ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށް ސައިބާ ހަމަލާތައް މިފަހަކަށް އައިސް އިތުރުވަމުންދާތީ، އެކައުންޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް 'ޕާސްކީ' ޓެކްނޮލޮޖީއަށް ބަދަލުވުމަށް ޓެކްނޮލޮޖީގެ މައި ކުންފުނި ގޫގުލްއިން ގޮވާލައިފިއެވެ.
މިކަމަށް ގޮވާލާފައި ވަނީ، ގޫގުލްގެ އަމިއްލަ އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން ހެކަރުންނަށް ޔޫޒަރުންގެ އެކައުންޓްތަކަށް ވަދެގަނެވުނު ކަމަށް ފޯބްސްއިން ރިޕޯޓްކުރުމާ ގުޅިގެންނެވެ.
ގޫގުލްއިން ބުނި ގޮތުގައި، ޕާސްވޯޑްތަކަކީ މިހާރުގެ ޒަމާނީ ހަމަލާތަކުން ރައްކާތެރިވުމަށް އެކަށީގެންވާ ވަސީލަތެއް ނޫންނެވެ. ގޫގުލްއިން ބޭނުންވަނީ ޕާސްވޯޑްތަކުގެ ޒަމާނުން އެއްކޮށް ދުރަށް ދާށެވެ. އެގޮތުން، ޓޫފެކްޓާ އޮތެންޓިކޭޝަން (2FA) ކޯޑްތައް އޮޅުވާލައިގެން ހޯދައިގެން އެކައުންޓްތަކަށް ވަންނަ މައްސަލަތައް އިތުރުވުމަކީ ކަންބޮޑުވުމެއް ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.
ޕާސްކީ އަކީ ކޮބާ؟
ޕާސްކީ އަކީ ޕާސްވޯޑެއް ބޭނުންނުކޮށް، ޔޫޒަރުގެ ޑިވައިސް (ފޯނު ނުވަތަ ކޮމްޕިއުޓަރު)ގެ ސެކިއުރިޓީއާ އެކައުންޓް ގުޅުވާލާ ނިޒާމެކެވެ. މީގެ މާނައަކީ، އެކައުންޓަށް ލޮގިން ވުމަށް ޕާސްވޯޑެއް ޖެހުމުގެ ބަދަލުގައި، ފޯނު އަންލޮކް ކުރާ ގޮތަށް ފިންގަޕްރިންޓް، ފޭސް އައިޑީ ނުވަތަ ޑިވައިސްގެ ޕިން ބޭނުންކުރުމެވެ.
މި ޓެކްނޮލޮޖީގެ އެންމެ ބޮޑު ފައިދާއަކީ "ފިޝިން" ހަމަލާތަކުން ރައްކާތެރިކޮށްދިނުމެވެ. އެއީ، ވަގަށް ނެގޭނެ ނުވަތަ ހިއްސާ ކުރެވޭނެ ޕާސްވޯޑެއް ނުވަތަ ކޯޑެއް ނެތުމުންނެވެ. އެކައުންޓްގެ ސެކިއުރިޓީ ކީ (އަތްމަތީގައި ނުފެންނަ ކޯޑް) ރައްކާކޮށްފައި ހުންނާނީ ހަމައެކަނި ޔޫޒަރުގެ އަމިއްލަ ޑިވައިސްގައެވެ.
ގޫގުލްއިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާގެ ޔޫޒަރުންގެ ތެރެއިން 60 ޕަސަންޓު މީހުން "ވަރުގަދަ ޕާސްވޯޑް" ބޭނުންކުރާ ކަމަށް ބުނި ނަމަވެސް، 50 ޕަސަންޓަށް ވުރެ މަދު މީހުންނަކީ ޓޫފެކްޓާ އޮތެންޓިކޭޝަން (2FA) ބޭނުންކުރާ ބައެކެވެ. އޭގެ ތެރެއިން ވެސް ގިނަ މީހުން ބޭނުންކުރަނީ އެސްއެމްއެސް މެދުވެރިކޮށް ލިބޭ ކޯޑްތަކެވެ. އެސްއެމްއެސް އަކީ އެންމެ އާންމު ނަމަވެސް އެންމެ ރައްކާތެރިކަން ދަށް 2FAއެވެ.
މިކަމާ ގުޅިގެން ސައިބާ ސެކިއުރިޓީގެ މަޝްހޫރު ކުންފުނި ކަސްޕާސްކީން ބުނީ، އެންމެ ފަހުގެ ހަމަލާގެ އަސްލު ކަށަވަރު ނުވި ނަމަވެސް، އެއީ ފިޔަވަޅު ނާޅާ ތިބެންވީ ސަބަބެއް ނޫން ކަމަށެވެ.
"ވަގުތުން އަޅަންވީ ފިޔަވަޅަކީ ޕާސްވޯޑްތައް ބަދަލުކުރުން. ނަމަވެސް ދާއިމީ ހައްލަކީ ޕާސްކީއަށް ބަދަލުވުން،" ކަސްޕާސްކީގެ ބަޔާނުގައިވެއެވެ.
ގޫގުލް އިން ފާހަގަކުރާ ގޮތުގައި، ގޫގުލް އެކައުންޓެއްގައި ޕާސްކީ އެކްޓިވޭޓް ކުރުމުން، ރައްކާތެރިކަން ލިބެނީ ހަމައެކަނި ޖީމެއިލްއަށް އެކަންޏެއް ނޫނެވެ. އެކަމަކު "ސައިން އިން ވިތް ގޫގުލް" ބޭނުންކޮށްގެން ވަދެވޭ އެހެން ހުރިހާ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކެއް ވެސް ރައްކާތެރިވެގެންދާނެއެވެ. މިއީ މައިކްރޮސޮފްޓް، އެޕަލް، އަދި މެޓާ ފަދަ ބޮޑެތި ކުންފުނިތަކުން ވެސް މިހާރު ތާއީދުކޮށް، ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ.
އެހެންކަމުން، ގޫގުލްގެ މި އިންޒާރަކީ ހަމައެކަނި ޖީމެއިލް ޔޫޒަރުންނަށް ދީފައިވާ އިންޒާރެއް ނޫނެވެ. މިއީ، އޮންލައިންކޮށް ބޭނުންކުރާ ހުރިހާ އެކައުންޓްތަކެއްގެ ސަލާމަތީ ފިޔަވަޅުތައް ޒަމާނީކުރުމަށް ދީފައިވާ އިންޒާރެކެވެ.