ރިޔާސީ އިންތިޚާބުގައި ޞާލިޙް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް: ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނު ކުރައްވައިފި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އިއުލާނު ކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެން ފަރީއްކޮޅެއްގައެވެ. މި ފަރީއްކޮޅުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅަކު ވަނީ "ސަން"އަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ޞާލިޙް މިކަން ހާމަކުރައްވާފައި ވާއިރު، އެމްޑީޕީގެ އެތެރޭގައި ވަނީ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ވަރަށް ބޮޑުވެފައެވެ. އެގޮތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި ފާޅުގައި އިއުލާނު ނުކުރެއްވި ނަމަވެސް، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ރިޔާސީ ޓިކެޓަށް ކެމްޕެއިންކުރައްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

މި ދަނޑިވަޅަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގައި ތިއްބެވި އެންމެހައި ބޭފުޅުން ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ދަނޑިވަޅެކެވެ. އެގޮތުން، އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް މާދަމާ ރޭ އެމްޑީޕީގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

https://sun.mv/207550

ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ އިރު، އެމަނިކުފާނު ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

ޑިމޮކްރެޓުން އެމްޑީޕީއާ ގުޅެން ނިންމީ މިދިޔަ އަންގާރަ ދުވަހު ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއްގައެވެ. މި ނިންމުމާ ގުޅިގެން އެމްޑީޕީން ވެސް ވަނީ ބުދަ ދުވަހުގެ ރޭ ނުރަސްމީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ހުރިހާ މެމްބަރުން ވެސް އިއްތިފާގުވީ ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުހަބާ ކިޔުމަށެވެ.

https://sun.mv/207475

މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.

މި ހިޔާލު ތަފާތުވުންތަކާ އެކު، އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާދެއްވީ ނޮވެންބަރު 13، 2023 ގައެވެ.

އޭރު އެ މަނިކުފާނަށް ވަފާތެރި މެންބަރުން ވަނީ އެމްޑީޕީ ދޫކުރައްވައި ވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައިފައެވެ.

އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ.

ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މާލެ ވަޑައިގެން މިދިޔަ ހޯމަ ދުވަހު ވަނީ ފައްޔާޒާ ބައްދަލުކުރައްވައިފައެވެ. ޑިމޮކްރެޓްސް އެނބުރި އެމްޑީޕީއާ ގުޅުމަށް ނިންމީ އެ ބައްދަލުވުމަށް ފަހުއެވެ.

comment ކޮމެންޓް