ނަމާދުކުރުމުގެ ތައުފީޤު ލިބުން އެއީ ހާދަހައިވާ ބޮޑު ހެވެކެވެ.

މުސްލިމުންގެ މިޢުރާޖަކީ ނަމާދެވެ. ކޮންމެ ދުވަހަކު ކުރާ ފަރުޟު ފަސް ނަމާދަކީ އިޖުބާރީ މިންވަރެވެ. ފަސް ނަމާދު ނުކުރާނަމަ އެ މީހަކު އިސްލާމްކަމުގެ އިމުން ބޭރުވެ ހިނގައިދާނެއެވެ. އެހެންކަމުން ފަރުޟު ފަސް ނަމާދު ފުރިހަމައަށް އަދާކުރަންވާނެއެވެ.

އޭގެ އިތުރަށް ސުންނަތް ނަމާދުތަކަކީ އަޅާއާއި ރައްބާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރަންވީ ނަމާދުތަކެކެވެ. ތިމާގެ އަމިއްލަ ހިތްހަމަޖެހުމަށާއި، ހިސާބާއި ކިތާބުގެ ދުވަހު، މީޒާނުގެ ވަޒަން ބަރުކުރުމަށް ދުނިޔޭގައި ކުރެވޭނެ އެންމެ ހެޔޮ ކަމަކީ ނަމާދު ކުރުން ގިނަކުރުމެވެ. ކަންބޮޑުވެ އުނދަގޫވާ ކަމެއް އިހުސާސްކުރެވޭ ކޮންމެ ފަހަރަކު ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއާއި އިތުރު އެކަލޭގެފާނުންގެ ޞަޙާބީން އަވަސްވެގަންނަނީ ނަމާދަށެވެ.

ނަމާދުގެ އެންމެ އަޞާޞީ ރުކުނަކީ ސޫރަތުލް ފާތިޙާއެވެ. ފަރުޟު ނަމާދުތަކަށް އެކަނި ބަލައިލި ނަމަވެސް ކޮންމެ ދުވަހަކު 17ފަހަރު އަޅުގަނޑުމެން އެ ސޫރަތް ކިޔަވަމުއެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކުޢަތެއްގައެވެ. އެ ސޫރަތާ ނުލައި ނަމާދު ޞައްޙަ ވެގެން ނުވެއެވެ. އެ ސޫރަތުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް އާޔަތަކީ ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ (سورة الفاتحة: ‎٥) މާނައީ: "އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ."

މި އާޔަތުގެ މާނަޔަށް ވިސްނައި ލަމާތޯއެވެ. "އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ." އަޅުކަން ކުރަނީ އެނޫން އެހެން ފަރާތަކަށް ނޫންނެވެ. އަދި "އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ." އަދި އަޅަމެން ވާގި ވެސް އެދެނީ ﷲ ނޫން އެހެން ފަރާތަކުން ނޫން ކަމެވެ. އަޅުގަނޑުމެން އީމާންވެ ޔަޤީންކޮށް މި އިޤުރާރުވަނީ، ދުނިޔޭގެ ބިމުގައި އެއްވެސް ކަމެއް ﷲގެ ތައުފީޤާ ލައިގެން ނޫނީ މިންވަރު ނުވާނެ ކަމަށެވެ. އެހެނީ މި އާޔަތުގެ އަޞްލު މާނައިގައި އެ އޮތީ ތިމަންމެން އިޤުރާރު މި ވަނީ، ﷲގެ ތައުފީޤާއި ވާގިފުޅާ ލައިގެން މެނުނީ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.

އެހެންކަމުން މުއުމިނުމީހާ ﷲއަށް އަޅުކަން ކުރެއެވެ. އަދި އޭނާގެ އަޅުކަން ފުރިހަމައަށް އަދާކުރެވޭނެ ހުރިހާ މަގެއް ދެއްކެވުމަށް އެދި ﷲގެ ޙަޟްރަތުން ތައުފީޤާއި ވާތްގަށް އެދެއެވެ. އެއީ ހެޔޮ ކަންކަން ކުރުމާއި ނުބައި ކަންކަމުން ރައްކާތެރިވެގެން ހުރުމުގެ ތައުފީޤެވެ. އެ ގޮތުން ޔޫސުފުގެފާނު ﷲއަށް ދުޢާކުރައްވައި ދެންނެވިއެވެ. ﴿إِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ ‎﴿٣٣﴾﴾ (سورة الفاتحة ‎٥) މާނައީ: "އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި ޖާހިލުންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ."

ﷲގެ އެއްކައުވަންތަކަމަށް އީމާންވާ އެއްވެސް މުއުމިނަކު އޭނާގެ ޢަމަލުތައް އަމިއްލައަށް ފެނި ފަޚުރުވެރި ނުވާނެއެވެ. އޭނާ އެ ކަންކަން ދެކޭނީ ﷲގެ ފަޟުލުވަންތަކަމެއްގެ ގޮތުގައެވެ. އޭނާއަށް ހެޔޮ ކަމުގައި ދެމިހުރެވެނީ އަމިއްލަ މޮޅުކަމުންނޭ ހީނުކުރާނެއެވެ. އޭނާ އެ ކަންކަން ދެކޭނީ ﷲގެ ފަޟުލުވަންތަ ކަމެއްގެ ގޮތުގައެވެ. އޭނާގެ އެއްވެސް ޢަމަލަކަށް ކިބުރުވެރި ނުވާނެއެވެ. އޭނާ އެ ކަންކަން ދެކޭނީ ﷲގެ ފަޟުލުވަންތަކަމެއްގެ ގޮތުގައެވެ.

އެހެންކަމުން އެ އިލާހުގެ ވާތްގާއި ތައުފީޤު ނުވާ ނަމަ އެއްވެސް ކަމެއް ނުވީހެވެ. ﷲގެ ވާގިފުޅާއި ހެޔޮރަޙުމަތުން އަޅަކަށް ހެވެއް އިރާދަކުރައްވައިފި ނަމަ، އެ މީހަކަށް ހެޔޮ ޢަމަލު ކުރުމުގެ ތައުފީޤު ދެއްވާނެ ކަމަށް ޞައްޙަ ޙަދީޘުގައި ވެއެވެ. އެންމެ ހެޔޮ ޢަމަލަކީ ނަމާދެވެ. ނަމާދުކުރުމުގެ ތައުފީޤު ލިބުން އެއީ ހާދަހައިވާ ބޮޑު ހެވެކެވެ. ކޮންމެ ދުވަހަކު ﷲގެ ޙަޟުރަތުން ވާޤިއެދުމަށް ލިބޭ ގިނަގުނަ ފުރުޞަތުތަކެކެވެ. ފަހެ، އެ ކަން ނުކުރެވޭ ނަމަ، ދަންނާށެވެ! އޭނާއަށް ހެވެއް ނެތެވެ.

comment ކޮމެންޓް