މާލޭގެ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން ތިރިއަށް ވެއްޓުނު އަންހެނަކަށް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ މައްސަލަ ރޭގެ ފަތިހު 4:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.
މިހާރު އެ އަންހެން މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާގެ ދެ ފައިގެ ކުޑަހުޅު ނެއްޓި، ކަށިގަނޑު ބޭރަށް ނިކުމެ އަނިޔާވެފައި ވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިއީ މި ފަހުން އަންހެނަކު އިމާރާތަކުން ވެއްޓުނު ދެވަނަ ހާދިސާއެވެ. ދާދިފަހުން ވަނީ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައެވެ. މިހާތަނަށް ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި އެއީ މަސްތުވާތަކެތި ބޭނުންކޮށްގެން ޒުވާނުންތަކެއް އުޅުމުގެ ތެރެއިން ހިނގި ކަމެކެވެ.