ފަތުރުވެރިކަމުގެ ޕާޓްނަރުންނާ ވެސް ގުޅިގެން މެދުއިރުމަތީގެ މިވަގުތުގެ ހާލަތު ވަރަށް ގާތުން ބަލަމުން ދާކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފައެވެ.
މި ހަމަލާ ދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކުރިއެވެ.
ރާއްޖެ އަންނަ ގިނަ ފްލައިޓުތަކެއް ޓްރާންސިޓް ކުރަނީ މެދުއިރުމަތީގެ އެއާޕޯޓުތަކުގައެވެ. އެހެންކަމުން ރާއްޖެއަށް އަންނަ ގިނަ ފްލައިޓުތަކެއް ޑިލޭ ވުމުގެ ކަންބޮޑުވުން ވެސް ވަނީ ފެންމަތިވެފައެވެ.
ހަނގުރާމައިގެ މިވަގުތުގެ ހާލަތާ ގުޅިގެން މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާ ޕާޓްނަރުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ކަމަށެވެ.
އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިކަމަށް މިކަމުގެ ސަބަބުން އަސަރުކުރިޔަ ނުދިނުމަށް ކަމަށާއި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް މި ޕޯސްޓުގައި ވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މިރޭގެ ފުލައިޓު ޝެޑިއުލުން އެނގޭ ގޮތުން، މާދަމާ ހެނދުނުން ފެށިގެން ހަވީރާ ޖެހެންދެން ދުބާއީއީން މާލެއަށް ދަތުރުކުރުމަށް އެމިރޭޓްސް އެއާލައިންގެ ހަތަރު ފުލައިޓު އޮތީ ތާވާލުކޮށްފައެވެ.
އެތިހާދު އެއާވޭސްގެ ދެ ފުލައިޓު މާދަމާ ހެނދުނަށް އަބޫދާބީން މާލެއަށް ތާވަލުކޮށްފައިވާއިރު، ދޯހާއިން މާލެއަށް އޮތީ ގަތަރު އެއާވޭސްގެ ދެ ފުލައިޓު ތާވާލުކޮށްފައެވެ.
އޭގެއިތުރުން، މިރޭ 23:00ގައި ދުބާއީއަށް ފުރަން އޮތް އެމިރޭޓްސް އެއާލައިންގެ ފްލައިޓު ޑިލޭވެފައިވާއިރު، ފްލައި ޑުބާއީ އެއާލައިންގެ ފްލައިޓެއް 23:00އަށް ތާވަލުކުރިއެވެ.
ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކުރީ ރައްޔިތުންނާއި އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ބުނެއެވެ.
އެމެރިކާއާއި އިސްރާއީލާއި ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މެދުއިރުމަތީގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
މި މަހުގެ 13ވަނަ ދުވަހު އިސްރާއީލުން އީރާނަށް ހަމަލާދިން ފަހުން މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ. އިސްރާއީލުން ފުރަތަމަ ދިން ހަމަލާތަކުގެ ސަބަބުން އީރާނާއި އިރާގާއި އުރުދުންގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން މަޖުބޫރުވިއެވެ.