އިސްރާއީލާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާކަން، އީރާނުގެ ގައުމީ ޓީވީން އިއުލާނުކޮށްފައި ވަނިކޮށް އިރާނުން އަނެއްކާވެސް އިސްރާއީލަށް ހަމަލާތައް ދޭން ފަށައިފިއެވެ.
އިސްރާއީލުގެ އުތުރަށް އަމާޒުކޮށް އީރާނުން މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށާއި އެހެންވެ އާންމުން ބަންކަރުތަކަށް ވަދެ ރައްކާތެރިކަން ހޯދަން އެ ގައުމުން ދިފާއީ ވުޒާރާއިން ވަނީ އެދިފައެވެ.
ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް މީގެ ކުޑައިރުކޮޅެއް ކުރިން އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.
އޭގެކުޑައިރުކޮޅެއް ކުރިން އީރާނުންވެސް ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް އެ ގައުގެ ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފައިވެއެވެ.
އިސްރާއީލާއި އީރާނުން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ފަށާފައިވާ ކަމަށް ޓްރަމްޕްވެސް ވަނީ ވިދާޅުވެފައެވެ.
އީރާނުން މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައި ބުނި ނަމަވެސް، އެކަމާ ގުޅޭގޮތުން އީރާނުން ވަކި އެއްޗެއް އަދި ނުބުނެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވާ ކޮންމެ ކަމެއްގައި ރައްދު ދޭނެ ކަމަށް އިސްރާއީލުން މީގެކުރިން ބުނެފައިވާއިރު، އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް އަމުރުކުރައްވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ފެށިގެން އިސްރާއީލާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގައި ދެ ގައުމުގެވެސް މުހިންމު ސިޓީތައް ސުންނާފަތިވެ، އާންމުގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ.