ތަހުގީގަށް ދޮގު ބަޔާންދިނުމުން ދައޫދުގެ މައްސަލަ ބަލަނީ

ދައޫދު: ތަހުގީގަށް ދޮގު ބަޔާންދިނުމުން ދައޫދުގެ މައްސަލަ ބަލަނީ -- ފޮޓޯ/ ރައީސް އޮފީސް

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ދާއޫދު އަހުމަދު ތަހުގީގަށް ދޮގު ބަޔާންދީފައިވާތީ އާއި ހާދިސާގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ނޭންގުމުން އޭނާގެ މައްސަލަ ބަލަން ހޯމް މިނިސްޓްރީއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އަންގަވަފިއެވެ.

ދާއޫދަކީ މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. މީގެ ކުރިން އޭނާ ހުންނެވީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައެވެ. ނަމަވެސް، މި މައްސަލަ ފެންމަތިވުމުން އެޕްރިލް މަހުގެ 24ވަނަ ދުވަހު އޭނާ ވަނީ މަގާމުން ސަސްޕެންޑު ކުރުމަށް ފަހު މަގާމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

https://sun.mv/207477

ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ތަހުގީގީ ރިޕޯޓު އާންމުކޮށްފައި ވަނީ މިމަހު 17ގައެވެ.

ރިޕޯޓުގައި ވަނީ ހާދިސާއަށް ފަހު އެރޭ ރައުދާއި ދާއޫދު ބައްދަލުވެފައިވާ ކަމަށާއި ޔުމްނުގެ ވާހަކަ ދެމީހުންގެ މެދުގައި ދައްކާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް، އިންސާނިއްޔަތުގެ ނަޒަރުން ބަލާއިރު، ޔުމްނުއަށް ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބި ފުރާޅުމަތީގައި އޮންނަން ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

މި ހާދިސާގައި ރައުދުގެ އިހުމާލާ އެއްވަރަށް، ހާދިސާގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދާއި އެ ގެއިން ރައުދާ ދިމާވި މީހުންގެ ބައިވެރިވުން ހިމެނޭތީ، އެކަން އިތުރަށް ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ވާގޮތަށް މި މައްސަލައިގައި އެމީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލައިގައި ދާއޫދު ތަހުގީގަށް ދިން ބަޔާނުގައި ބުނީ، މި މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތު ކޮށްފައިނުވާނެ ކަމަށެވެ.

ނަމަވެސް، ހާދިސާ ހިނގި ދުވަހު އެކި ފަހަރުމަތިން ދާއޫދު މިނިސްޓަރު އިހުސާނާ ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. އަދި، ހާދިސާގެ ފަހުން ރައުދު ގެއަށް ގެންދިޔުމުން އޭނާ ބަލައި ފޭބީ ދާއޫދު ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ރިޕޯޓުގައި މިނިސްޓަރު އިހުސާނާއި ދާއޫދާ ދެމެދު ދެކެވުނު ވާހަކަތަކުގެ ތަފުސީލު ހިއްސާކޮށްފައި ވެއެވެ.

https://sun.mv/207425

މީގެ އިތުރުން މި ރިޕޯޓުގައި ވަނީ، ހާދިސާ ހިނގި ރޭ ރައުދާއި ޔުމްނު ފިޔަވައި އިތުރު މީހަކު ނުފެންނަ ކަމަށް ސީސީޓީވީ ފުޓޭޖުން ދައްކާ ކަމަށެވެ.

އަދި ހެކިންގެ ހެކިބަހާއި ފޮރެންސިކް ރިޕޯޓުތަކަށް ބަލާއިރު ވެސް ތިންވަނަ ފަރާތެއް ހާދިސާ ހިނގި ތަނުގައި އެ ވަގުތު ހަރަކާތްތެރިވިކަން އެނގެން ނެތުމުން، ފެންޓޯނިއާގެ ނުވަ ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަ ދޮރުން ޔުމްނު ވައްޓާލުމުގައި ނުވަތަ ފުންމާލުމުގައި ނުވަތަ ވެއްޓުމުގައި ރައުދު ފިޔަވައި އެހެން ފަރާތެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

comment ކޮމެންޓް