މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގުގައި ފާހަގަކުރި ކަންކަން ތަންފީޒުކޮށް ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އަންގަވައިފިއެވެ.
އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވަނީ، ކޮމިޝަނަށް ފާހަގަވި ކަންކަން ބަޔާންކޮށް އެކަންކަން ރަނގަޅު ކުރުމަށް ލަފާދީފައެވެ. އެގޮތުން ކޮމިޝަނުން ފުލުހުންގެ މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ:
-
ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުން. އެހެންކަމުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވުން
-
ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވުން އަދި ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވުން
-
މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޔުމްނު އޮތް މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވުމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތުމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވުން
ރިޕޯޓުގައި އައިޖީއެމްއެޗްގެ މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަން:
- ޔުމްނުއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓަކައި އައިޖީއެމްއެޗްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)އިން، އައިޖީއެމްއެޗްގެ އެފްޕީޔޫއަށް އެންގުމަށްފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވުން
ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ، އަނިޔާ ލިބިފައިވާ ޒުވާން އަންހެނަކު ފެނުމުން، އެ މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްއަށް ގެންދެވުމުން، ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައި ވެސް އެ މީހާއަކީ އަނިޔާތަކެއް ލިބިފައިވާ މީހެއްކަމަށް ބަލައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަންހުރި އަނިޔާތައް ދެނެގަންނަން ޖެހޭކަމަށެވެ.
އަދި އެއްވެސް ނިޝާނެއް ފެންނަން ހުރި ނަމަ އެ ނިޝާންތަކުގެ ފޮޓޯނަގައި، ޖިންސީ އަނިޔާއެއް ކޮށްފައިވާކަމަށް ބަލައި "ވަޖައިނަލް ސްވޮބް"، "އޭނަލް ސްވޮބް" ،"ބަކަލް ސްވޮބް" އަދި އެހެނިހެން ކަންކަމަށްވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ އެންމެހައި ސާމްޕަލްތައް ނަގައި ހެއްކާއި ޤަރީނާ ނުގެއްލޭގޮތަށް އެ މަޢުލޫމާތު އެއްކޮށް ތައްޔާރުކުރަން ޖެހޭ ކަމަށް އެ ރިޕޯޓުގައި ވެއެވެ.
އެކަންކަން ކުރުމުގައި އައިޖީއެމްއެޗްގެ އެފްޕީޔޫއިން ލަސްނުކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރުން މުހިންމު ކަމަށް ކޮމިޝަނުން ލަފާދިނެވެ.
ރިޔާސީ ކޮމިޝަންގެ މި ރިޕޯޓްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި އައިޖީއެމްއެޗްއާ ގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ މިކަންކަން ކުރިޔަށްއޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އިދާރާތަކުގެ އެސްއޯޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށް ރިޔާސީ ކޮމިޝަނުން ވަނީ ލަފާދެއްވާފައެވެ.
އެހެންކަމުން މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ވަނީ އަންގަވައިފައެވެ.
މީގެ އިތުރުން މި ރިޕޯޓުގައި ވަނީ، ހާދިސާ ހިނގި ރޭ ރައުދާއި ޔުމްނު ފިޔަވައި އިތުރު މީހަކު ނުފެންނަ ކަމަށް ސީސީޓީވީ ފުޓޭޖުން ދައްކާ ކަމަށެވެ.
އަދި ހެކިންގެ ހެކިބަހާއި ފޮރެންސިކް ރިޕޯޓުތަކަށް ބަލާއިރު ވެސް ތިންވަނަ ފަރާތެއް ހާދިސާ ހިނގި ތަނުގައި އެ ވަގުތު ހަރަކާތްތެރިވިކަން އެނގެން ނެތުމުން، ފެންޓޯނިއާގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަ ދޮރުން ޔުމްނު ވައްޓާލުމުގައި ނުވަތަ ފުންމާލުމުގައި ނުވަތަ ވެއްޓުމުގައި ރައުދު ފިޔަވައި އެހެން ފަރާތެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް އެ ރިޕޯޓުގައި ވެއެވެ.