މޫމިން މިފަހަރު ގެނެސްދެނީ "ޗާލާކީ"

މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދުގެ ބިޒީ އަހަރަކަށް ހަދައި މުޅީން އާ އުފެއްދުމެއް ނެރުމަށް ތައްޔަރުވެއްޖެއެވެ.

މިއަހަރު އޮލިމްޕަހުގައި އެންމެ ފުރަތަމަ ފިލްމު އަޅުވައި މިހާރު އޭނާ ތައްޔާރުވަމުން އަންނަނީ ވެބް ޝޯއެއް ރިލީޒްކުރާށެވެ.

ދާދިފަހުން އާންމުކޮށްފައިވާ ގޮތުގައި އޭނާ އަލަށް ނެރުމަށް ތައްޔާރުވަނީ "ޗާލާކީ" ނަމަކަށް ކިޔާ ޝޯއެކެވެ. ސްޓްރީމިން ސާވިސް ބައިސްކޯފަށް ނެރުމަށް ހަމަޖެހިފައިވާ މި ޝޯގެ ޓީޒަރެއްވެސް ދާދިފަހުން ދޫކޮށްލާފައިވެއެވެ.

އަލަށް ނެރުމަށް ހަމަޖެހިފައިވާ ވެބް ޝޯގެ ޓީޒަރުން ފެނިގެންދާ ގޮތުގައި މި ޝޯއަކީ ތުރިލާ އަދި ޑްރާމާގެ އިތުރުން ކޮންމެވެސް ވަރަކަށް އެކްޝަންގެ ރަހަތައްވެސް ހުންނާނެ ޝޯއަކަށް ވުން އެކަށީގެންވެއެވެ. ޓީޒަރުން ފެނިގެންދަނީ މައިގަނޑުގޮތުގައި ޝޯއިން ފެންނާނެ ކާސްޓެވެ.

ޗާލާކީގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އަހުމަދު ސައީދާއި އިސްމާއިލް ޖުމައިހާއި ވާޝިޔާ މުހައްމަދު އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ. އޭގެއިތުރުން އަހްމަދު އިފްނާޒް ފިރާގާއި މޫސާ އަލީފް ވެސް މި ޝޯގެ ބައެއް ރޯލުތަކުން ފެނިގެންދާނެއެވެ.

މޫމިން ފުއާދު ލިޔެ އަދި ޑައިރެކްޓުކޮށް މި އަހަރު ނެރުނު އޮލިމްޕަހަށް އެންމެ ފުރަތަމަ ނެރެފައިވަނީ "އަބަދަށް" ކިޔާ ފިލްމެކެވެ. އޭޕްރިލް މަހުގައި ނެރުނު މި ފިލްމުގައި ހިމެނޭ ކާސްޓަކީ ވެސް އަލަށް ނެރޭ ޗާލާކީގައި ހިމެނޭ ކާސްޓެވެ. "ލޫދިފާ" އާއި "ގޮށްރާޅު" އަދި "ނިވައިރޯޅި" ފަދަ ފިލްމުތައް ގެނެސްދީފައިވާ މޫމިންގެ އަބަދަށް އިން ވެސް ވަނީ އެފަދަ ރަހަތަކެއް ފެނިގެން ގޮސްފައެވެ. އެހެންވީމާ ޗާލާކީ އަކީވެސް އެފަދަ ރަހަތަކެއް ހިމެނޭނެ ޝޯއަކަށް ވުން އެކަށީގެންވެއެވެ.

comment ކޮމެންޓް