މިދިޔަ މެއި މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،308 މީހުން ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި މީހުންކަން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން އެނގިއްޖެއެވެ.
އެންސްޕާއިން މިއަދު ހާމަކުރި ހިސާބުތަކުގައިވާ ގޮތުން، އެ ދަފުތަރުގައި އެންމެ ގިނައިން ރަޖިސްޓްރީކޮށްފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި މީހުންނެވެ. އެ ބަވާތުގެ ޖުމުލަ 4،091 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.
މަލްޓިޕަލް ޑިސްއެބިލިޓީ ހުރި 3،194 މީހުން ތިބިއިރު، ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1،892 މީހުން އެބަތިއްބެވެ.
ދަފުތަރުގެ އިތުރު ބައެއް ތަފުސީލު:
- ނަފުސާނީ ނުކުޅެދުންތެރިކަން ހުރި 1،753 މީހުން
- އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުރި 1،740 މީހުން
- ފެނުމުގެ ނުކުޅެދުންތެރިކަން ހުރި 999 މީހުން
- އޯޓިޒަމްހުރި 584 މީހުން
- އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރި 55 މީހުން
އެ ދަފުތަރުގައި އަލަށް ވަނީ 156 މީހަކު ރަޖިސްޓްރީކޮށްފައެވެ. އަދި، ހިސާބުތަކުން އެނގޭ ގޮތުން އެ ދަފުތަރުގައި އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުން ރަޖިސްޓްރީކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ދަފުތަރުގައި ހިމެނޭ 14،144 މީހަކަށް އެންސްޕާއިން މާލީ އެހީ ފޯރުކޮށްދީފައިވާއިރު، ޖުމުލަ 50،768،000 ވަނީ އެ މީހުންނަށް އެހީ ދިނުމަށް ޚަރަދުކޮށްފައެވެ.
ރާއްޖޭގެ އަބާދީގެ ހަތް އިންސައްތަ މީހުންގެ ނުކުޅެދުންތެރިކަން ހުންނަ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.