މިދިޔަ އަހަރު މުޅިން އަލަށް ބޭއްވި ފިއުޗާ ސަމިޓްގެ ކާމިޔާބީއާއެކު، ދެވަނަ ސަމިޓް އަންނަ ބުދަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވަން ހަމަޖެހިއްޖެއެވެ.
މި ސަމިޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހުންނަ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް، ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް ބާއްވާ ސަމިޓެކެވެ.
އެގޮތުން، މި ސަމިޓުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖެނެރަލް މެނޭޖަރުންނާއި ސޭލްސް އެންޑު މާކެޓިންއާއި އިސް ފަރާތްތަކާއި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ އިސް ބޭފުޅުންގެ އިތުރުން ފަތުރުވެރިކަމުގެ އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަރާތްތަކެއް ބައިވެރިވާނެއެވެ.

މިދިޔަ އަހަރު ބޭއްވި ފިއުޗާ ސަމިޓުގެ ތެރެއިން ----
މި ސަމިޓު ބޭއްވުމުގެ މަގުސަދަކީ، ފަތުރުވެރިކަމުގައި އެހެން ގައުމުތަކާ އަޅާކިޔާއިރު، އެއްވަނަ މަންޒިލެއްގެ ގޮތުގައި ދަމަހައްޓައި، ރާއްޖެ އިޝްތިހާރު ކުރާނެ ގޮތް ހޯދުމެވެ.
މިއަހަރުގެ ސަމިޓުގެ ތީމަކަށް ކަނޑައަޅާފައި ވަނީ، 'މޯލްޑިވްސް ޓޫރިޒަމް: ދަ ނެކްސްޓު ލީޕް ފޯވާޑް' އެވެ.
ޑެސްޓިނޭޝަން ފިއުޗާގެ ވައިސް ޗެއާ އަމްޖަދް ތައުފީގް ވިދާޅުވީ، އެ ސަމިޓުގެ ތެރެއިން އިކޮނޮމިކް ސަސްޓެއިނަބަލިޓީއާއި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީންގެ ބައިވެރިވުން އިތުރުކުރުމާއި ގުޅޭ ގޮތުންނާއި ރާއްޖެ އިޝްތިހާރުކުރުމުގައި ގެންގުޅޭނެ އައު އުކުޅުތަކާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށެވެ.
ޖުމުލަ ތިން ޕެނަލެއް އެ ސަމިޓުގައި ކުރިއަށް ދާއިރު، އެކަމުގައި ތަގުރީރު ކުރައްވާނީ ދާއިރާގެ ތަޖުރިބާކާރުން ކަމަށް އަމްޖަދު މައުލޫމާތުދެއްވިއެވެ.

މިދިޔަ އަހަރު ބޭއްވި ސަމިޓުގެ ތެރެއިން ---
ފުރަތަމަ ޕެނަލްގައި ރާއްޖޭގެ ފަތުރުވެރިކަމުގައި ސަޕްލައިއާއި ޑިމާންޑާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެއެވެ.
ރާއްޖެއަށް މިހާތަނަށް އެންމެ އަވަހަށް އެއްމިލިއަން ފަތުރުވެރިން އައުން ފާހަގަ ކުރާއިރު، ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓުހައުސް ފަދަ ތަންތަނުގެ އޮކިއުޕެންސީ ދަށްވަމުންދާ މައްސަލައާ ގުޅޭ ގޮތުން ކަމާ ގުޅޭ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ހައްލު ހޯދިދާނެ ގޮތްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާނެއެވެ.
މި ޕެނަލްގައި ތިއްބަވާނެ ބޭފުޅުންނަކީ:
- ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ވައިސް ޗެއާ ނޫރައިން ޖަނާހު
- އިގުތިޞާދު ދިރާސާކުރައްވާ ތަޖުރިބާކާރު އާތިފް ޝަކޫރު
- ޕާލޭ މޯލްޑިވްސްގެ ރާއްޖޭގެ އެގެޒެކެޓިވް ޑައިރެކްޓަރު ޝާހީނާ އަލީ
ދެވަނަ ޕެނަލްގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށް އިޝްތިހާރު ކުރުމުގައި ގެންގުޅޭނެ އުކުޅުތަކާ ގުޅޭގޮތުން މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން މަޝްވަރާ ކުރައްވާނެއެވެ.

މިދިޔަ އަހަރު ބޭއްވި ފިއުޗާ ސަމިޓުގެ ތެރެއިން ----
އޭގެއިތުރުން، އެންމެ ފަހު ޕެނަލްގައި މަޝްވަރާކުރާނީ ދިވެހި ފަތުރުވެރިކަމަށް 53 އަހަރު ފުރޭއިރު، މި ދާއިރާގައި އެކަށީގެންވާ އަދަދަކަށް ދިވެހީން ނެތުމުގެ މައްސަލައާއި ކުރިޔަށް އޮތް ތަނުގައި މި ދާއިރާއިން ދިވެހީން އިތުރުކުރާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.
މި ޕެނަލްގައި ތިއްބަވާނީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި އުޅުއްވާ އެންމެ ގާބިލު ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ މުހައްމަދު އާލިމާއި އަލީ ޝާމިން އަދި މުހައްމަދު މައުރޫފެވެ.
އެއާއެކު، ކީނޯޓް ސްޕީކަރެއް ވެސް މި ސަމިޓުގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވެއެވެ. މި ސަމިޓުގެ ކީނޯޓް ސްޕީކަރަކީ، ކްލިކް ކޮލެޖުގެ ފައުންޑާ އަދި ރައީސް ޑރ. މުޙައްމަދު ނައުޝާދެވެ.
ދެހާސްވަނަ އަހަރު މާކެޓިންގ ލެކްޗަރާއެއްގެ ގޮތުގައި ކެރިއާ ފެށި ޑރ. ނައުޝާދު ވަނީ ރާއްޖެއާއި ސްކޮޓުލޭންޑުގައި މާކެޓިންއާއި ވިޔަފާރި އަދި މެނޭޖުމެންޓު ފަދަ ތަފާތު ގިނަ މާއްދާތަކެއް ކިޔަވައި ދެއްވާފައެވެ. ޑރ. ނައުޝާދު ވަނީ 2018އިން 2023އަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު ވެސް ފުރުއްވާފައެވެ.

މިދިޔަ އަހަރު ބޭއްވި ފިއުޗާ ސަމިޓުގެ ތެރެއިން ----
އޭނާގެ ދައުރުގައި، ވަނީ ޓޫރިޒަމް ސިޔާސަތާއި ސްޓްރެޓެޖީ އެކުލަވާލުމުގައާއި ޓޫރިޒަމް ދިރާސާތަކާއި ޔޫއެންޑީޕީ، ޖައިކާ، އޭޑީބީ ފަދަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއެކު މުޖުތަމައު ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގައި މަސައްކަތްކުރެއްވިއެވެ.
އެ ސަމިޓުގައި ޑރ. ނައުޝާދު ވާހަކަދައްކަވާނީ ފަތުރުވެރިކަމުގައި ދުނިޔޭގެ އެހެން ގައުމުތަކާ ވާދަވެރިކަން އިތުރުވެގެން އަންނައިރު، އެއްވަނަ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުންނެވެ.
މިދިޔަ އަހަރުގެ ސަމިޓުގައި ވާހަކަދެއްކީ އަން ރެގިއުލޭޓެޑް ފަތުރުވެރިކަމުގެ ސަބަބުން ރާއްޖޭގެ ބްރޭންޑަށް ލިބިދާނެ ގެއްލުންތަކާ ގުޅޭ ގޮތުންނެވެ. އެ ސަމިޓުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.

މިދިޔަ އަހަރު ބޭއްވި ފިއުޗާ ސަމިޓުގެ ތެރެއިން ---
އެއާއެކު، އަމްޖަދު ވިދާޅުވީ، ސަމިޓު ބޭއްވުމަށް ކުރުނބާ މޯލްޑިވްސް ޚާއްސަ ކުރީ ރާއްޖޭގައި ފަތުރުވެރިކަމަށް މުސްތަގުބަލެއް ނެތް ކަމަށް ޔޫއެންޑަބްލިއުޓީއީން ބުނެފައި އޮއްވައި، އެކަމަކަށް ގޮންޖަހާ، އެންމެ ފުރަތަމަ ރާއްޖޭގައި ހުޅުވި ރިސޯޓަށްވެ، އަދި މިހާރުވެސް ކުރުނބާ މޯލްޑިވްސްއަކީ ރާއްޖޭގައި ކާމިޔާބުކަމާއި އެކު ހިންގަމުންގެންދާ ރިސޯޓަކަށް ވީތީ ކަމަށެވެ.
މި ސަމިޓު ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔުމުގައި މީޑިއާ ޕާޓުނަރުގެ ގޮތުގައި ސަން ސިޔާމް މީޑިއާއާއި ޑިޖިޓަލް ޕާޓުނަރުގެ ގޮތުން އުރީދޫއާއި ސަންސިޔާމު ރިސޯޓްސްއާއި ކުރުނބާ މޯލްޑިވްސްގެ އިތުރުން އެކި ދާއިރާތަކުގެ ފަރާތްތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް، އަމްޖަދު ޝުކުރު އަދާ ކުރެއްވިއެވެ.