ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ ހަތް މީހުން ބަންދުނުކުރަން ހައިކޯޓުން ދެވަނަ ފަހަރަށް ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ މީހުން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ ޖުލައި 31، 2017ގެ ރެއެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ލ. ގަން ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ، ހަސަން މަހްފޫޒާއި ދަފްތަރު ނަންބަރު 1746، ސިމާހު މޫސާއާއި ޅ. ކުރެންދޫ އަސަރުމާގެ، އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގާއި ތ. ކިނބިދޫ ގުލްފާމްގެ، މުހައްމަދު ސާޒްގެ މައްޗަށެވެ.
އަނަސްއަށް ހަމަލާ ދީފައިވަނީ އަހުމަދު ޒަޔާނާއި އަފްރާހާއި އުސްމާން ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ. އެ ތިން މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
އެ މީހުންގެ ތެރެއިން، ސާޒާއި ޖުނައިހާއި މަހްފޫޒާއި ސިމާހުގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުން ކަމަށް ބުނެ ދައުވާކުރިއެވެ.
މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 25ގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނީ ދައުލަތުން ތުހުމަތު ކުރާ މީހުން އެ ކުށުގައި ބައިވެރިވި ކަމަށް ޝައްކެއް ނެތް މިންވަރަށް ހެކި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެހެންވެ އެ މީހުން މިނިވަންކުރީއެވެ.
ދައުވާތައް ސާބިތުނުވި މައިގަނޑު ސަބަބަކަށްވީ، ސީސީޓީވީ ފުޓެޖް ޓައިމް ސްޓޭމްޕާ ގުޅޭ ފުށު އެރުންތަކެއް ހުރުން ކަމަށް ކޯޓުން ފާހަގަކުރިއެވެ. އެގޮތުން އެކި ސަރަހައްދުން ނެގި ފުޓޭޖުގައި މެދުކެނޑުން ހުރުމުން އެއީ އެއް ދުވަހެއްގައި އެއް ވަގުތެއްގައި ހިނގި ކަންކަން ކަމަށް ސާފުނުވާ ކަމަށާއި އެއް ފުޓޭޖުން ފެންނަ މީހާއަކީ އަނެއް ފުޓޭޖުން ފެންނަ މީހާކަން ސާބިތުނުކުރެވޭ ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ.
ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހެވެ. އަދި އެ ހަތް މީހުން ހައިކޯޓުގެ ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރުމަށް ވެސް ދައުލަތުން އެދުނެވެ.

ފަނޑިޔާރުންގެ ބެންޗު: ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ހަތް މީހުން ބަންދުކުރަން --
އެހެންނަމަވެސް, ހައިކޯޓުން މިދިޔަ މަހުގެ 10ގައި ނިންމީ އެ މީހުން ބަންދު ކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެއީ ތުހުމަތު ކުރެވޭވަރުގެ ހެކިތަކެއް، އަދި ސީސީޓީވީ ފުޓޭޖުން ފެންނަނީ ދައުވާ ލިބޭ މީހުންތޯ ކަށަވަރުކުރަން ވެސް ބާރު ލިބިދޭ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައިނުވާތީއެވެ.
އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ ކޯޓުން ނިންމީ ބަންދާމެދު ގޮތް ނިންމި ގޮތް ބާތިލްކޮށް، އަލުން އެކަމާ މެދު ގޮތެއް ނިންމުމަށެވެ.
މިދިޔަ މަހުގެ 21ގައި ހައިކޯޓުން އަނެއްކާވެސް ނިންމީ އެ މީހުން ބަންދުނުކުރަމަށެވެ. އަދި ދައުލަތުން އެ ނިންމުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
އެ މައްސަލައިގައި ޝާމިލުވާ މީހުންނަށް ވަކީލުން ހަމަޖެއްސުމާ ގުޅޭ މައްސަލަތަކެއް ދިމާވެ، ސުޕްރީމް ކޯޓުގައި މައްސަލަ ލަސްވުމަށްފަހު މިއަދު ވަނީ ހުކުމް އިއްވައިފައެވެ.
ރިޔާސަތުގައި އިންނެވި ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ފާހަގަކުރެއްވީ ކްރިމިނަލް ކޯޓުން މައްސަލަ ބެލުމުން ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށާއި ހައިކޯޓުން ވެސް އެ މީހުން ބަންދުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިފައިވާ ކަމެވެ.
"އެ ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް ދަށު ކޯޓުގައި ސާބިތުވެފައިނުވަނީ އެ ފަރާތްތަކަކީ ހަމަ ހަގީގަތުގައި ވެސް އެ ކުށް ކުރި ފަރާތްތައްކަން ހެކިތަކުގެ އަލީގައި ކަށަވަރުނުކުރެވޭތީ، އެ ބިނާގެ މައްޗަށް ކަމަށްވުމުން ކުށުގެ އަމަލު ހިންގި އަދި ކުށްކުރުމުގައި ބައިވެރިވި މީހުންނަކީ ކޮބައިކަން ނުވަތަ ކުށްކުރި މީހުންގެ އައިޑެންޓިޓީ ދަށު ކޯޓުގައި ހިނގި މައްސަލައިގެ ތެރެއިން ކަށަވަރު ވެފައި ނުވޭ،" ޝުޖޫން ވިދާޅުވިއެވެ.
އޭނާގެ ރައުޔުގައިވަނީ މިހާރު މައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައިވީ ނަމަވެސް ކުށުގެ އަމަލުކުރި ނުވަތަ އެކަމުގައި ބައިވެރިވި ފަރާތްތަކަކީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައްކަން އެނގެން ނެތް ކަމަށެވެ.
"...ކުށް ކުރި މީހުންގެ އައިޑެންޓިޓީއާ ގުޅޭ ވާގިޔާއާ މެދު ހައިކޯޓުގައި އޮތް އިސްތިއުނާފީ މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައެޅުމަކާ ނުލައި ޖިނާއީ އިޖުރާތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ ދަށުން މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުގައި ބައިތިއްބަން ޖެހޭ ކަމަށް ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކެން،" ޝުޖޫން ވިދާޅުވިއެވެ.
އެއަށްފަހު ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ރައުޔު އިއްވަވަމުން ފާހަގަކުރެއްވީ، ދައުލަތުން ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ، ސުޕްރީމް ކޯޓުން ފުރަތަމަ ހުކުމްކުރި ގޮތާ އެއްގޮތަށް ހައިކޯޓުން އަމަލުނުކުރާ ކަމަށް ބުނެ ކަމަށެވެ. އެހެންވެ އެ މީހުންގެ ބަންދާމެދު މިހާރު ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ލާޒިމުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ބަލާއިރު، އެ މީހުން ކުށްކުރި ކަމަށް ތުހުމަތުވާ ވަރަށް ހެކި ހުށަހަޅައިފައިވޭތޯ ވަޒަންކުރާ މިންގަނޑަކީ، މުޖުތަމައުގައި ދިރިއުޅޭ އާދައިގެ މީހެއްގެ ވިސްނުމުން ވިސްނާއިރު ތުހުމަތު ރައްދުވާ މީހުން ކުށްކުރި ކަމަށް އެ މީހަކަށް ތުހުމަތު ކުރެވޭވަރަށް ހެކި ހުރިތޯ ބެލުން ކަމަށެވެ.
"އެ މިންގަނޑުން ވަޒަންކުރާއިރު މި ހެކިތަކަކީ އިސްތިއުނާފު ރައްދުވާ މީހުން ކުށް ކުރި ކަމަށް ތުހުމަތުވާ އެކަށީގެންވާ މިންވަރުގެ ހެކި ކަމަށް ބުރަވެވޭތީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ މީހުންގެ މައްޗަށް ތުހުމަތުކުރުމަށް އެކަށީގެންވާ ވަރަށް ހެކި ހުރި ކަމަށް އަހުރެންނަށް ބުރަވެވޭ،" ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވިއެވެ.
ފަނޑިޔާރު އަލީ ރަޝީދު މައްސަލަ ނިންމަން ފެންނަ ގޮތުގެ ގޮތުގައި ވިދާޅުވީ، ދައުވާކޮށްފައިވާ ހަތް މީހުންނަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމާއެކު ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ސަބަބުތަކެއް ހުރި ކަމަށެވެ. އެހެންވެ، ހައިކޯޓުގައި އެ ހަތް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމަންދެން އެ އެންމެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ފެންނަ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މައްސަލަ ބެއްލެވި ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއިދުކުރެއްވީ ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔަށެވެ.
އެހެންވެ، އެ މީހުން ބަންދުކުރަން ހައިކޯޓުން މިދިޔަ މަހުގެ 21ގައި ނިންމައިފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލައިގައި ހިމެނޭ ހަތް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު ގޮތެއް ނިންމަންދެން، ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމްކޮށްފައިވާކަން ޝުޖޫން އިއުލާންކުރެއްވިއެވެ.