އެތެރެއިން: ނަޝީދުގެ ފޯކަސް ރިޔާސީ ރޭހަކަށް ނޫން، ޞާލިޙަށް

ކުރީގެ ރައީސް ނަޝީދާއި ޞާލިޙް: ދެ ބޭފުޅުންގެ ވާދަވެރިކަން އަދިވެސް ކުރިއަށްވުރެ ބޮޑަށް އެބައޮތް -- ފޮޓޯ/ އިންޑިއަން އެކްސްޕްރެސް

ކިތަންމެ ބޭނުންފުޅުވިޔަސް މިއަދު މިއީ އެ ދުވަހެއް ނޫނެވެ. އެނބުރި ވަޑައިގެން އަލުން ރީނދޫ ޕޯޑިއަމްގެ ފަހަތުގައި އެމްޑީޕީގެ ހިޔަލުގައި ހުންނެވިޔަސް މިއީ އެ ދުވަހެއް ނޫނެވެ. އޮޅިވަޑައިގަންނަވައިގެން ނުވާނެއެވެ. އެ ދުވަހެއް ދެން ނުލިބޭނެއެވެ. އެ ހަގީގަތް ގަބޫލުކުރައްވަން ވާނެއެވެ.

އެމްޑީޕީގެ ޖެހުނު 'ކުންޏެއްގައި' ޕާޓީ ދޫކުރައްވާފައި ވަޑައިގެން 'އެމްޑީޕީ ރޫޅާލާނަން' އަޑުހަރުކޮށް ވިދާޅުވި ސިޔާސީ މުފައްކިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެ ހުންނެވީ އެމްޑީޕީގައެވެ. އާ ހިތްވަރަކާ އެކު، އާ ޖޯޝެއްގައި 'މި އޮޑިއެއް ނުފެތޭނޭ'، 'އަޅުގަނޑުގެ މުޅި ހަޔާތް ހޭދަކުރީ އެމްޑީޕީއަށްޓަކައި'އޭ ވިދާޅުވެ، ފޯރި ކައްކުވާލައްވައިގެންނެވެ.

އެއީ ތޫނުފިލި ބޭފުޅެކެވެ. އެކަމަކު، ޖަޒުބާތީ ވެސް ބޭފުޅެއްކަން ތާރީޚު އެ އޮތީ ހެކިދޭށެވެ. ހިލާ ނޫނެކޭ ނުބުނެވޭނެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެ މަނިކުފާނު އެނބުރި އެމްޑީޕީއަށް ވަޑައިގެން ޖަލްސާ ބޭއްވެވީ ރޭގައި -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީއަށް ގޮންޖައްސަވައި، ދެވަނަ ބުރެއްގައި ވެސް 'ތިޔަ ޕާޓީއަށް ނުދާނަމޭ' ވިދާޅުވެ ނަޝީދާއި ޑިމޮކްރެޓްސްގެ ވެރިން ތިއްބެވީ އެމްޑީޕީއަކީ 'ވަގުންގެ ހާއްޔަކަށް' ހައްދަވައިގެންނެވެ. ބަދަލުވީ ކޮން ކަމެއްހެއްޔެވެ؟ ބަދަލުވީ އެ ބޭފުޅުންގެ ރާގެވެ. ދެއްކެވި ވާހަކަފުޅާއި ހަގީގަތާ އޮޅުންބޮޅުންވެއްޖެއެވެ. ޚުދު އެ ބޭފުޅުންނަށް ވެސް ހަގީގަތް އެނގޭ ބާވައޭ ރައްޓެހި ރަހުމަތްތެރިން އެބަ އަހައެވެ.

އެ ޖެއްސެވީ އުނބަށް؟

އެމްޑީޕީ ދޫކުރައްވާފައި ނަޝީދު ވަޑައިގަތީ އެ ޕާޓީ ދެން ލިބިވަޑައިނުގަންވާނެކަން ޔަގީންވެލެއްވީމައެވެ. އެންމެ ފަހު، ނޭވާގައި ވެސް 'މި ޕާޓީ އަނބުރާ ހޯދާނަމޭ' ވިދާޅުވެ، އެކުގައި ތިއްބެވި ބޭފުޅުން ޑިމޮކްރެޓްސްއަށް ލައްވައިގެން އެ މަނިކުފާނު ގިނިކަންޏާ އެމްޑީޕީގައި ހުންނެވިއެވެ.

އެކަމަކު، ކުޑައިރުގެ އެކުވެރިޔާ، ޅައިރުގެ ބައިވެރިޔާ، އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ފަހަތްޕުޅުގައި ހުންނަވަން ކެތްނުވީއެވެ.

"ޕްރައިމަރީގައި ވާދަކޮށްފައި، ޕްރައިމަރީން ބަލިވީމާ ބަލި ގަބޫލުނުކޮށް ޕާޓީ ދޫކޮށްލީ. އެ ހުރިހާ ދުވަހު، ޑިމޮކްރަސީގެ ބައްޕާފުޅުގެ ގޮތުގައި އަމިއްލަފުޅަށް ބެޖު ޖެއްސެވި ބޭފުޅާގެ ފަރާތުން ހަގީގަތުގައި އޭރު ފެނުނީ ޖަޒުބާތު،" ސިޔާސީ ކަންކަމާ ފިކުރުހިންގާ ބޭފުޅަކު މި ކަމުގައި އޭނާގެ ނަޒަރެއް އަހައިލުމުން މަޑުމަޑުން އިރުކޮޅަކު އިންނަވާފައި ވިދާޅުވިއެވެ.

"މިހާރު ރިގްރެޓްކުރައްވާނެ ޑިމޮކްރެޓްސް އުފެއްދުނީތީ. މިހާރު ރިގްރެޓްކުރައްވާނެ އެމްޑީޕީ ދޫކުރެއްވުނީތީ. އެކަމަކު، ދެން އެއީ ނުވާ ކަމެއް ކަމަށް ވާނެތޯ؟"

https://sun.mv/182800

އެއީ ހިތި ހަގީގަތެވެ. މާލޭގެ އާޓިފިޝަލް ބީޗު މެދުގައި ގޮނޑިބަރި ޖައްސަވައިގެން ވަފާތެރި އެންމެން އެއްކުރައްވައިގެން ތިމަން މަނިކުފާނު އެމްޑީޕީ ރޫޅާލާނަމޭ ވިދާޅުވެވުނީތީ އެ މަނިކުފާނު ހިތާމަކުރައްވާނެއެވެ. ސަބަބަކީ، އެ މަނިކުފާނު އުންމީދުކުރެއްވި ނަމަވެސް އެމްޑީޕީގެ "'ފޫވަކަކީ" އެ މަނިކުފާނު ނޫންކަން މި އޮތީ އެނގޭށެވެ. އެ ހަގީގަތް މި އޮތީ ފެންނާށެވެ. ޚުދު އެ މަނިކުފާނުގެ އަމަލުފުޅުތަކުންނެވެ.

ވަފާތެރި ބޭފުޅުންގެ ކެރިއަރު ހަލާކު؟

ނަޝީދަށް ލިބިވަޑައިގެން އެންމެ ބޮޑު އެސެޓަކީ ވަފާތެރިންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޖަލްސާތައް ބަލައިލީމާ ވެސް އެކަން އެނގޭނެއެވެ. އެމްޑީޕީގެ އާރާއި ބާރުވެރިކަން ދޫކުރައްވައި ތިމަން މަނިކުފާނާ އެކު ވަޑައިގަންނަވާށޭ ގޮވައިލެއްވީމާ އޭރު އެ ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ޝިފާޒް (ޝިއްޕެ) ފަދަ އެތައް ބޭފުޅުންނެއް ފަހަތުން ވަޑައިގަތެވެ.

އޭރު މަޖިލީހުގައި އެންމެ އަޑުހަރުކޮށް ވާހަކަދެއްކެވި ބޭފުޅުން ވެސް ނަޝީދަށް ތެދުވެރިވިއެވެ. ކޮއްކޯފުޅު އީވާ އަބްދުﷲ އާއި ހަސަން ލަތީފާއި އިމްތިޔާޒް ފަހުމީ (އިންތި)އާއި މުހައްމަދު ވަހީދު (ވައްޑޭ)އާއި އިބްރާހިމް ރަޝީދު (ބޮންޑޭ) ފަދަ ބޭބޭފުޅުން ދެވަނަ ވިސްނުމަކަށް ނުގޮސް ޑިމޮކްރެޓްސްއަށް ވަޑައިގަތެވެ.

ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅުން: އޭގެ ގިނަ ބޭފުޅުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެއްޖެ -- ފޮޓޯ/ ޑިމޮކްރެޓްސް

އެކަމަކު، އާޚިރުގައި ނުކުތީ ކޮން ނަތީޖާއެއް ހެއްޔެވެ؟ ކަނު ލޯތްބަކަށްވީ ވަފާތެރިކަން ނިމުނީ އެ ބޭފުޅުންނަށް ހިތި ކޮށެވެ.

އެމްޑީޕީގައި އޭރު އެންމެ މަގުބޫލު ބޭފުޅުންގެ ތެރޭގައި އެ ބޭފުޅުން ހިމެނޭނެއެވެ.

"ޑިމޮކްރެޓްސްއަށް މީހުންނެއް ނުދިޔަ. ޕާޓީއަށް ކިރިޔަކިރިޔާ 3،000 މެންބަރުން ހަމަވީ. ޕާޓީއެއް ވަޔަކު ނުހިފި. އަނެއްކާ މަޖިލީސް އިންތިޚާބުގައި އެ ހުރިހާ އެންމެން އެކީ ބަލިވެ، ސިޔާސީ ކުރިމަގު މުޅިން ބަނަވީ. ހަމައެކަނި ސަބަބަކީ އެމްޑީޕީން ވަކިވުން،" ކުރިން ވެސް ވާހަކަދެއްކެވި ބޭފުޅާ ކިޔައިދެއްވިއެވެ.

ރަނގަޅަށް ބަލައިލީމާ އެ ވިދާޅުވާ އެއްޗެއް ސާފުވާނެއެވެ. އެ ބޭފުޅުން އެ ގޮތުގައި އެމްޑީޕީގައި ތިއްބަވައިގެން މަޖިލީހުގެ ޓިކެޓާ މެދުގައި ސާފުކޮށް ވިސްނެވި ނަމަ ހަމަ ޔަގީނުން ވެސް މި ނަތީޖާއަށް ވާސިލުނުވީހެވެ.

އެނބުރި ވަޑައިގަތީ ވެރިކަން ހޯދަންތަ؟

ސިޔާސީ ކަންކަމުގައި 'ހަ ކުޅި ކުރިއަށް ކުޅުއްވާ' ކަމަށް ވިދާޅުވީ އަމިއްލަފުޅަށެވެ. އިރެއްގައި އެއީ ދޮގެއް ނޫނެވެ. އެކަމަކު، ބުއްދީގެ މައްޗަށް ޖަޒުބާތު ވެރިވެގަތީމާ ހެދޭނީ ގޯހެވެ. އެ ގޯހުގެ މައްޗަށް ގޯސް ހެއްދެވުނީމާ އެއިން ނެއްޓެން އުނދަގޫވާނެއެވެ. މާޒީން ކުރަހައިދޭ ހަގީގަތަކީ އެއީ ގިނަ ފަހަރަށް ނުނެއްޓެވޭނެ މަޅިއެއް ކަމެވެ.

ރައީސް މުއިއްޒުގެ ވެރިކަން އުފެދި، މަޖިލީހުގެ ދައުރު ހަމަވާން ކައިރިވުމާ އެކު ނަޝީދު ނިންމެވީ ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގަންނަވާށެވެ. އޭރު އޮތް ސިޔާސީ މައިދާނުގައި އެ މަނިކުފާނަށް 'ގޮނޑި'އެއް ނެތުމުންނެވެ. ވަޑައިގެން ހުންނެވީ އެފްރިކާގައެވެ. ހުންނަވައިގެން ވެސް ދޭތެރެދޭތެރެއިން ގެންދެވީ އެމްޑީޕީން 'ޗާންސެއް' ލިބޭތޯ ކަޅިއަޅުއްވަމުންނެވެ. އެތައް ފަހަރަކު މަޑުމަޑުން 'ފްލާޓް' ވެސް ކޮށްލައްވައެވެ.

އެތައް ދުވަހެއް ވަންދެން ގެންދެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ އެކު ވާހަކަދައްކަވަމުންނެވެ. ހެއްދެވި ޑީލެއް ނުދެނަހުރީމެވެ. އެކަމަކު، ރިޔާސީ ރޭހަށް އެބަ ވިސްނަވަމޭ ވިދާޅުވީ އަލިމަގެއް ފެނިވަޑައިގަތުމުންނެވެ.

"ހަމަ 100 ޕަސެންޓު ގެރެންޓީއާ އެކު މި ބުނަނީ ރައީސް ނަޝީދެއް 2028ގެ ރިޔާސީ އިންތިޚާބެއްގައެއް ވާދައެއް ނުކުރައްވާނެ. އެއަށް ވުރެ ބޮޑަށް އެ މަނިކުފާނު އެ އުޅުއްވަނީ މުޅިން އެހެން ކަމެއްގައި. މެސެޖު ކުރައްވައި، ހެޑްލައިން ހެއްދެވީ ވެސް މުޅިން އެހެން ބޭނުމެއްގައި،" ދިރާސީ ނަޒަރަކުން ބަލައިލީމާ ފެނުނު މަންޒަރު ބޭފުޅަކު ކިޔައިދެއްވިއެވެ.

އެއީ ވަރަށް ބޮޑު ހަގީގަތެކެވެ. އެ މަނިކުފާނުގެ އެންމެ ބޮޑު ބޭނުންފުޅަކީ ޞާލިޙް 'ފެއިލް'ކޮށްލުމެވެ.

ނަޝީދު ޖެއްސެވި މަޅީގައި ޞާލިޙް ފެތިއްޖެ ވެސް މެއެވެ. ރިޔާސީ އިންތިޚާބާ މެދު އެންމެ ފަހު ވަގުތު ގޮތެއް ނިންމަވާފައި، ހިސާބު ދިމާވެ، ތަރި ހަނދު ސީދާވުމުން ފާޅުގައި އިއުލާނުކުރައްވަން މަޑުކުރައްވައިގެން ހުންނެވި ޞާލިޙަށް ބިރުފުޅު ހީވެ، 'ތިމަން މަނިކުފާނު ވެސް 2028ގައި ވާދަކުރައްވާނަމޭ' ފާޅުގައި ވިދާޅުވެއްޖެއެވެ. ގަސްތުގައި އެ ވާހަކަ އެންމެން ގާތުގައި ވިދާޅުވެއްޖެއެވެ. ގާތް ބޭފުޅުން މެދުވެރިކުރައްވައިގެންނެވެ.

ސިއްރުސިއްރުން ކުރެއްވި މަސައްކަތް މުޅިން އެހެން މިސްރާބަކަށް ބަދަލުކުރައްވައިފިއެވެ.

https://sun.mv/207413

ނަޝީދަށް މަރުހަބާ ވިދާޅުވާން ހުދު ގަމީސް ތުރުކުރައްވައިގެން، ރީނދޫ ޓައީ އަޅުއްވައިގެން، ސަލްޓަން ޕާކަށް އެއްވެ ތިއްބަވައިގެން 'މިއީ ދެން ކިހާ ބޮޑު ޖޯކެއްހޭ' ބުނި ތިން ބޭފުޅުން ދަންނަމެވެ. މިއަށްވުރެ ރަނގަޅަށް އެކަން އެނގިވަޑައިގަންނަވާނީ ނަޝީދަށެވެ. އެ މަނިކުފާނަށް 'ގެއްލުނު ފުރާވަރު' ނުލިބޭނެކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވައެވެ.

އެކަން އޮޅިވަޑައިގަތީ ޞާލިޙަށެވެ. ގަސްތުގައި ނަޝީދު އޮޅުވައިލެއްވީއެވެ. އޮތީ އެންމެ ބޭނުމެކެވެ. އެއީ، ކުޑައިރުގެ އެކުވެރިޔާ އަލުން އެނބުރި ވެރިކަމަށް ވަޑައިނުގަންނަވާނެކަން ޔަގީން ކުރެއްވުމެވެ. މަޑުމަޑުން ހުންނަވައިގެން އެމްޑީޕީގައި ވަކި ހިތްޕައިލެއްވުމެވެ. އެ ނޫން ދެވަނަ ކަމެއް ނޫނެވެ.

ނަޝީދުގެ ފޯކަސް އެ ހުންނެވީ ޞާލިޙަށެވެ. ރިޔާސީ ރޭހަކަށް ނޫނެވެ.

ދެ ބޭފުޅުންނަށް ވެސް ގަބޫލުކުރައްވަން ކެރިވަޑައިނުގަންނަވާ ހަގީގަތަކީ، މިއީ އެ ބޭފުޅުންގެ ދުވަސް ނޫން ކަމެވެ. އެ ދުވަސް މާޒީވެއްޖެއެވެ. އެމްޑީޕީއަށް ދެން ބޭނުމީ އާ މޫނެކެވެ. އާ ބޭފުޅެކެވެ. އެ ދެ ބޭފުޅުންނެއް ނޫނެވެ. އެ ހަގީގަތް ދެކޭނެއެވެ.

comment ކޮމެންޓް