މެޓާ އާއި އޯކްލީގެ އޭއައި އައިނު ތައާރަފްކޮށްފި

ޓެކްނޮލޮޖީގެ ބިޔަ ކުންފުނި މެޓާ އާއި، އެކި ބާވަތުގެ އައިނު އުފައްދަން މަޝްހޫރު އޯކްލީ ގުޅިގެން ކުޅުންތެރިންނަށް އަމާޒުކޮށް އުފައްދާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އައިނެއް ކަމަށްވާ "އޯކްލީ މެޓާ ގްލާސަސް" ތައާރަފުކޮށްފިއެވެ.

މި އުފެއްދުން އިޝްތިހާރު ކުރުމަށް ހިންގާ ބައިނަލްއަގްވާމީ ކެމްޕޭނުގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކީލިއަން އެމްބާޕޭ އާއި އެމެރިކަން ފުޓްބޯޅައިގެ ތަރި ޕެޓްރިކް މަހޯމްސް ބައިވެރިވެއެވެ.

މި ސީރީޒްގެ ފުރަތަމަ މޮޑެލްއަކީ "އޯކްލީ މެޓާ އެޗްއެސްޓީއެން" އެވެ. މިއީ މީގެކުރިން "ރޭ-ބޭން ސްޓޯރީޒް"ގެ ނަމުގައި ސްމާޓް އައިނު އުފެއްދުމަށް ގުޅުނު ދެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުމެވެ. ނަމަވެސް، މިފަހަރުގެ އުފެއްދުމުގެ އަމާޒަކީ ކުޅުންތެރިންގެ ފެންވަރު ދެނެގަނެ، އެމީހުންގެ ތަޖުރިބާތައް ރެކޯޑްކޮށް ހިއްސާކުރުމަށް ޚާއްސަ ފަސޭހަތަކެއް ހޯދައިދިނުމެވެ.

މި އައިނުގައި، 3ކޭ ރެޒޮލިއުޝަންގެ މަތީ ފެންވަރުގެ ވީޑިއޯ ރެކޯޑްކުރެވޭ ކެމެރާއެއް ހިމެނެއެވެ. އަދި އޯޕަން-އިއާ ސްޕީކަރުތަކުގެ ސަބަބުން، މިއުޒިކާއި ޕޮޑްކާސްޓް އަޑުއެހޭނެއެވެ.

މި އައިނު ފަރުމާކޮށްފައިވަނީ "އައިޕީއެކްސްފޯ" ފެންވަރުގައި ފެން ނުވަންނަ ގޮތަށް ކަމަށްވުމުން، ކުޅިވަރުގެ ތެރޭގައި ދަލާއި ވާރެއިން އައިނަށް ގެއްލުމެއް ނުވާނެއެވެ. މި އައިނު އެއްފަހަރު ޗާޖުކޮށްގެން އަށް ގަޑިއިރު ބޭނުންކުރެވޭއިރު، ޗާޖިން ކޭސްއާއެކު ޖުމްލަ 48 ގަޑިއިރުގެ ހަކަތަ ލިބެއެވެ.

އޯކްލީއާއި މެޓާ ގުޅިގެން އުފެއްދި އޭއައި އައިނު — ފޮޓޯ/ މެޓާ

އައިނުގެ އެންމެ މުހިންމު އެއް ބަޔަކީ، ވާހަކަ ދައްކައި އިރުޝާދު ދިނުމުން މަސައްކަތްކުރާ "މެޓާ އޭއައި" އެވެ. މިގޮތުން، "ހޭ މެޓާ، ޓޭކް އަ ވީޑިއޯ" އޭ ބުނުމުން ވީޑިއޯ ރެކޯޑްކުރަން ފަށާއިރު، "ހޭ މެޓާ، ހައު ސްޓްރޯންގް އިޒް ދަ ވިންޑް ޓުޑޭ؟" ފަދަ ސުވާލުތައް ކޮށްގެން މޫސުމާބެހޭ މައުލޫމާތު ހޯދޭއިރު ކުޅިވަރާ ގުޅުންހުރި މައުލޫމާތުތައް ވެސް ވަގުތުން ހޯދިދާނެއެވެ.

ލިމިޓެޑް-އެޑިޝަނެއްގެ ގޮތުގައި ނެރޭ މި އައިނު، އަންނަ މަހު 11ގައި ޕްރީ-އޯޑަރަށް ހުޅުވާލާނެއެވެ. އަގުތައް ފެށޭނީ 499 ޔޫއެސް ޑޮލަރުންނެވެ. ފުރަތަމަ ބުރުގައި އެމެރިކާ، ޔޫކޭ، އަދި ޔޫރަޕްގެ ބައެއް ގައުމުތަކަށް ވިއްކަން ފެށުމަށް ހަމަޖެހިފައިވާއިރު، މި އަހަރުގެ ފަހުކޮޅު ޔޫއޭއީ، އިންޑިއާ، އަދި މެކްސިކޯ ފަދަ ގައުމުތަކަށް ތައާރަފުކުރާނެ ކަމަށް މެޓާއިން ބުނެއެވެ.

މި އައިނު އާންމުންނަށް ފުރަތަމަ ފަހަރަށް ދައްކާލީ މިދިޔަ ހުކުރު ދުވަހު ކުޅިވަރަށް ޚާއްސަކޮށް ބޭއްވި ކޮންވެންޝަން "ފެނެޓިކްސް ފެސްޓް" އާއި "ޔޫއެފްސީ އިންޓަނޭޝަނަލް ފައިޓް ވީކް"ގެ ބޮޑު އިވެންޓްގައެވެ.

ސްމާޓް އައިނުގެ ޓެކްނޮލޮޖީއަކީ މުޅިން އާ ކޮންސެޕްޓެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން ގޫގުލް އިން "ގޫގުލް ގްލާސް"ގެ ނަމުގައި މިފަދަ އުފެއްދުމެއް ތައާރަފުކުރި ނަމަވެސް، އޭގެ އަގު ބޮޑުވުމާއި، ފަރުމާ އާދަޔާ ޚިލާފުވުމުގެ އިތުރުން، ޕްރައިވެސީއާ ގުޅޭ ކަންބޮޑުވުންތަކުގެ ސަބަބުން އެއީ އާންމުންގެ މެދުގައި މަގުބޫލުވި އުފެއްދުމަކަށް ނުވި އެވެ.

މެޓާއިން މި ދާއިރާއަށް ވަދެފައިވަނީ އައިނު އުފައްދާ އެންމެ ބޮޑު ކުންފުނި، ލަކްޒޮޓިކާ (Luxottica) އާ ގުޅިގެންނެވެ. މި ގުޅުމުގެ ދަށުން އެންމެ ފުރަތަމަ "ރޭ-ބޭން ސްޓޯރީޒް" ގެ ނަމުގައި ސްމާޓް އައިނެއް ނެރުނުއިރު، އެއީ އާންމު ދިރިއުޅުމާއި ފެޝަނަށް އަމާޒުކޮށްފައިވާ އުފެއްދުމެކެވެ.

"އޯކްލީ މެޓާ ގްލާސަސް"އަކީ މި ޓެކްނޮލޮޖީއަށް ލިބުނު ކުރިއެރުމެކެވެ. މިފަހަރު މުޅި އުފެއްދުން އަމާޒުކޮށްފައިވަނީ ކުޅުންތެރިންނަށެވެ. މީގެ ބޭނުމަކީ، އާންމު އުފެއްދުމެއްގެ ބަދަލުގައި، ވަކި ބޭނުމަކަށް ޚާއްސަ ފީޗާސްތަކެއް ހިމަނައިގެން ޓެކްނޮލޮޖީއަށް މީހުން އަހުލުވެރިކުރުވުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު