އިސްރާއީލާއި އީރާނާއި ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ގޯސްވެފައިވާ ދަނޑިވަޅުގައި ޤަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފިއެވެ.
މި ހަމަލާއަކީ އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އީރާނުން ދިން ހަމަލާއެއް ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި ހަމަލާގެ ސަބަބުން ލިބިފައިވަ ތަފުސީލު އަދި އެނގިފައެއް ނުވެއެވެ.
މި ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ޤަޠަރުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފިއެވެ.
އެ ފިޔަވަޅު އެޅީ ރައްޔިތުންނާއި އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެމެރިކާއާއި އިސްރާއީލާއި ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މެދުއިރުމަތީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
މި މަހުގެ 13ވަނަ ދުވަހު އިސްރާއީލުން އީރާނަށް ހަމަލާދިން ފަހުން މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ. އިސްރާއީލުން ފުރަތަމަ ދިން ހަމަލާތަކުގެ ސަބަބުން އީރާނާއި އިރާގާއި އުރުދުންގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން މަޖުބޫރުވިއެވެ.
ހަމަލާތައް ވަރުގަދަވެ، އިސްރާއީލުގެ މައި އެއާޕޯޓް، ތެލް އަވީވްގެ ބެން ގުރިއޮން ބަންދުކޮށްފައިވާއިރު، އިސްރާއީލަށް ދަތުރުކުރާ ހުރިހާ ފްލައިޓުތަކެއް ވަނީ ދަތުރުތައް މެދުކަނޑާލާފައެވެ.
އޭގެއިތުރުން، ބްރިޓިޝް އެއާވޭސް އާއި އެއާ ފްރާންސް ކޭއެލްއެމްއިން ވަނީ ހަފުތާ ބަންދުގައި ދުބާއީ، ދޯހާ، އަދި ރިޔާޟް ރޫޓުތަކުގައި ދަތުރުތައް ކެންސަލްކޮށް، އިސްލާހުކޮށްފައިވާ ޝެޑިއުލްތަކުގައި ފަސިންޖަރުންނަށް ރީބުކް ކުރުމުގެ ފުރުސަތު ދީފައެވެ.
ސިންގަޕޫރު އެއާލައިންސްގެ ސެކިއުރިޓީ ރިވިއުއަކަށް ފަހު ސިންގަޕޫރާއި ދުބާއީއާ ދެމެދު ކުރާ ދަތުރުތައް ވެސް ވަނީ މެދުކަނޑައިލައިފިއެވެ.
އެމެރިކަން އެއާލައިންސް އިން ޤަތަރަށް ކުރާ ދަތުރުތަކާއި ޔުނައިޓެޑް އެއާލައިންސްއިން ދުބާއީއަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
ލުފްތާންސާއިން ތެހެރާނާއި ތެލްއަވީވަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާއިރު، އީރާނާއި އިރާގު އަދި އިސްރާއީލުގެ ވައިގެ ސަރަހައްދުން ދަތުރު ނުކުރާނެ ކަމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.
މި މަހުގެ 30ގެ ނިޔަލަށް ތެހެރާން، ބަޣްދާދު އަދި ބަސަރާއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެމިރޭޓްސްއިން ވަނީ އިއުލާނުކޮށްފައެވެ. ފްލައި ދުބާއީއިން ވަނީ އީރާން، އިރާގު، އިސްރާއީލް އަދި ސީރިއާއަށް ކުރާ ދަތުރުތައް ވެސް މި މަހުގެ ފަހުކޮޅާ ހަމައަށް ހުއްޓާލާފައެވެ.
ސަރަހައްދީ އެހެން އެއާލައިންތަކުން ވެސް ވަނީ ގިނަ ދަތުރުތަކެއް ކެންސަލްކޮށްފައެވެ. އެގޮތުން އޮމާންގެ ސަލާމްއެއާއިން އީރާނާއި އިރާގު އަދި އަޒަރުބައިޖާނަށް ކުރާ ހުރިހާ ދަތުރުތަކެއް މި މަހުގެ 30ގެ ނިޔަލަށް ވަނީ މެދުކަނޑާލާފައެވެ.
އެއާލައިންތަކުން ދަތުރުތައް މެދުކަނޑާލަނީ ކީއްވެ؟
އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަށް ފަހު ނުރައްކާ އިތުރަށް ބޮޑުވުމާއި އީރާނުން ބަދަލު ހިފުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސޭފް އެއާސްޕޭސް ހިމެނޭ ގޮތަށް ގްލޯބަލް އޭވިއޭޝަން ސޭފްޓީ ބޮޑީސްއިން ވަނީ އެލާޓް ނެރެފައެވެ.
އެ ޖަމިއްޔާއިން ބުނީ އެ ސަރަހައްދުގައި މިހާރު ދެމުންގެންދާ މިސައިލް އަދި ޑްރޯންގެ ހަމަލާތަކަކީ ފްލައިޓްތަކަށް ނުރައްކާ ވެދާނެ ކަމެއް ކަމަށާއި ހާއްސަކޮށް އެމެރިކާގެ އެއާލައިންތަކުން އޮޕަރޭޓްކުރާ ފްލައިޓްތަކަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.
އޭވިއޭޝަން ކޯރިޑޯއެއްގެ ގޮތުގައި މެދުއިރުމަތި ކިހާ މުހިންމު؟
މެދުއިރުމައްޗަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުތަކަށް މުހިންމު މަންޒިލެއް ކަމަށް މެދުއިރުމަތީގައި ދިރިއުޅޭ އޭވިއޭޝަން އެނަލިސްޓެއް އަދި ކޮންސަލްޓަންޓެއް ކަމަށްވާ އެލެކްސް މަޗެރާސް ވިދާޅުވިއެވެ.
"މި ކޮރިޑޯއަށް ވަދެވުން މެދުކެނޑިއްޖެ ނަމަ ވަރަށް ގިނަ ގެއްލުން ވާނެ. ފްލައިޓްތަކުގެ ދަތުރުތައް ދިގުވެ، ޚަރަދުތައް ބޮޑުވާނެ." މަޗެރާސް އާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ޔޫރަޕާއި އޭޝިއާއާ ދެމެދު ދަތުރުކުރާ ފްލައިޓްތަކުގެ ޓްރާންސިޓް ރޫޓެއްގެ ގޮތުގައި މެދުއިރުމަތީގެ ވައިގެ ކޯރިޑޯގެ މުހިންމުކަން އިތުރަށް ބޮޑުވެފައިވަނީ 2022ވަނަ އަހަރު ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދިނުމާ ގުޅިގެން ރަޝިޔާ އާއި ޔޫކްރޭންގެ ވައިގެ ސަރަހައްދު ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކަކަށް ބަންދުވުމާ ގުޅިގެންނެވެ. ނަތީޖާއެއްގެ ގޮތުން ޔޫރަޕާއި އޭޝިއާގެ ފްލައިޓްތައް ދަތުރުކުރަން ޖެހެނީ މެދުއިރުމަތި ހުރަސްކޮށްފައެވެ.
ޤަތަރުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އިއުލާނުކޮށްފައިވާއިރު، ދިވެހިރާއްޖެއަށް ދަތުރުކުރާ ގިނަ ފަތުރުވެރިން ވެސް އަންނަނީ ޤަތަރުގައި ޓްރާންސިޓްވުމަށްފަހުއެވެ.
އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް އީރާނުގެ 400 އަށްވުރެ ގިނަ މީހުން މަރުވެ، 3056 މީހުން ވަނީ ޒަޚަމްވެފައެވެ. އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 24 މީހުން މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.