އީރާން، އިސްރާއީލް ހަމަލާގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރު މި އަންނަނީ ބަލަމުން: ޒަމީރު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު: -- ފޮޓޯ/ ރައީސް އޮފީސް

މިހާރު މެދުއިރުމަތީގެ މަސްރަހު މުޅިން ހޫނުކޮށްލައިފައިވާ، އީރާން އިސްރާއީލް ހަމަލަތަކުގެ ސަބަބުން، ރާއްޖެއަށް ކޮށްފާނެ އަސަރުތަކަކީ ކޮބައިތޯ ބަލަމުން އަންނަކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އީރާނާއި، އިސްރާއިލާ ދެމެދު ހަމަލަތައް ބަދަލުކުރަނިކޮށް، އެމެރިކާއިން މި ކަމަަށް ވަދެ، އީރާނަށް ދިން ހަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފައެވެ.

އެހެންވެ، ގިނަ ދިވެހިންތަކެއް ދިރިއުޅޭ އަދި، ވިޔަފާރިއާއި ފަތުރުވެރިކަމުގައި ރާއްޖެއަށް މުހިންމު ދެ ގައުމުކަމަށްވާ ގަތަރާއި، ދުބާއީގެ ވައިގެ ސަރަހަައްދު ވަނީ ބަންދު ކޮށްފައެވެ. އެހެންވެ، ރާއްޖެއަށް މިކަމުގެ ސަބަބުން ގޮންޖެހުންތަަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އަދި މިއީ ފަތުރުވެރިކަމަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ.

މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެސް އުުފުލިފައިވާއިރު، މިއީ އިންފްލޭޝަން ވެސް މަތިވެ، ރާއްޖެއަށް އުުފުލަންޖެހޭނެ މާލީ ބުރައަކަށް ވުމުގެ ފުރުސަތު ވެސް ބޮޑު ކަމެކެވެ.

އެއާއެކު، ހަަމަލަތަކަށް ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވީފަހުން، ޒަމީރު ވިދާޅުވީ، ސަރުކާރުން އަންނަނީ މެދުއިރުމަތީގެ ހާލަތު މިހާރު އޮތް ގޮތުން ރާއްޖޭގެ އިގްތިޞާދަށާއި، ތެޔޮ ގަންނަ މާކެޓުތަކާއި، ކާބޯތަކެތީގެ ކަށަވަރުކަމާއި، މާލީ ގޮތުން، ރާއްޖެއަށް ކޮށްފާނެ އަސަރު ދެނެގަތުމުގެ މަސައްކަތްކުރަމުން ކަމަށެވެ.

އަދި މާކެޓުގެ އަގުތަކަށް އަންނަ ބަދަލާއި، އިންފްލޭޝަން ހުރި ނެތް ގޮތާއި، ވިޔަފާރިއަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ވެސް ކަމާ ގުޅުންހުރި އިދާރާތަކާއެކު މަސައްކަތްކުރަމުން އަންނަކަމަށް ޒަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ތިބީ ދިވެހީންގެ ބޭނުންތައް ފުއްދޭކަން ކަށަވަރުވާނެހެން، ތައްޔާރަށް،" ޒަމީރު ވިދާޅުވިއެވެ.

މި ހަމަލަތަކުގެ ސަބަބުން، ވައިގެ ސަރަހައްދު ބަންދުކޮށްގެން ޖޯޑަންގައި ދިވެހީންތަކެއް ތާށި ވެސް ވިއެވެ. ނަމަވެސް މިހާރު އެ އެންމެނަށް ވަނީ ރާއްޖެ އާދެވިފައެވެ.

https://sun.mv/207571

މި މަހުގެ 13ވަނަ ދުވަހު އިސްރާއީލުން އީރާނަށް ހަމަލާދިން ފަހުން މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ. އިސްރާއީލުން ފުރަތަމަ ދިން ހަމަލާތަކުގެ ސަބަބުން އީރާނާއި، ޖޯޑަނާއި، އިރާގުގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން މަޖުބޫރުވިއެވެ.

comment ކޮމެންޓް