އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލެއް ކަމަށްވާ ޗެޓްޖީޕީޓީ ބޭނުންކުރުމުގެ ސަބަބުން ސިކުނޑީގެ ހަރަކާތްތައް ދަށްވެ، މައުލޫމާތު ހަނދާނުގައި ހަރުލުން ދެރަވާ ކަމަށް އެމެރިކާގެ މަޝްހޫރު މެސެޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އިން ކުރި އާ ދިރާސާއަކުން ދައްކައިފިއެވެ.
އެމްއައިޓީގެ މީޑިއާ ލެބްގެ ދިރާސާވެރިން ވަނީ ޗެޓްޖީޕީޓީއަށް ސިކުނޑި ހުށަހެޅުމުން އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި، ބައިވެރިން ތިން ގްރޫޕަކަށް ބަހާލައިގެން ތަޖުރިބާއެއް ކޮށްފައެވެ. އެއް ގްރޫޕުން މަޒުމޫނެއް ލިޔުމަށް ޗެޓްޖީޕީޓީ ބޭނުންކުރިއިރު، ދެވަނަ ގްރޫޕުން އާންމު ސާޗް އިންޖީންތައް ބޭނުންކުރިއެވެ. އަދި، ތިންވަނަ ގްރޫޕުން އެއްވެސް ބޭރުގެ ވަސީލަތެއް ބޭނުންނުކޮށް، އަމިއްލަ ސިކުނޑިން ވިސްނައިގެން މަޒުމޫނު ލިޔުނެވެ.
މި ދިރާސާގެ ތެރޭގައި އިލެކްޓްރޯއެންސެފަލޮގްރަފީ (އީއީޖީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ބައިވެރިންގެ ސިކުނޑީގެ ހަރަކާތްތައް ވަނީ މޮނިޓަރކޮށްފައެވެ.
ދިރާސާގެ ނަތީޖާތަކުން ފާހަގަވީ، ޗެޓްޖީޕީޓީ ބޭނުންކުރި ބައިވެރިންގެ ސިކުނޑީގެ ގުޅުންތައް އެންމެ ބަލިކަށިވެފައިވާ ކަމެވެ. އަދި، އެ މީހުން ލިޔުނު މަޒުމޫނާ ގުޅޭގޮތުން އެންމެ މަދު މައުލޫމާތެއް ހަނދާނުގައި ހުރީ ވެސް ހަމަ އެ ގްރޫޕުގެ މީހުންގެއެވެ. މީގެ އިތުރުން، ހަތަރު މަސް ދުވަހުގެ މުއްދަތަށް ބެލި ބެލުމުން، ޗެޓްޖީޕީޓީ ފަދަ ބޮޑެތި ލެންގުއޭޖް މޮޑެލް (އެލްއެލްއެމް) ގިނައިން ބޭނުންކުރާ މީހުންގެ ނިއުރަލް (ނާރުތަކާ ގުޅުންހުރި)، ލިންގުއިސްޓިކް (ބަހުރުވައިގެ) އަދި ބިހޭވިއަރަލް (އަމަލުތައް ހުންނަގޮތުގެ) ފެންވަރު ވެސް ދަށްވާކަން ވަނީ ފާހަގަވެފައެވެ.
މިއާ ޚިލާފަށް، އެއްވެސް ބޭރުގެ ވަސީލަތެއް ބޭނުންނުކުރި މީހުންގެ ސިކުނޑީގެ ނެޓްވޯކްތައް އެންމެ ވަރުގަދަ ކަމަށް ދިރާސާއިން ދެއްކިއެވެ.
ދިރާސާ ޓީމްގެ ވެރިޔާ، ނަތާލިޔާ ކޮސްމީނާ، މަޝްހޫރު ޓައިމް މެގަޒިންއަށް ވިދާޅުވި ގޮތުގައި ޗެޓްޖީޕީޓީއަކީ "ކެމީޝަނަލް އަދި ފަސޭހަ" ވަސީލަތެއް ނަމަވެސް، އެ ބޭނުންކޮށްގެން މަސައްކަތްކުރުމުން އެ މައުލޫމާތުތައް ސިކުނޑީގެ ހަނދާނުގެ ނިޒާމުގެ ތެރެއަށް "އިންޓެގްރޭޓް" ނުވަތަ އެއްކޮށްލުމުގެ ބަދަލުގައި ސިކުނޑި އޮންނަނީ މަސައްކަތާ ދުރުގައެވެ.
ޚާއްސަކޮށް، ތަރައްގީވަމުން އަންނަ ކުޑަކުދިންގެ ސިކުނޑިއަށް ޗެޓްޖީޕީޓީ ބޭނުންކުރުމުން ކުރާނެ އަސަރަކާ މެދު ކޮސްމީނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"މި ދިރާސާގެ ފުރިހަމަ ޕިއާ ރިވިއުއަކަށް އިންތިޒާރުނުކޮށް މިކަން މިހާރު ހާމަކުރަން އަހަރެން ބޭނުންވީ، 6-8 މަސް ދުވަހުގެ ތެރޭގައި ސިޔާސަތު ކަނޑައަޅާ ފަރާތަކުން ކުޑަކުދިންނަށް ޗެޓްޖީޕީޓީ ބޭނުންކުރަން ދަސްކޮށްދޭން ފެށުން ފަދަ ކަމެއް ފަށަން ނިންމަފާނެތީ. އެއީ މުޅިން ގޯސް އަދި ގެއްލުންހުރި ކަމެއް. ތަރައްގީވަމުންދާ ސިކުނޑިތަކަށް ވަރަށް ބޮޑު ނުރައްކަލެއް އެބައޮތް،" ކޮސްމީނާ ވިދާޅުވިއެވެ.
ނަމަވެސް، މި ދިރާސާގެ ނަތީޖާތަކާ ޚިލާފަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ސްކޫލްތަކުގެ މަންހަޖުގައި އޭއައި ހިމެނުމަށް ބާރުއަޅާފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ނެރުނު އެގްޒެކެޓިވް އޯޑަރެއްގައި ބުނެފައިވަނީ، "އެމެރިކާ މި ޓެކްނޮލޮޖީގެ އިންގިލާބުގައި ދުނިޔޭގެ އެންމެ ކުރީގައި އޮތުން ކަށަވަރުކުރުމަށްޓަކައި، ޒުވާނުންނަށް އޭއައި ބޭނުންކުރުމާއި އުފެއްދުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭންޖެހޭ" ކަމަށެވެ.
ކޮސްމީނާ އަދި އޭނާގެ ޓީމުން މިހާރު ދަނީ އޭއައި ބޭނުންކުރާ ސޮފްޓްވެއާ އިންޖިނިއަރުންނާއި އެ ބޭނުންނުކުރާ އިންޖިނިއަރުންގެ ސިކުނޑީގެ ހަރަކާތްތައް އަޅާކިޔާ އިތުރު ދިރާސާއެއް ކުރަމުންނެވެ. އެ ދިރާސާގެ ފުރަތަމަ ނަތީޖާތައް "މާ ގޯސް" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި ދިރާސާއާ ގުޅޭގޮތުން ޚިޔާލެއް ހޯދުމަށް ދިރާސާ ޓީމުން ޗެޓްޖީޕީޓީ ހިންގާ ކުންފުނި، އޯޕަންއޭއައިއާ ގުޅި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ޗެޓްޖީޕީޓީ ފަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްތައް ފަހަކަށް އައިސް ވަނީ އާންމުންގެ މެދުގައި އަދި، ޚާއްސަކޮށް ތައުލީމީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. މި ޓެކްނޮލޮޖީއާ ގުޅިގެން ތައުލީމީ މާހައުލުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.
އެއް ބަޔަކު ދެކޭގޮތުގައި މިއީ ދަރިވަރުންނަށް އުނގެނުމަށް އެހީވެދީ، އާ ޚިޔާލުތައް އުފައްދައިދީ، އަދި މަސައްކަތްތައް ފަސޭހަކޮށްދޭ ވަރުގަދަ ވަސީލަތެކެވެ. ނަމަވެސް، އަނެއް ބަޔަކު ޚާއްސަކޮށް ތައުލީމީ މާހިރުންނާއި ބެލެނިވެރިން، ދަރިވަރުން އަމިއްލައަށް ވިސްނުމުގެ ގާބިލުކަން ގެއްލި، ފާޑުކިޔުމުގެ ވިސްނުމާއި ލިޔުންތެރިކަން ފަދަ މުހިންމު ހުނަރުތައް ތަރައްގީވުމަށް ހުރަސްއެޅިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރެއެވެ.
މިފަދަ ކަންބޮޑުވުންތައް ހުރި ނަމަވެސް އެމްއައިޓީގެ މި ދިރާސާއިން މިވަނީ އެކަން ހަމައެކަނި ހުނަރުގެ ފެންވަރަށްވުރެ ފުންކޮށް، ސީދާ ސިކުނޑީގެ ނިއުރަލް ނެޓްވޯކްތަކަށް އަސަރުކުރާކަން ފުރަތަމަ ފަހަރަށް ސައިންޓިފިކް ގޮތުން ދައްކުވައިދީފައެވެ.