ފަހު ވަގުތު ޖެހި ދެ ލަނޑުން ކްލަބް ވޯލްޑް ކަޕްގައި އިންޓާގެ ފުރަތަމަ މޮޅު

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އީގައި އިންޓާ މިލާނުން އުރާވާ ރެޑް ޑައިމަންޑްސް ބަލިކޮށްފިއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި އިންޓާއަށް ކާމިޔާބުކުރެވުނު ފުރަތަަމަ މެޗެވެ. މެޗު އިންޓާއިން ކާމިޔާބުކޮށްފައިވަނީ އުރާވާއިން ފުރަަތަމަ ލަނޑެއް ޖަހައި، ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުގެ ބޮޑުބައި އިންޓާއިން ކޮންޓްރޯލްކޮށް، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗުގެ ފެށުން ރަނގަޅުވީ އުރާވާގެއެވެ.

މި ގޮތުން، 11 ވަނަ މިނެޓުގައި އުރާވާއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދީ އިންޓާ ސިއްސުވާލީ ރިޔޯމާ ވަޓާނަބޭއެވެ. ފުރަތަމަ ހާފުގައި އިންޓާއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނު ތަނެއް ނުފެނުނެވެ.

މެޗުގައި އިންޓާއަށް ލަނޑެއް ނުޖެހި ގިނައިރުވާން ފެށުމުން އަނެއްކާ ވެސް މި މުބާރާތުގައި ހައިރާންކުރުވަނިވި ނަތީޖާއެއް ފެންނާނެ ކަމަށް ހީވާން ފެށިއެވެ. ނަމަވެސް، މެޗު ނިމެން 12 މިނެޓަށް ވެފައިވަނިކޮށް އިންޓާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ލުޓާރޯ މާޓިނޭޒެވެ. އަދި، އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ވެލެންޓިން ކާބޯނީ ކާމިޔާބުކޮށްދިން ލަނޑުން އިންޓާއިން ފަހަތުން އަރައި މެޗު ކާމިޔާބުކުރިއެވެ.

މި ކާމިޔާބީއާ އެކު އިންޓާ މިހާރު އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައެވެ. އަދި، އުރާވާ ރެޑް ޑައިމަންޑްސްމިވަނީ ދެ މެޗުން ބަލިވެ، މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.

ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ ރިވާ ޕްލޭޓާއި މޮންޓެރޭ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ. އެ މެޗު އެއްވަރުވުމުން ރިވާ ޕްލޭޓް މި ވަގުތު އޮތީ ހަތަރު ޕޮއިންޓާއި ފައިދާ ގޯލަށް ބަލާއިރު ގްރޫޕްގެ އެއްވަނައިގައެވެ. އަދި، މޮންޓެރޭ އޮތީ ދެ ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ.

ގްރޫޕްގެ ފަހު މެޗުތަކުގައި އަންނަ ބުރާސްފަތި ދުވަހު އުރާވާ ރެޑް ބައްދަލުކުރާނީ މޮންޓެރޭއާއެވެ. އަދި، އިންޓާ ބައްދަލުކުރާނީ ރިވާ ޕްލޭޓާއެވެ. މޮންޓެރޭ އުރާވާ އަތުން މޮޅުވެ އަދި އެނެއް މެޗުގައި އިންޓާ ނޫނީ އިވާޕްއިން ކުރެ ޓީމެއް މޮޅުވެއްޖެނަމަ ދެވަނަ ބުރަށް ދާނީ މޮންޓެރޭއާއި އެ މޮޅުވާ ޓީމެކެވެ. ނަމަވެސް، ރިވާއާއި އިންޓާ މެޗު އެއްވަރުވެއްޖެނަމަ ތިން ޓީމު ފަސް ޕޮއިންޓުން އެއްވަރުވެ، ހެޑް ޓު ހެޓް އަދި ފައިދާ ގޯލުން ކުރި ލިބޭ ދެ ޓީމެއް ދެވަނަ ބުރަށް ދާނެއެވެ.

comment ކޮމެންޓް