ރޯކުރިތާ 4 މަސް، ސާފުކުނުކުރެވޭތާ އެއްބާރުލުމެއް ވެސް ނުލިބޭ!

ހަތަރު މަސްކުރިން އަލިފާން ރޯވެ އަނދައިދިޔަ މެޓްރިކްސް މޯޑުގެ ގެ: ސާފުކުނުކުރެވޭތާ އެއްބާރުލުމެއް ވެސް ނުލިބޭކަމަށް ވިދާޅުވި -- ފޮޓޯ/ (ފޭސްބުކް: ހުސައިން މެޓްރިކްސް)

ރައްޔިތުން މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ ގޭގައި ރޯކޮށްލިތާ ހަތަރު މަސްވެގެން ދިޔައިރު، އެ ހާދިސާގެ ތަހުގީގުގެ އަޕްޑޭޓެއް ނުލިބުނުތާ ގެ ސާފުކުރުމަށް ވެސް އަދި އެހެން ކަމަކަށް ވެސް މާ ބޮޑު އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެއެވެ.

އެ ހާދިސާ ހިނގީ މީގެ ހަތަރު މަސްކުރިން ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަނިކޮށެވެ. ސ. ހިތަދޫ، ގާލޭންޑްގައި އަލިފާން ރޯވިއިރު އެ ގޭގައި މުހައްމަދުގެ ކޮއްކޮއާއި އޭނާގެ ފިރިމީހާގެ އިތުރުން ދެ ކުޑަކުއްޖަކު ނިދާފައި ތިއްބެވެ.

އޭރު ވެސް ބޮޑަށް ތުހުމަތުކުރެވިފައިވަނީ އެ ގޭ ބޭރުގައި ހުރި މުހައްމަދުގެ ކޮއްކޮގެ ސައިކަލުގައި ގަސްތުގައި ރޯކޮށްލުމުން ގޭގެ ފާރުގައި އަލިފާން ހިފައި، މުޅި ގޭގައި ރޯވި ކަމަށެވެ. ނަމަވެސް، ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވީތީ އޭރު މާ ބޮޑަކަށް އެ ވާހަކައެއް ނުދައްކައެވެ.

ހަތަރު މަސްކުރިން އަލިފާން ރޯވެ އަނދައިދިޔަ މެޓްރިކްސް މޯޑުގެ ގެ -- ފޮޓޯ/ މުހައްމަދު ރަޝީދު

މުހައްމަދުގެ ކޮއްކޮ، އެގްރިކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ރަޝީދު (މެޓްރިކްސް ހުސައިން) މިއަދު ސޯޝަލް މީޑިއާގައި ވަނީ އަނދާފައިވާ އެ ގޭގެ މަތިން ފޮޓޮއެއް ހިއްސާކުރައްވައިފައެވެ.

އެ ޕޯސްޓުގައި އޭނާ ވަނީ އެ އަނިޔާ އޭނާގެ އާއިލާއަށް ދިނީ 'ޔަހުދީންނަށް ދޫކުރާނެ ބައެއް ނޫން' ކަމަށް ވިދާޅުވެފައެވެ.

'ސަން' އާ ވާހަކަދައްކަވަމުން މިއަދު މުހައްމަދު ވިދާޅުވީ، އަދިއަދަށް ވެސް އެ ހާދިސާގެ ތަހުގީގާ ގުޅޭ އަޕްޑޭޓެއް ލިބިފައިނުވާ ކަމަށެވެ. މުހައްމަދު ވިދާޅުވި ގޮތުގައި އޭނާއަކީ އަދި ސިޔާސީ މީހަކަށްވީ ނަމަވެސް އޭނާއަކީ ހަމަ އާދައިގެ އާންމު ރައްޔިތެކެވެ.

އެ ބޮޑު ގެ ސާފުކުރުމަށްޓަކައި އެހީތެރިކަމަށް އެދި ކައުންސިލަށް ވެސް ސިޓީއެއް ލައިގެން އުޅޭތާ ތިން ވަރަކަށް މަސްވެއްޖެ ކަމަށާއި، އެކަން ވެސް އަދިވެސް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިން ވަރަކަށް މަސް މިވީ ސިޓީ ލައިގެން އުޅޭތާ. މާދަމާ ނޫނީ އަންނަ ހަފުތާއޭ އަބަދު ވެސް ބުނަނީ. މިއީ ވެސް އެކަހަލަ ހަފުތާއެއް،" މާޔޫސްކަމާ އެކު އޭނާ ވިދާޅުވިއެވެ.

ހަތަރު މަސްކުރިން އަލިފާން ރޯވެ އަނދައިދިޔަ މެޓްރިކްސް މޯޑުގެ ގެ -- ފޮޓޯ/ މުހައްމަދު ރަޝީދު

މުހައްމަދުގެ ގެއަކީ 5،000 އަކަފޫޓުގެ ބިމެެކެވެ. އެ ބިމުގައި ގެ އަޅާފައި ހުރީ 3،000 އަކަފޫޓަށެވެ. ހަތް ކޮޓަރީގެ އެ ގޭގައި ބޮޑު ގުދަނެއް ވެސް ހަދާފައި ހުރެއެވެ. އެއީ ވަރަށް ބޮޑު ގެއެކެވެ.

އަލިފާން ރޯވިއިރު އެ ގޭގައި ނިދާފައި ތިބި މުހައްމަދުގެ ކޮއްކޮމެންނަށް ހޭލެވުނީ ދުންގަނޑު ބޯވެ، އޭގެ އަސަރުކުރުމާ އެކުއެވެ. ދުންގަނޑު ބޯވެގެން ގެއިން ނުކުންނަން ބެލިއިރު، އެޕާޓްމަންޓްގެ ދޮރު ބޭރުން އަލިފާންގަނޑު ފެނެއެވެ. އެއާއެކު އެ ދެމަފިރިން ދަރިންނާ އެކު ނުކުތީ ގޭގެ ކުޑަދޮރުންނެވެ.

https://sun.mv/202861

ގެ އެއްކޮށް އަނދައި ހުލިވެފައިވާއިރު މުހައްމަދު އެ ދުވަހު ކިޔައިދެއްވި ގޮތުގައި އެހީ ލިބުމުގައި ވެސް ލަސްތަކެއް ހުއްޓެވެ. އަލިފާން ރޯވިކަން އެނގުމާ އެކު ކަމާބެހޭ ފަރާތްތަކަށް އޭނާ ގުޅިއެވެ. ނަމަވެސް، އަލިފާން ނިއްވުމުގެ ކަންކަން ފެށުނީ ތަންކޮޅެއް ލަހުން ކަމަށް މުޙައްމަދު ވިދާޅުވިއެވެ.

އެކަމުން ފާހަގަކުރެވުނީ އެވަރުގެ އިމަޖެންސީ ކަންތައްތަކަށް އައްޑޫސިޓީ 'ރެޑީ' ނޫންކަން ކަމަށް މުހައްމަދު ވިދާޅުވިއެވެ.

އަނދައި އަޅިއަށްވި ގެއަކީ މުހައްމަދުގެ އުމުރުން ހަތަރު އަހަރުން ފެށިގެން ދިރިއުޅެމުންދިޔަ ގެއެވެ. މިހާރު އޭނާގެ އުމުރުން 44 އަހަރުވިއިރު އެ ހާދިސާއަކީ އޭނާގެ މުޅި އާއިލާއަށް ވެސް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަލިފާނުގެ ހާދިސާގައި އެ ގެ އެއްކޮށް އަނދައި ހުލިވިއިރު ގެއްލި ދިޔައީ އޭނާގެ އުމުރު ދުވަހުގެ ހަނދާންތަކެވެ.

comment ކޮމެންޓް