ރެސްޓޯރެންޓްގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއިއެކު ރޫބީ ކާރުން ފޭބިއެވެ. ނަޖާތާއި ބައްދަލުކޮށްފައި ނޫނީ ރެސްޓޯރެންޓުން ނުނިކުންނަން ރޫބީ ހުރީ އަޒުމުކަނޑައަޅައިގެންނެވެ. ކުރިއަށް ހިނގައިގަތް ރޫބީއަށް ހުއްޓެން މަޖުބޫރުވީ ދޮރުމަތީގައި ހުރި މީހަކު ފެނުމުންނެވެ. ދޮރުމަތީގައި ހުރީ ނައީމެވެ. ރޫބީއަށް ގޯނާކުރި ނައީމެވެ. އެ ސިފަ ދެން ދުވަހަކުވެސް ރޫބީއަކަށް ނޯޅޭނެއެވެ. ނައީމު ހުރީ ފޯނުގެ އިސްކްރީނަށް ނަޒަރު ހުއްޓާލައިގެންނެވެ.
********
"ނައީމު؟... ޢަލީ ނައީމު؟..." ކުއްލިއަކަށް ރޫބީގެ ހަނދާނަށް އައީ ވިރުދާ ދެއްކި ވާހަކަތަކެވެ.
އެ ރެސްޓޯރެންޓްގެ ވެރިޔަކީ ނައީމެކޭ ވިރުދާ ބުނި ހަނދާންވިއެވެ. ބިރުންގޮސް ރޫބީގެ ދެފައިވެސް ތުރުތުރުއަޅައިގަތެވެ. ނައީމުގެ ސިފަ ހިތަށް އެރިޔަސް ރޫބީގެ ހިތް ހުއްޓޭވަރު ވެއެވެ. ނައީމަށް ރޫބީ ފެނިއްޖެނަމަ، ރޫބީ ސަލާމަތެއް ނުވާނެއެވެ. ހާއްސަކޮށް، ނައީމުގެ އިމާރާތެއްގެ ކައިރީގައި ރޫބީ ސަލާމަތްކޮށްދޭނެ މީހެއްވެސް ނުހުންނާނެއެވެ. ރޫބީ މަޑުމަޑުން ފަހަތަށް ޖެހެމުންދިޔަ ވަގުތު ކޮންމެވެސް މީހެއްގެ ގައިގައި ޖެހުނެވެ. އެމީހަކު ރޫބީގެ އަތުގައި ހިފައި، އެމީހަކާއި ދިމާއަށް އަނބުރުވައިލިއެވެ. ރޫބީގެ މޫނު ގޮސް ތަތްވީ އެމީހެއްގެ ތަނަވަސް މޭގައެވެ.
ރޫބީގެ ނޭފަތުގައި ހަރުލީ ލުއި ސެންޓެއްގެ މީރު ވަހެވެ. އެއީ ރޫބީއަށް އައު ވަހެއް ނޫނެވެ. ރޫބީ ދުރަށްޖެހެން އުޅުމުންވެސް އެމީހަކު ފުރުސަތެއް ނުދިނެވެ.
"ސްޓޭ... ހަމަ ކުޑައިރުކޮޅަކު..." އިވުނީ އިކާންގެ އަޑެވެ. "ނައީމަށް ފެނިދާނެ..."
ރޫބީ ވަގުތުން ހިމޭންވިއެވެ. އިކާންގެ ހިމާޔަތް ލިބުމުން، މުޅި ހަށިގަނޑު ފިނިވިއެވެ. ރައްކާތެރިކަން އިހުސާސްވިއެވެ. ރޫބީއަށް ދިމާވި ހުރިހާ ބޮޑު ކަމެއްގައި އިކާންގެ ހިމާޔަތް ލިބުމަކީ އިއްތިފާގެއް ހެއްޔެވެ؟ ދެމީހުންގެ ބައްދަލުވުންތައްވެސް އެފަދައެވެ. ފުރަތަމަ ދުވަހުން ފެށިގެން އެކި ގޮތްގޮތަށް ދެމީހުން ބައްދަލުވެ، ކައިވެންޏާއި، ހަމައަށްވެސް ދިޔައީ އެފަދަ ގޮތަކަށެވެ. އެ ހުރިހާ ކަމަކީވެސް އިއްތިފާގެއް ހެއްޔެވެ؟ ނޫނީ ތަގުދީރުގެ ނިމުން ހެއްޔެވެ؟
ނައީމު ބަލައިލުމުގެ ކުރިން އިކާންއަށް ފަސްއެނބުރެވުނީ ކިރިޔާއެވެ. ނައީމަށް ނުފެންނަ ކަމެއްވެސް އިކާނަށް ޔަގީނެއް ނޫނެވެ. އިކާންމެންނަށް ފާޑަކަށް ބަލަން ހުރުމަށްފަހު، ނައީމު އެތެރެއަށް ވަދެގެން ދިޔައެވެ. އިކާން ދެންވެސް އެގޮތުގައި އިރުކޮޅަކު ހުއްޓެވެ.
"އަދިވެސް ނުދޭތަ؟" ގުޑިވެސްނުލާ ހުރެ، ރޫބީ ސިއްރުން އަހައިލިއެވެ. ހީވީ، އެ އަޑު ނައީމަށް އިވިދާނެތީ ބިރުން އުޅުނު ހެންނެވެ.
"ޔެސް..." އިކާން ދޮގުހެދިއެވެ. އޭރު އޭނާގެ ތުންފަތުގައި ވަނީ އުފާވެރި ހިނިތުންވުމެކެވެ.
އިކާން ބޭނުންވީ ރޫބީ އެގޮތުގައި އިރުކޮޅަކު ބަހައްޓާލާށެވެ.
ކާރުގައި އިން ފަޒާލް ފާޑަކަށް ބަލަން އިންތަން އިކާނަށް ފެނުނީ ކުޑަ އިރުކޮޅެއް ފަހުންނެވެ. ފަޒާލް ދެލޯ ހަނިކޮށްލައިގެން އިންގޮތުން އިކާނަށް އަވަސް އަވަހަށް ރޫބީ ދުރުކޮށްލެވުނެވެ.
"ދިޔައީތަ؟" ރޫބީ ފުރަތަމަވެސް ބެލީ ނައީމު ފެންނަން ހުރިތޯއެވެ.
"ތޭންކްޔޫ..." ނައީމު ފެންނަން ނެތުމުން ރޫބީއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
"ހިނގާ ކާރަށް..." ކާރަށް އިޝާރާތް ކުރަމުން އިކާން ބުނެލިއެވެ. "މިތާ ތިބުން އެހާ ރަނގަޅެއް ނޫން..."
ރޫބީ ދެކޮޅެއް ނުހަދައެވެ. އިކާންއާއިއެކު ކާރަށް އެރިއެވެ. އޭރުވެސް އޭނާގެ ހިތް ހަމައަކަށް ނޭޅެއެވެ. ފަޒާލް ކާރު ދުއްވައިލީ ވަކި މިސްރާބެއް ނެތިއެވެ. ރޫބީ ހީކުރީ އިކާން ސުވާލުކުރާނެ ކަމަށެވެ. އެކަމަކު އެކަމާއި ގުޅުވައިގެން އިކާން އެއްވެސް ވާހަކައެއް ނުދައްކައެވެ.
"ހެދުން ކަމުދިޔަތަ؟" ކުޑައިރުކޮޅެއްގެ ހިމޭންކަމަށްފަހު، އިސްނެގީ އިކާނެވެ.
ރޫބީ ބޯ ޖަހައިލިއެވެ.
"އެކަހަލަ ކަންކަމުގަ މަންމަ ތަންކޮޅެއް ކަންތައް ބޮޑުކޮށްލާނެ..." ރޫބީގެ ހިތް ގޯސްވެދާނެތީ އިކާން ބުނެލިއެވެ. "އަނެއްކާ އިބައްކޮވެސް އުނދަގޫވާވަރަށް ވާހަކަ ދައްކާނެ..."
"އުނދަގުލެއްނުވޭ..." ރޫބީ އިކާނަށް ބަލައިލިއެވެ.
ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓުނީ ނުހަނު ކައިރިންނެވެ. ރޫބީގެ މޫނުގައި ފިރުމައިލަން އިކާންގެ ހިތް އެދުނެވެ. ތަފާތު ވަސްވާސްތަކުން ސިކުނޑި ފުރެން ފެށުމުން، އިކާން އަވަހަށް ކަރު ކެހިލިއެވެ. ދޮރުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. އިކާން ދެން ބަލައިލިއިރު، ރޫބީ އިނީ ބޭރު ބަލާށެވެ. ރޫބީ އެއް އަތުން ޝީޓުގައި ހިފަހައްޓާލައިގެން އިންއިރު، އިކާންގެ އަތްވެސް ވަނީ ރޫބީގެ އަތާއި ނުހަނު ކައިރީގައެވެ. އިކާނަށް އެ ނޫން ދިމާއެއް ނުބެލުނެވެ. މަޑުމަޑުން ރޫބީގެ އަތާއި އަތް ކައިރިކޮށްލެވުނެވެ. އިކާންގެ ހިތް އެދުނީ ރޫބީގެ އަތް މަތީގައި އަތް ބާއްވައިލުމަށެވެ. ހިމަ ހޯލިކޮޅެއްފަދަ ކުދިކުދި އިނގިލިތަކުގައި ފިރުމައިލުމަށެވެ. ރޫބީގެ އަތް މަތީގައި އަތް ބާއްވައިލުމަށް އިކާންއަށް އަތް އުފުލައިލެވުނީ އެތައް ހިތްވަރަކުންނެވެ. ވަގުތަކީ ފޯނަށް މެސެޖެއް އައިސްގެން ރޫބީ އޭނާގެ އަތް ނެގި ވަގުތެވެ. އިކާންގެ އަތް ޖެހުނީ ޝީޓުގައެވެ. ގަތްލަދުން އިކާން އަވަހަށް ބޯކަހައިލާކަމަށް ހެދުނެވެ.
********
"ޢާއިޝަތު ނަޖާތު، މއ.ކަންޒުގެ..." އަތުގައި އޮތް އައިޑީކާޑަށް ބަލަން ހުރި ޔަޒްދާން، ކާޑުން ނަޒަރު ވަކިކޮށް ކުރިމަތީގައި އިން މީހާގެ މޫނަށް ބަލައިލިއެވެ.
ނަޖާތު އިނީ ސޯފާގައެވެ. ދެއަތް ފުރަގަހަށް ލައި، ޓޭޕްއަޅާ، ހައްޔަރުކޮށްފައިވާއިރު، ނަޖާތުގެ ފައިވެސް ވަނީ ޓޭޕު އަޅައި ހައްޔަރުކޮށްފައެވެ. ނަޖާތުގެ ރަތްވެފައިވާ ދެލޮލުގައި ކަރުނައިގެ އަސަރު ވީއިރު، އެ ދެލޮލުން ފެންނަމުން ދިޔައީ ނަފުރަތެވެ. ޔަޒްދާން ހުރީ ނަޖާތުގެ ކުރިމަތީގައި ހުރި މޭޒުމައްޗަށް އެއް ފައި ނަގައިގެންނެވެ. އޭނާގެ އެއް އަތުގައި ނަޖާތުގެ ވޮލެޓު އޮތްއިރު، އަނެއް އަތުގައި ނަޖާތުގެ އައިޑީކާޑު އޮތެވެ. ޔަޒްދާން މަޑުމަޑުން ނަޖާތާއި ދިމާއަށް ގުދުވެލިއެވެ. ކާޑާއި ވޮލެޓު ނަޖާތުގެ ކުރިމަތީގައި ބޭއްވިއެވެ.
"އެކްސްޕްލެއިން..." ޔަޒްދާންގެ އަޑުގައި ހަރުކަށި ގޮތެއް ހުއްޓެވެ.
ނަޖާތު އަނގައިން ނުބުނެއެވެ. އެ ބެލުމަކަށް ބަދަލެއްވެސް ނައެވެ. ޔަޒްދާން ކުރިއަށްވުރެ ގާތްވެލާފައި ނަޖާތުގެ ދެލޮލަށް ބަލައިލިއެވެ. ނަޖާތުގެ މޫނުން ފެންނަމުން ދިޔައީ ޖެހިލުންކުޑަކަމެވެ. އެދެލޮލުން ފެންނަމުންދިޔަ ނަފުރަތުގެ ފަހަތުގައިވަނީ ކޮން މަޖުބޫރީއެއް ހެއްޔެވެ؟ މަޖުބޫރުކަމެއްނެތި އަންހެންކުއްޖަކު އެދަރަޖައަކަށް ނުވެއްޓޭނެއެވެ.
"އަހަންނަށް ޖަވާބު ނުދޭހާ ހިނދަކު ތިތަނުން ނުދެވޭނެ..." ޔަޒްދާން ދެލޯ ހަނިކޮށްލިއެވެ.
ސުވާލު ކޮށްކޮށް ވަރުބަލިވެގެން ޔަޒްދާން ހުއްޓައިލިއެވެ. ޖެހި ބުދެއްހެން އިން ނަޖާތު ގޮތްދޫކުރާކަށް ނޫޅުނެވެ. ޔަޒްދާން ދައްކާ ވާހަކަ އަޑު އިވޭކަމަށްވެސް ހަދާނުލައެވެ.
ކޮޓަރިއަށް ވަދެފައި ޔަޒްދާން އައީ ތަސްވީރުތަކެއް ހިފައިގެންނެވެ. ދިހަ ވަރަކަށް އަހަރުގެ ތިން އަންހެން ކުދިންނާއި ފިރިހެންކުއްޖެއްގެ ތަސްވީރުތަކެކެވެ. ޔަޒްދާން އެ ތަސްވީރުތައް ނަޖާތުގެ ކުރިމަތީގައި އަތުރައިލިއެވެ. ނަޖާތު އެއިން ތަސްވީރަކަށް ބަލައިވެސް ނުލިއެވެ.
"ކިޑްނެޕިން ކޭސަސް، ޓުވެންޓީ އިޔަރސް އެގޯ..." ޔަޒްދާން ބުނެލިއެވެ.
ސީލިންގަށް ނަޒަރު ހުއްޓާލައިގެން އިން ނަޖާތު ދެލޯ ހަނިކޮށްލަމުން ޔަޒްދާނަށް ބަލައިލިއެވެ. އެ މޫނުން ކުރިން ނުފެންނަ އަސަރެއް ފެނިގެން ދިޔައެވެ. ނަޖާތު ދެންވެސް ތަސްވީރުތަކަށް ބަލާކަށް ނޫޅުނެވެ. ޔަޒްދާނަށް އިތުބާރު ނުކުރާކަން އެމޫނުން ބުނެދެމުން ދިޔައެވެ.
"މި ތިން ކުދިންގެ ހަށިގަނޑު އަދިވެސް ނުފެނޭ..." ޔަޒްދާންގެ އަޑުގައިވީ ބުނެދޭން ނޭނގޭ ރިހުމެކެވެ. "އަހަރެން މީ ކާކުކަން ފަހަރެއްގަ ނަޖާތަށް ނޭނގި އޮވެދާނެ... އައި އޭމް އިންވެސްޓިގޭޓިންގ ދީސް ކޭސަސް... އަދިވެސް މިކުދިން ފެނިދާނެކަމަށް އުއްމީދުކުރާ ބަޔަކު އެބަ އުޅޭ..." ޔަޒްދާން ބުނެލިއެވެ.
ނަޖާތުގެ ކަޅި ޔަޒްދާންގެ މޫނުން، މަޑުމަޑުން ތަސްވީރުތަކަށް ހުއްޓުނެވެ. އިސާހިތަކު ނަޖާތުގެ ދެލޯ ކަރުނައިން ފުރާލިއެވެ. ދެން އިވުނީ މަޑު ގިސްލުމެއްގެ އަޑެވެ.
********
"މާދަމާއަކީ ކޮން ދުވަހެއްކަން ހަނދާން އެބަހުރިތަ؟" އިސްތިރިކުރި ހެދުންތައް އަލަމާރީގައި އަޅުވަން ހުރި ފަލާހާ ވާހަކަދެއްކީ ރީތިވާމޭޒު ކައިރީގައި އިން ނާޝިޒަށެވެ.
"އެދުވަސް ކިހިނެއް ހަނދާންނެތޭނީ؟" ނާޝިޒް ފަލާހާއަށް ބަލައިލީ ލޯގަނޑުންނެވެ.
"މިއަހަރުވެސް ސަދަގާތެއް ކޮށްލަންވާނެ.." ފަލާހާ އެދުނެވެ.
"ތިކަމާ ހާސްނުވޭ!... އަހަރެން ތިކަން ހަމަޖައްސާފަ އޮންނާނީ..." ނާޝިޒް ބުނެލިއެވެ.
"އަހަރެމެންގެ ދަރިފުޅު ސަލާމަތްވީ މާތްﷲގެ ރަހުމަތްފުޅުން އެގޮތް އިރާދަކުރެއްވީމަ... އެދުވަހު އަހަރެމެންގެ ދަރިފުޅު ސަލާމަތްވިޔަސް، އަނެއް ތިންކުދިން އަދިވެސް ނުފެނޭ... މިއަދާ ހަމައަށްވެސް އެކަންކުރީ ކޮންބައެއްކަން، އެމީހުންގެ މަގުސަދަކީ ކޮބައިކަމެއްވެސް ނުހޯދުނު..." ފަލާހާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.
"އެއީ ވިހި އަހަރު ކުރި... އެކަމަކު އަދިވެސް އެދުވަސް ހަނދާން ނައްތާލަން އުނދަގޫވޭ..." ނާޝިޒް އައިނު ތިރިކޮށްލާފައި ދެލޯ ފޮހެލިއެވެ.
"އަހަރެމެންނަށްވުރެ ޔަޒްދާނަށް ކުރާ އަސަރު ބޮޑުވާނެ..." ފަލާހާ ހަނދާންކޮށްދިނެވެ. "އެންމެން ޔަޒްދާން ކުށްވެރިކުރިޔަސް، އޭރުވެސް އަހަންނަށް އެއީ މައުސޫމު ކުޑަ ކުއްޖެއް... އުމުރުން އެންމެ ދިހަ ވަރަކަށް އަހަރޭ އޭރު އެކުއްޖާއަށްވެސް ވާނީ... އަހަރެންގެ ހިތެއް ނުބުނޭ އެކަމުގަ ޔަޒްދާންގެ އަތެއް ވާނެއެކޭ.."
"އަހަންނަށް ފެންނަނީ ފަލާހާ ޔަޒްދާނާ ބައްދަލުކޮށްލަން..." ނާޝިޒް އެދުނެވެ.
********
ރަސްފަންނުގެ ހިތްގައިމު މާހައުލުގެ ކައިރިއަށް ކާރު ހުއްޓައިލުމުން، އިކާން ކާރުން ފޭބިއެވެ. އޭނާ ފުރަތަމަވެސް ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެފަދަ ތަންތަނަށް އެކަނި ނުކުންނަން ޖެހިލުންވާ އިކާނަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ކަނޑުން އަންނަމުންދިޔަ ފިނި ރޯޅިތައް ހަށިގަނޑުގައި ބީހިލުމުން ހަށިގަނޑަށްވާ އަރާމު ދުލުން ބުނެދޭން ނޭނގެއެވެ.
ރަސްފަންނުގައި މީހުން މަދު ވަގުތެކެވެ. ހަނދުވަރުގެ އަލިން ތަނަށް ވެރިވެފައިއޮތީ ރިހި އަލިކަމެކެވެ. ރޫބީ ހިނގައިގަތުމުން، އިކާންވެސް ފަހަތުން ހިނގައިގަތެވެ. ރޫބީގެ ކައިރީގައި ހުންނައިރު، އިކާނަށް ރައްކާތެރިކަން އިހުސާސްވެއެވެ. ފަޒާލް ހުރީ އެފަދަ ކަމަކަށް އުއްމީދުކޮށްގެނެއް ނޫނެވެ. ފަޒާލް ލަސް ފިޔަވަޅުތަކެއްގައި އިކާންމެންނާއި ތަންކޮޅެއް ދުރުން ހިނގަމުން ދިޔައެވެ.
ވަކި ހިސާބަކަށް ގޮސްފައި ރޫބީ ފައިވާން އަތަށް ނެގިއެވެ. ހުސްފައިގައި، ރާޅުފަށުގައި ހިނގަން ފެށިއެވެ. ރާޅުތައް އައިސް ރޫބީގެ ފައިގައި ބީހިލާފައި ދެއެވެ. ރަށުގެ އުފާވެރި ހަނދާންތަކުން ރޫބީގެ ސިކުނޑިއަށް ދިރުން ލިބުނެވެ. ރޫބީއާއި އެއްވަރަށް ހިނގަމުންދިޔަ އިކާން ހުރީ އަޖައިބުވެފައެވެ. އިކާނަށް ބަލައިލާފައި ރޫބީ ހިނިތުންވެލިއެވެ. ހަނދުވަރުގެ ރިހި އަލި ރޫބީގެ މޫނަށް އެޅިފައިވާއިރު، ހިތްގައިމެވެ. ހިނިތުންވެލުމުން، ވަކީން ފުރިހަމައެވެ. ބަލާބަލައި ފޫހިނުވެއެވެ.
"ފައިވާން ބާލާފަ ހިނގާލަބަލަ... ވަރަށް އަރާމުވާނެ..." ރޫބީ ބުނެލިއެވެ.
އިކާން ދެފިކުރެއްގައި ހުރެފައި ފައިވާން އަތަށް ނެގިއެވެ. ތެތް ވެލިގަނޑުގައި ފައިޖެހުމުން، ވީ އަރާމަކުން އިކާނަށް ދެލޯ މަރާލެވުނެވެ. އިކާންގެ މޫނަށް ބަލަން ހުރި ރޫބީގެ ލުއި ހުނުމުގެ އަޑު އިވުމުން، އިކާނަށް ދެލޯ ހުޅުވައިލެވުނެވެ.
"ބުނީމެއްނު އަރާމުވާނެއޭ..." ރޫބީ ބުނެލިއެވެ.
"މާލޭމީހުން ފޮނިބޮޑީއޭ.." ރޫބީ އިތުރަށް ހެއްވައިލަން އިކާން ބުނެލިއެވެ.
"އަމިއްލައަށް އެއްބަސްވީތަ؟" ރޫބީ އަނެއްކާވެސް ހީލިއެވެ.
"އަހަރެން މިތަނަށް މިއައީ އަލަށް..." އިކާން ބުނެލިއެވެ.
"އަސްލުވެސްތަ؟" ރޫބީގެ މޫނުން ފެނުނީ ހައިރާންކަމެވެ. "ހަމަ ފޮނިބޮޑުކަމުންތަ؟"
"އެއީ... އެއީ... ކުޑައިރު ދިމާވި ކަމެއްގެ ސަބަބުން، ބޭރަށް ނުކުންނަން ޖެހިލުންވީ..." އިކާންގެ މޫނު މިލައިގެން ދިޔައެވެ.
ދެމީހުން ހިނގަމުންގޮސް ވެލިގަނޑުގެ މަތީގައި އިށީނެވެ. ރޫބީ ދަނޑިކޮޅެއް ނަގައިގެން ބިންގަނޑުގައި ކުރަހަން ފެށިއެވެ. އިކާން ދެއްކި ވާހަކައާއި އެދުވަހު މަގުމަތީގައި ދިމާވި ހާދިސާއާއި ގުޅުމެއް ވާނެއޭ ރޫބީގެ ހިތް ބުންޏެވެ. ރޫބީ ހަމްދަރުދީގެ ނަޒަރަކުން އިކާންގެ މޫނަށް ބަލައިލިއެވެ.
"އެދުވަހު..." ރޫބީއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. "ސޮރީ... އަހަންނަށް ކުޑަކޮށްވެސް އެނގުނުނަމަ އެދުވަހު އެގޮތަށް މަގުމަތީ ނުދާނަން...."
"އިޓްސް އޯކޭ... ރޫބީ އަހަރެންގެ ލައިފްއަށް އައިފަހުން ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ..." އިކާން ބަލައިލީ ސީދާ ރޫބީގެ ދެލޮލަށެވެ.
(ނުނިމޭ)