ޞާލިޙްގެ އިތުރު ވެރިކަމަކަށް ރައްޔިތުން އެބަ އެދޭތަ؟

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ޞާލިޚް ވާދަ ކުރައްވަނީ: ސުވާލަކީ ރައްޔިތުން އެ ގޮތް ބޭނުންވޭތޯ-- ސަން ގްރެފިކްސް: އަލީ އަލްތޯފް

ދުރުދުރުން ނުގޮސް, ކަންމިވާ ގޮތް ތިލަކޮށްލާނަމެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަނެއްކާ ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރޭ އިއުލާނުކުރެއްވުމަކީ އިއްތިފާގެއް ނޫނެވެ. އެއީ، އެ މަނިކުފާނުގެ ވެރިކަމުގެ ތެރެއިން ކުރީގެ އެންމެ ގާތް އެކުވެރިޔާ, އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ދެމެދު އުފެދުނު ވާދަވެރިކަމުގެ ތެރެއަށް އިތުރުވާ ބޮޅެކެވެ.

ލައްކަ އެއްޗެހި ގޮވާލެއްވުމަށް ފަހު ނަޝީދު ދޫކޮށްލެއްވި އެމްޑީޕީގެ އޮޑިއަށް މިރޭ އަނެއްކާ ވެސް އަރައިވަޑައިގަންނަވާނެއެވެ. އެމްޑީޕީން ވަކިވެގެން ދިޔަ "އަސްލު އެމްޑީޕީ" އޭ ބުނެވޭ ޓީމާ އެކެވެ. ފާޅުގައި އެ ވާހަކަ ނުދެއްކެވިޔަސް ނަޝީދާއި ޞާލިޙްގެ ވާދަވެރިކަން ވަރަށް ވެސް ބޮޑެވެ. ފާޅުގައި ވިދާޅުނުވިޔަސް ނަޝީދާއި އެ މަނިކުފާނުގެ ޓީމުން އެނބުރި އެމްޑީޕީއަށް އައުމަކީ ޞާލިޙާއި އެ މަނިކުފާނުގެ ފެކްޝަން އެހާ ރުހޭ ކަމެއް ނޫނެވެ. އަރިސް ބޭފުޅުންގެ އަރިހުގައި ނަޝީދު ވިދާޅުވާ ކަމަށް އަޑުއިވެނީ ޞާލިޙް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނަމަ ނަޝީދު ވެސް ވާދަ ކުރައްވާނެ ކަމަށެވެ.

https://www.sun.mv/207626

މި ސަރުކާރުގެ ވެސް ރުހުމާ އެކު ބައިނަލްއަގުވާމީ ބޮޑު ޖަމިއްޔާއެއްގެ އިސް ވަޒީފާއަކަށް ނަޝީދު ވަޑައިގަންނަވަން އުޅުއްވާ ކަމަށް ރަށުތެރޭގައި ވާހަކަދެކެވޭއިރު އޭގެ ތެރެއިން ޞާލިހާއި ދެ ބޭފުޅުންގެ ވާދަވެރިކަން އަނެއްކާ ފެށިއްޖެ ނަމަ, އަނެއްކާ ވެސް އެމްޑީޕީގެ އެތެރެ ވަރަށް ފޯރިގަދަ ވާނެއެވެ.

އެމަނިކުފާނުގެ ޅިޔަނު, އަދި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) މެދުވެރި ކުރައްވައި ޞާލިޙް އަނެއްކާ ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ ޚަބަރު ނޫސްތަކަށް އެރުމާ އެކު ލައްކަ ޕޯސްޓާއި ކޮމެންޓްތައް ދައުރުވިއެވެ. ކުރެވެން އޮތީ އެންމެ ސުވާލެވެ. ޞާލިޙް އަނެއްކާ ވެރިކަމަށް ނުގެނެވިގެން ރައްޔިތުންތަކެއް އެބަ އުޅޭތޯއެވެ؟

ވެރިކަމުގައި ހުންނަވައި ނަޝީދު ބަލި ކުރައްވައި އެމްޑީޕީގެ ކޮންޓްރޯލް ހޯދެއްވި ނަމަވެސް މިއަދުގެ ސިޔާސީ ހަގީގަތް ވަރަށް ވެސް ތަފާތެވެ. ޞާލިޙް ވެސް އެ ހަގީގަތް ގަބޫލުފުޅު ކުރައްވަން ވާނެއެވެ. މިއަދު ޞާލިޙާ އެކު އެންމެ އަރިސްކޮށް ތިއްބެވީ, ޅިޔަނު ބިގޭއާއި އަދާލަތު ޕާޓީއަށް ނިސްބަތްވާ, އަދި ޞާލިޙްގެ ވެރިކަމުގައި ޗީފް އޮފް ސްޓާފަކަށް ހުންނެވި އަލީ ޒާހިރާއި އެންމެ ފަހުގެ އިންތިޚާބުގެ ރަނިންމޭޓް މުޙައްމަދު އަސްލަމް ފަދަ ބޭފުޅުން ކޮޅެކެވެ.

ކުރީގެ ރައީސް ޞާލިޙާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ޞާލިޙް ވިދާޅުވީ ސަރުކާރާ މެދު އެންމެން މާޔޫސްވެއްޖެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
ނަޝީދުގެ މޮޅު ސިޔާސީ ގޭމުން ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. ވެރިކަމުގައި ސިޔާސީ ބާރުވެރިކަން ހޯއްދަވަން ޞާލިޙް އެންމެ އަރިސްކޮށް ގެންގުޅުއްވި ބޭފުޅުން ކަމަށްވާ, އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު މި ވަގުތު އެ ތިއްބެވީ ޞާލިޙް ވެރިކަމަށް އަނބުރާ ގެނައުމުގެ ވިސްނުންފުޅަކު ނޫނެވެ. ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ފައްޔާޒު ވަނީ އިއުލާން ވެސް ކުރައްވައިފައެވެ. ޝާހިދު އެކަން އަދި ރަސްމީކޮށް އިއުލާންނުކުރެއްވި ނަމަވެސް އެ މަސައްކަތް ހަމަ ވަރަށް ގަދަކޮށް އެބަ ކުރައްވަވައެވެ. އެހެންކަމުން އެންމެ ބޭނުންވި ދުވަހު، ޞާލިޙާ އެކު ތިއްބެވި ސިޔާސީ އެ ދެ ބާރުވެރިން މިހާރު އެ ތިއްބެވީ ވާދަވެރިންގެ ގޮތުގައެވެ.

ޗޮއިސްއެއް ނެތް ހާލަތުގައި ވެރިކަމަށް!

ދެން އޮތީ ޞާލިޙްގެ ވެރިކަމުގައި ކަން ހިނގައި ދިޔަ ގޮތަށް ބަލާލުމެވެ. ޞާލިޙަކީ މި ފަހުން ރާއްޖެ ދުށް, އެންމެ "ހިލަ" ރައީސް ކަމަށްވާ އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އާރާއި ބާރުގަދަ ސަރުކާރާ ދެކޮޅަށް އިދިކޮޅު އިއްތިހާދުން ދެއްކި ކެންޑިޑޭޓެވެ. އިދިކޮޅު އިއްތިހާދެއް އުފެދުނީ ސިޔާސީ ޕާޓީތަކުގެ ގިނަ ލީޑަރުން ބަންދުގައި ތިބުމުން އިންތިޚާބުގައި ވާދަކުރާނެ މާ ގިނަ ޗޮއިސްތަކެއް ވެސް ނެތް ހާލަތެއްގައެވެ.

ސިޔާސީ މަސްރަހު 2018 ވަނަ އަހަރާއި މިއަދާ ހާސްބައި ތަފާތެވެ. އޭރު ރައްޔިތުންގެ އެ އޮތް ފޯރިއެއް މިއަދު އެއާ ގާތަށް ވެސް ނެތެވެ. ކަންކަން އިސްލާހު ކުރެވޭނެކަމުގެ އުންމީދު ރައްޔިތުން އެ ދުވަހު ވަރަށް ބޮޑަށް އޮތެވެ. ސިޔާސީ މީހުންނަށް އިތުރުބާރު ކުރިއެވެ. އެ މަންޒަރު ވަރަށް ކައިރިން ދުށީމެވެ. އެ ކަވަރޭޖުގައި 47 ރަށަށް ދިޔައީމެވެ.

"ވައްކަން، ވަގުން، ހިޔާނާތް، އިންސާފު، ޒީރޯ ޓޮލެރެންސް،"

މިއީ އެ ފޯރިގަދަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ޞާލިޙް އެންމެ ގިނައިން ބޭނުންކުރެއްވި ބަސްފުޅުތަކެވެ. ރައްޔިތުން އެ ވާހަކަފުޅަށް އިތުބާރު ކުރިއެވެ. އޭގެ ހެއްކަކީ ވޯޓުލީ މީހުންގެ 58.4 ޕަސެންޓް ޞާލިޙް ވެރިއަކަށް ކަނޑައެޅުމެވެ. އެއީ، 134,705 މީހުންގެ އުންމީދެވެ.

https://www.sun.mv/184763

ޞާލިޙަށް ރައްޔިތުން ދިނީ ވެރިކަން އެކަންޏެއް ނޫނެވެ. ގާނޫނު ހަދާ މަޖިލީހާއި ކައުންސިލްތައް ވެސް ދިނެވެ. ވައުދުތައް ބޭނުން ގޮތަކަށް ފުއްދުމުގެ ގާނޫނީ އާރާއި ބާރު ދިނެވެ. ކުރުކޮށް ދަންނަވާނަމަ ނުދޭ ހަމަ އެއްވެސް ބާރެއް ނެތެވެ. ދެން ސުވާލަކީ ނަތީޖާ ކިހިނެއްތޯއެވެ؟

އެ ސަރުކާރުގެ ކާމިޔާބީތަކަށް ބަލާނަމަ މުޅި ދުނިޔެއަށް މި ފަހުން ކުރިމަތިވި އެންމެ ބޮޑު ވަބާ ކަމަށްވާ ކޮވިޑް މެނޭޖުކުރުމުގައި ހޯދި ކާމިޔާބީތައް ހިމެނެއެވެ. އަނެއްކޮޅުން ޞާލިޙަކީ އެމަނިކުފާނުގެ ކެމްޕެއިން ލަވާގައި އެ ބުނާފަދަ އޯގާތެރި ވެރިއެކެވެ. ގަދަކަން ދައްކައި, އަނިޔާވެރިވި ބޭފުޅެއް ނޫނެވެ. ވާދަވެރިންނާއި ފާޑުކިޔާ މީހުންގެ ހިޔާލަށް ގިނަ ފަހަރަށް އިހުތިރާމު ކުރެއްވެވިއެވެ.

ނަމަވެސް، އެ ސަރުކާރުގެ އެންމެ ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ފެންނަނީ ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގެ ގާނޫނީ ބާރުވެރިކަން ދިނުމުން އެކަން ނުވުމެވެ. ވެރިކަން ހޯދަން އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ވާހަކަ އަބަދު ދެއްކެވިއިރު ގެއްލުނު އެންމެ ފައިސާ ފޮއްޗެއް ވެސް ނުހޯދުނެވެ. އެންމެ ފަހުން ދައުރު ނިންމާލީ އެ މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މިނިވަން ވެސް ކުރުމަށް ފަހުގައެވެ. އެ ވެސް ސިއްރުސިއްރުން ވަލު ދޮރާށީން ފުރުވާލި ގޮތަށެވެ.

އަނެއްކޮޅުން ޚާރިޖީ ސިޔާސަތު އޮތީ އެއްކޮޅަށް ގޮސް ހުސްވެފައެވެ. އިގުތިސާދަށް ބެލިނަމަވެސް ރޭވުންތެރިކަން ވަރަށް ދަށެވެ. ބޮޑެތި ލޯނުތައް ނަގައިގެން ކުރީ މުޅިން ވެސް ޚަރަދެވެ. އެ ޚަރަދު ކުރީ އެ ލޯނު އަނބުރާ ދައްކާނެ ފައިސާ ލިބޭނެ ފަދަ ކަންކަމަކަށް ނޫނެވެ. ކުޑަ ރަށެއް, ބޮޑު ރަށެއް ތަފާތު ނުކުރާނަމޭ ކިޔައި ގައުމީ ފެންވަރެއްގައި އަކުންބަކުން ކުޅުނީއެވެ. އޭގެ ހިތި މިއަދު ރާއްޖެ މި އަންނަނީ ތަޖުރިބާ ކުރަމުންނެވެ. ނުލިބޭ އާމްދަނީއަކުން ލޯނު ދައްކަން ޖެހުނީމައެވެ. އަނެއްކާ ސަރުކާރު ކުންފުނިތައް ހިންގީ ގިނައިން ސިޔާސީ މަންފާއަށެވެ. ވަޒީފާ ބެހުންފަދަ ކަންކަމުގައި ހައްދު ފަހަނަ އެޅިއެވެ.

އަނެއްކާ ކޮރަޕްޝަނާ ދެކޮޅަށް އައި ސަރުކާރުގައި އެ ހަޑި ވަރަށް ބޮޑެވެ. ފެނަކައަށް އެކަނި ބެލިނަމަވެސް އެ ހަގީގަތް ފެންނާނެއެވެ. ޚާއްސަކޮށް އޭރު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ކޮންޓްރޯލް ހޯދުމަށް ވިޔަފާރީގެ ފުރުސަތުތައް ދީގެން ލައްކަ ނާޖާއިޒު ފައިދާ ހޯދައި ދިނެވެ.

ދެން އޮތީ ލީޑާޝިޕްގެ ކުޅަދާނަ ކަމެވެ. މިއީ ވެރިއެއްގެ އެންމެ މުހިންމު ސިފައެވެ. ވެރިކަން ގެއްލި އިދިކޮޅުގައި އެމްޑީޕީއިން ކުރި ތަޖުރިބާއާއި ދެއްކުނު ޕާފޯމަންސްއަށް ބެލުމުން އެކަން ހާމަ ވާނެއެވެ. ޞާލިޙްގެ ލީޑާޝިޕްގައި އެމްޑީޕީއަށް މި ފަހުން ލިބުނީ ގިނައިން ނާކާމިޔާބީއެވެ.

ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރަން މިހާތަނަށް ވެރިއަކު ނުކުރާވަރުގެ ޚަރަދާއި މަސައްކަތް ޞާލިޙް ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރެއްވެވިއެވެ. ވަޒީފާތައް ބެހުންފަދަ ދައުލަތުގެ އެތައް ވަސީލަތެއް ވެސް ބޭނުން ކުރެއްވެވިއެވެ. ނަމަވެސް، ރައްޔިތުން ބޮޑުތަނުން ޖެހީ "ނޯ" އެވެ.

އަދިވެސް ޞާލިޙުގެ ވެރިކަމެއް ބޭނުން؟

އެކިއެކި މޭޒުތަކާއި މައިދާންތަކުން ވެސް އަދި ސޯޝަލް މީޑިއާއިން ވެސް ރަނގަޅު ވެރިންނަށް އަދި އިތުރު ފުރުސަތެއް ދޭން ޖެހޭ ވާހަކަ އަޑުއިވެއެވެ. އެގޮތުން، މި ސަރުކާރުން މިހާތަނަށް ދެއްކި ޕާފޯމަންސްއާ އެކު އެންމެ ގިނަ ބަޔަކު ހަދާން އާކުރާ އެއް ވެރިއަކީ ކުރީގެ ރައީސް ޔާމީނެވެ. އެ ވެރިކަމުގައި ގެންނެވި ބަދަލާއި ކުރެއްވެވި ކަންކަމުގެ ވާހަކަ މީހުން މިހާރު ދައްކައެވެ. ސިޔާސީ އެކި ފިކުރުގެ ގިނަ ބައެއްގެ ފަރާތުން އެ ވާހަކަ އަޑު އަހައިފީމެވެ.

ހަމައެހެންމެ ރައީސް ނަޝީދު ރާއްޖެއަށް ގެންނެވި ބަދަލުތަކުގެ ވާހަކަ ވެސް މީހުން ދައްކާ އަޑު އަހަމެވެ. އާސަންދައާއި ދުވަސްވީ މީހުންނަށް ފައިސާ ދިނުމާއި ޓެކްސްގެ ނިޒާމު ފަދަ ކަންކަމެވެ. އެހެންކަމުން ނިކަމެތިންނަށް އެންމެ ރަނގަޅު ވެރިއަކީ ނަޝީދު ކަމަށް ބުނާ މީހުން ގިނައެވެ.

އެމްޑީޕީން ބޭއްވި ޖަލްސާގެ ތެރެއިން: -- ފޮޓޯ/ އެމްޑީޕީ
ސުވާލަކީ މިގޮތަށް ރައީސް ޞާލިޙް ކުރެއްވެވި ކަންކަން ރަނގަޅުވެގެން އެ މަނިކުފާނަށް އަދި ފުރުސަތެއް ދޭން ޖެހޭ ވާހަކަ ގިނަ ބަޔަކު ދައްކާ އަޑު އެހިންތޯއެވެ؟

"ވެރިކަން ކުރިޔަސް ބޮޑު އެއްވެސް ކާމިޔާބީއެއް ހާސިލެއް ނުކުރެވޭ ޞާލިޙަކަށް. ކުރެވިފައި ހުރީ, އާދައިގެ ކަންކަން. އެއަށް ފަހު، އެންމެ ސީނިއާ މީހެއްގެ ގޮތުގައި އެމްޑީޕީގައި ލީޑާޝިޕް ދައްކަންވި ވަގުތުގައި ވެސް އެ ކެރިޒްމާއެއް ނުފެނޭ. އެމްޑީޕީ އެހާ ބޮޑަށް ވަނދުވީ އިބޫގެ ލީޑާޝިޕް ނެތީމާ. އެކަމުގެ ސަބަބުން އެކަނި ވެސް ގައުމަށް އެތައް ގެއްލުމެއްވި," ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

އެއީ އޭނާގެ ވިސްނުމެވެ. ނަމަވެސް، ޞާލިޙަށް ތާއީދު ކުރާ ބަޔަކު ވެސް އުޅެފާނެއެވެ. ނަމަވެސް ވެރިކަމުގައި ހުންނެވިއިރު އަރިހުގައި އެ އުޅުއްވިހާ މީހުންނާއި އޭރު އެ އަޑުއިވިވަޑައިގެންނެވިހާ ސަނާއެއް މިހާރު ވެސް އެ ގޮތަށް އޮންނާނެ ކަމަށް ގަބޫލުކުރެއްވުމަކީ ހެއްދެވޭނެ ވަރަށް ބޮޑު ގޯހެކެވެ.

ދައުލަތުން ކޮންމެ މަހަކު އެތައް ލައްކަ ރުފިޔާއެއްގެ އިނާޔަތާއި ހިމާޔަތުގައި ހުންނެވި ކުރީގެ ރައީސަކު އެނބުރި އިންތިޚާބަށް ނުކުންނަން ވާނީ ވަރަށް ވިސްނަވާފައެވެ. ޚާއްސަކޮށް ގައުމު އެކަމަށް އެދޭނަމައެވެ. ވަރަށް އަބުރުވެރިކަމާ އެކު ސިޔާސީ ކަންކަމުން ރިޓަޔާ ކުރެއްވުމަށް ފަހު އެނބުރި މައިދާނަށް ވަޑައިގެންނެވުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޖެހިވަޑައިގެންނެވި ހާލު އެއީ އިބުރަތަކަށް ފުދެއެވެ. ކުރިން އެންމެ ގިނަ ބަޔަކު އެ ބޭފުޅަކަށް ތާއީދުކުރެއްވެވި އެ ރައީސަށް ފަހުން 3،000 މެންބަރުން ވެސް ހަމަ ނުވެގެން ޕާޓީ ވެސް ގެއްލުނީއެވެ.

ކޮންމެ ބޭފުޅަކަށް ވެސް އެ ބޭފުޅަކު ފެންނާނީ ވަރަށް ބޮޑުކޮށް, ފުރިހަމަ ކޮށެވެ. އެކަމަކު، ވެރިކަމާ އުޅުއްވާއިރު ބޮޑަށް ބަލަންވީ ރައްޔިތުން އެ ބޭފުޅަކު ގެންނަން ބޭނުންވެގެން އުޅޭތޯއެވެ. އަދި، ކުރިން ދެއްކުނު ނަތީޖާއާ މެދު ރައްޔިތުން ރުހޭތޯއެވެ. ޞާލިޙަށް ބަލާނަމަ އެ މަނިކުފާނު ވެރިކަމަށް ނުގެނެވިގެން މާ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އުޅޭ މަންޒަރެއް ހަމަ ގައިމު ވެސް އަދި ނުފެނެއެވެ.

comment ކޮމެންޓް