ޗައިނާގެ ރޮބޮޓް އުފައްދާ ކުންފުނި ޔުނިޓްރީގެ އަގު 1.7 ބިލިއަން ޑޮލަރަށް

ޔުނިޓްރީގެ ފަހުގެ ރޮބޮޓެއް ދައްކާލަނީ — ފޮޓޯ: ފޯބްސް

ޗައިނާގެ ހެންގްޒޫގައި ހުންނަ ރޮބޮޓް އުފައްދާ ކުންފުނި، ޔުނިޓްރީ ރޮބޮޓިކްސްގެ އަގު 12 ބިލިއަން ޔުއާން (1.7 ބިލިއަން ޑޮލަރު) އަށް އަރައިފިއެވެ.

މި ކުންފުނިން ސީރީޒް ސީ ފަންޑިން ރައުންޑް މި މަހު ނިންމާލާފައިވާއިރު، ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ މި ކުންފުނީގެ ބާނީ އާ ބައްދަލުކުރައްވާފައެވެ.

ފޯބްސް އޭޝިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފަންޑިން ރައުންޑްގައި އިންވެސްޓަރުންގެ ގޮތުގައި ޗައިނާގެ އޮޓޯމޯބައިލް އުފައްދާ ކުންފުނި ޖީލީ އޮޓޯމޯބައިލް، ފިންޓެކްގެ ބޮޑު ކުންފުނި އެންޓް ގްރޫޕް އަދި އިންވެސްޓްމަންޓް ފާމް ހޮންގްޝާން ކެޕިޓަލް ގްރޫޕް (ކުރިން ސެކުއޮއިއާ ކެޕިޓަލް ޗައިނާގެ ނަމުގައި މަޝްހޫރު) ބައިވެރިވެފައިވެއެވެ.

ޔުނިޓްރީގެ ތަރުޖަމާނަކު ވަނީ އެ ކުންފުނިން ސީރީޒް ސީ ފަންޑިން ނިންމާލާފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އިތުރު މައުލޫމާތެއް ދިނުމަށް އޭނާ ވަނީ ދެކޮޅު ހަދާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ މީޑިއާ 'ލޭޓް ޕޯސްޓް'އިން ބުރާސްފަތި ދުވަހު މި ޑީލްގެ ޚަބަރު ފުރަތަމަ ރިޕޯޓްކޮށްފައިވާއިރު، އެ ނޫހުން ބުނި ގޮތުގައި ޔުނިޓްރީއަށް ޓެކްނޮލޮޖީގެ ބޮޑު ކުންފުނި ޓެންސެންޓް، އީ-ކޮމާސްގެ ބޮޑު ކުންފުނި އަލީބާބާ އަދި ސަރުކާރު ހިންގާ ޓެލެ ކޮމިއުނިކޭޝަންސް ކުންފުނި ޗައިނާ މޯބައިލްއާ ގުޅިފައިވާ ފަންޑަކުން ވެސް 10 ބިލިއަން ޔުއާނަށް ވުރެ ބޮޑު އަގެއްގައި ފަންޑު ލިބިފައިވެއެވެ.

ކުރިން 2016 ވަނަ އަހަރު އުފެއްދި މި ކުންފުނި މިހާރު ވަނީ ޗައިނާގެ ރޮބޮޓިކްސް އިންޑަސްޓްރީގެ އެންމެ ކުރީގައެވެ. މި ކުންފުނީގެ 35 އަހަރުގެ ބާނީ، ސީއީއޯ އަދި ސީޓީއޯ ވާންގް ޝިންގްޝިންގް ވަނީ ފެބްރުއަރީ މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރައްވާފައެވެ. ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި މި ބައްދަލުވުމުގައި އަލީބާބާގެ ކޯ-ފައުންޑާ ޖެކް މާ، ޓެންސެންޓްގެ ޗެއާމަން މާ ހުއަޓެންގް އަދި ޑީޕްސީކްގެ ބާނީ ލިއަންގް ވެންފެންގް ވެސް ބައިވެރިވެފައިވެއެވެ.

ރައީސް ޝީ މި ބައްދަލުކުރެއްވުން ބޭއްވީ އިގުތިސާދީ ގޮންޖެހުންތަކެއް ހުރި މި ދަނޑިވަޅުގައި ޗައިނާގެ ޕްރައިވެޓް ސެކްޓަރަށް އެއްބާރުލުން ދިނުމުގެ މެސެޖެއް ދެއްވުމަށެވެ. ރައީސް ޝީގެ ކުރިމަތީގައި ފުރަތަމަ ސަފުގައި އިންނެވީ ޔުނިޓްރީގެ ބާނީ ވާންގްއެވެ.

މި ޒުވާން ވިޔަފާރިވެރިޔާ ދަނީ ޗައިނާއަށް އިންސާނުންނާ އެއްގޮތް ރޮބޮޓްތައް ތަރައްގީކުރުމަށް އެހީތެރިވެދެމުންނެވެ. މިއީ އެމެރިކާއާ އެކު ޓެކްނޮލޮޖީގެ ދާއިރާއިން ކުރިމަތިލުމުގައި ޗައިނާ ބާރުގަދަ ކުރަން ބޭނުންވާ އާ އިންޑަސްޓްރީއެކެވެ. ޔުނިޓްރީން ވަނީ 1,600 ޑޮލަރުން ފެށިގެން ރޮބޮޓް ބުޅަލުގެ ބާވަތްތަކާއި، 16,000 ޑޮލަރުން ފެށިގެން ހިއުމަނޮއިޑް މޮޑެލްތައް އުފައްދާފައެވެ.

ޓެސްލާގެ އޮޕްޓިމަސް ހިއުމަނޮއިޑް ރޮބޮޓްތަކަށް 20,000 ޑޮލަރާއި 30,000 ޑޮލަރާ ދެމެދުގެ އަގެއް ނަގަން ގަސްތުކުރާއިރު، ޔުނިޓްރީގެ ރޮބޮޓްތަކުގެ އަގު ހުރީ އެއަށް ވުރެ ދަށުގައެވެ. ޓެސްލާގެ ދެފައިގައި ހިނގާ ރޮބޮޓްތަކަށް ހިނގާ، ނަށާލައި އަދި ކެއްކުމާއި، މޭޒު ސާފުކުރުމާއި ކުނި އުކާލުން ފަދަ ގޭތެރޭގެ މަސައްކަތްތައް ވެސް ކުރެވޭނެއެވެ.

ޔުނިޓްރީގެ ހިއުމަނޮއިޑް ރޮބޮޓްތަކުން ވެސް މިފަދަ މަސައްކަތްތައް ކުރާ މަންޒަރު އެ ކުންފުނީގެ ވެބްސައިޓުގައިވާ ވީޑިއޯ ކްލިޕްތަކުން ފެނެއެވެ. މި އަހަރުގެ ޖަނަވަރީ މަހު ބޭއްވި ސްޕްރިންގް ފެސްޓިވަލް ގާލާގައި މި ރޮބޮޓްތައް ހަގީގީ މީހުންނާ އެކު ނެށުމުން ޗައިނާގައި އެ ރޮބޮޓްތައް ވަރަށް މަޝްހޫރުވިއެވެ. ޔުނިޓްރީގެ ހިއުމަނޮއިޑް ރޮބޮޓްތައް ވަނީ މެރެތަންތަކުގައި ވެސް ބައިވެރިވެ، ބޮކްސިން މުބާރާތްތަކުގައި ހަގީގީ ފައިޓަރުންނާ ވެސް ވާދަކޮށްފައެވެ.

ޔުނިޓްރީގެ ބާނީ ވާންގް ރޮބޮޓްތަކަށް އޭނާގެ ޝައުގުވެރިކަން ފެށުނީ 2013 ވަނަ އަހަރުން ފެށިގެން ކަމަށް ވިދާޅުވެފައިވެއެވެ. ޝަންހާއީ ޔުނިވާސިޓީގައި މެކޭނިކަލް އިންޖިނިއަރިންގެ ގްރެޖުއޭޓް ޑިގްރީ ހާސިލްކުރަމުން ދިޔަ މި ޒުވާން ވިޔަފާރިވެރިޔާ ވަނީ އެކްސްޑޮގް ނަމަކަށް ކިޔާ ކުއަޑްރަޕެޑް ރޮބޮޓެއް ޑިޒައިންކޮށް، ޗައިނާގެ މުބާރާތަކުން ދެވަނަ ހޯދާފައެވެ.

ވާންގް ވަނީ 2016 ވަނަ އަހަރު ޔުނިޓްރީ އުފެއްދުމުގެ ކުރިން ޗައިނާގެ ޑްރޯން އުފައްދާ ކުންފުނި ޑީޖޭއައިގައި ކުރު މުއްދަތަކަށް މަސައްކަތްކޮށްފައެވެ. އޭގެ ފަހުން، 2017 ވަނަ އަހަރު އޭނާ ވަނީ ސީޑް ފަންޑިންގެ ގޮތުގައި އެ ކުންފުންޏަށް ބޮޑު ފައިދާއެއް ހޯދައިދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު