފި

ބޮލީވުޑް ބަތަލާ ކާޖޮލް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ބިޔަ ބޮޑު ރާމޮޖީ ފިލްމު ސިޓީ އަކީ މިހާތަނަށް މަސައްކަތްކުރި އެންމެ ބިރުވެރި ފިލްމު ސިޓީ ކަމަށް ބަތަލާ ކާޖޮލް ބުނެފިއެވެ.

މި މަހުގެ 27ގައި ރިލީޒްކުރާ ބިރުވެރި ފިލްމު "މާ"ގެ ޕްރޮމޯޝަނަލް އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ކާޖޮލް ބުނީ އެތަނުން ރޫހާނީ ކަންކަން ތަޖުރިބާ ނުކުރެވުނު ނަމަވެސް ބިރުވެރި ކަންކަން އެތަނުގައި ހިނގާ ކަމަށް އިހުސާސް ކުރެވުނު ކަމަށެވެ.

ކާޖޮލް މިހާތަނަށް އިންޑިއާގެ އެކި ހިސާބުތަކުގައި ވަރަށް ގިނަ ފިލްމު ސެޓުތަކުގައި މަސައްކަތްކޮށްފައި ވާއިރު ބައެއް ލޮކޭޝަންތަކުގެ ސަބަބުން ބަތަލާއަށް ނިދަން އުނދަގޫވާ ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް ރާމޮޖީ ފިލްމު ސިޓީގައި މަސައްކަތްކުރާއިރު އެ ކުރެވޭ އިހުސާސްތަކަކީ ވަރަށް އެހެން ކަހަލަ އަމިއްލަ ނަފުސަށް އުނދަގޫތަކެއް އިހުސާސް ކުރުވާ ތަނެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

އިންޑިއާގެ ރާމޮޖީ ފިލްމު ސިޓީގެ ބައެއް ތަންތަން ދައްކައިދޭ ފޮޓޯއެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ދުނިޔޭގެ އެންމެ ބޮޑު ފިލްމު ސިޓީގެ ގޮތުގައި މަޝްހޫރުވެފައިވާ ރާމޮޖީ ފިލްމު ސިޓީ އަކީ ތެލުގޫގެ އެންމެ ކާމިޔާބު ފިލްމުތައް ކަމަށްވާ "އާރްއާރްއާރް"، "ބާހޫބަލީ" އަދި "ޕުޝްޕާ"ގެ ޝޫޓިންގް ކުރިއަށް ގެންގޮސްފައިވާ ތަނެވެ.

އެހެންވެ ވަރަށް ގިނަ ބަޔަކު ވަނީ ތެލުގޫ ފިލްމު އިންޑަސްޓްރީއާ މެދު ބަތަލާގެ ހިތުގައި އޮތް ހަސަދަވެރިކަން އެނގިގެން ހިނގައްޖެ ކަމަށް ބުނެ ކާޖޮލްއަށް ފާޑުކިޔާފައެވެ. މުޅި އޭޝިއާގައި ވެސް ހުރި އެންމެ ބޮޑު ފިލްމު ސިޓީ ބިރުވެރި ތަނެއްގެ ގޮތުގައި ސިފަކުރުމުން ހިންދީ ސިނަމާއަށް ކުރި އިހުތިރާމު ގެއްލިއްޖެ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

ރާމޮޖީ ފިލްމު ސިޓީގައި ހުންނަ ކާނިވަލް ސެޓުގެ ފޮޓޯއެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ރާމޮޖީ ފިލްމު ސިޓީ އަކީ ކޮންމެ އަހަރަކު އެތައް ލައްކަ ބަޔަކު ދުނިޔޭގެ އެކި ހިސާބުތަކުން ޒިޔާރަތްކުރާ އަދި އިންޑިއާގެ ފަތުރުވެރި ކަމުގެ ދާއިރާގެ ފަޚުރު ކަމަށްވާއިރު ކާޖޮލް މިފަދަ ގޮތަކަށް އެތަން ސިފަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔާފައެވެ.

މިހާތަނަށް އެތަނަށް ޒިޔާރަތްކުރާ މީހުން އަދި ފިލްމު ސިޓީގައި މަސައްކަތްކޮށްފައިވާ މީހުންގެ ފަރާތުން ވެސް އެފަދަ ޝަކުވާއެއް ކޮށްފައި ނުވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

comment ކޮމެންޓް