އައްޑޫ ހޮސްޕިޓަލްގެ ކެތު ލެބުގެ ޚިދުމަތް 4 މަސްތެރޭ ފެށޭނެ: ނާޒިމް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް: ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ އައްޑޫ ހޮސްޕިޓަލްގެ ކެތު ލެބުގެ ޚިދުމަތް 4 މަސްތެރޭ ފެށޭނެ ކަމަށް --

ޚިދުމަތް ނުފެށި ދިގުލައިގެން ގޮސްފައިވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކެތެޓަރައިޒޭޝަން ލެބޯރެޓަރީ ނުވަތަ ކެތު ލެބުގެ ޚިދުމަތް ކުރިއަށް އޮތް ހަތަރު މަސް ތެރޭ ނިންމައި، އެތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ޚިދުމަތް ނުފެށި ލަސްވާ ސަބަބާ ގުޅޭގޮތުން މިނިސްޓަރާ ސުވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ.

އެ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، އެ ކެތު ލެބު ގާއިމުކުރުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީސް އިންސްޓޯލް ކުރުމާ ގުޅުންހުރި މަސައްކަތްތަކުގެ 98 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް --- ފޮޓޯ/ ހެލްތް މިނިސްޓްރީ

އަދި، އެ ކެތު ލެބު ފުރިހަމަ ގޮތުގައި ހިންގާ، ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން މިހާރު އިއުލާނުކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ ޕްރޮޕޯސަލް ހޯދައި، އެ ފަރާތާއި ކެތު ލެބު ހިންގުމުގެ ކަންކަން ހަވާލުކޮށް ހަތަރު މަހެއްހާ ދުވަސްތެރޭ ޚިދުމަތް ފެށޭނެކަމަށް ލަފާކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކެތު ލެބަކީ ހިތުގެ މައްސަލަތައް ހުންނަ ބަލިމީހުންނަށް ފަރުވާ ދެވޭ މުހިންމު ލެބެކެވެ. ކެތު ލެބުން ހިތުގެ ބަލިތަކަށް އެންޖިއޯގްރަފީ، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެއެވެ.

އެ ކެތު ލެބު ފަސް އަހަރުގެ މުއްދަތަށް މެނޭޖްކޮށް އޮޕަރޭޓުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

އެ ލެބުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އެމްޑީޕީ ސަރުކާރުގައެވެ. ނަމަވެސް، އަދިއަދަށް ވެސް އެ ތަނުގެ މަސައްކަތް ނުނިމޭތީ ޚިދުމަތް ނުލިބުމުގެ ކަންބޮޑުވުން އައްޑޫ ރައްޔިތުންގެ އެބައޮތެވެ.

ސަރުކާރުގެ ހޮސްޕިޓަލެއްގައި ކެތު ލެބެއް އެންމެ ފުރަތަމަ ހުޅުވީ 2016 ވަނަ އަހަރު އައިޖީއެމްއެޗުގައެވެ. މިހާރު އެފަދަ ލެބެއް އޭޑީކޭ ހޮސްޕިޓަލުގައި ވެސް ހުރެއެވެ.

comment ކޮމެންޓް