އިލޯން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ބޭނުންކޮށްފިނަމަ، ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީރާނުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް ދީފިއެވެ.
އެ ގައުމުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ، ސްޓަލިންކް ޓާމިނަލްތަކަކީ "ގާނޫނާ ޚިލާފު" ތަކެތި ކަމަށާއި، އެފަދަ އެއްޗެއް އެތެރެކޮށް ނުވަތަ ބޭނުންކޮށްފިނަމަ "ގާނޫނުގެ ދަށުން އެންމެ ހަރުކަށި އަދަބު" ލިބޭނެކަން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ހަނދާންކޮށްދީފައެވެ.
މި އިންޒާރު އައިސްފައިވަނީ، މި މަހު 13 ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ނަތާންޒް، ފޯޑޯ އަދި އިސްފަހާންގައި ހުރި އަސްކަރީ އަދި ނިއުކްލިއާ ސަރަޙައްދުތަކަށް ހަމަލާދެމުންދާތީ، ސަރުކާރުން މުއްދަތަށް އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައި ވަނިކޮށެވެ. މި ބްލެކްއައުޓުން އަރައިގަތުމަށްޓަކައި އެކްޓިވިސްޓުން ދަނީ ސްޓާލިންކް ޑިޝްތައް ގައުމަށް އެތެރެކުރަމުންނެވެ.
ސްޕޭސްއެކްސްގެ ސީއީއޯ އިލޮން މަސްކް ވަނީ ސްޓާލިންކްގެ ސެޓެލައިޓްތަކުގެ ސިގްނަލް އީރާނަށް އަމާޒުކޮށްފައިވާކަން "ދަ ބީމްސް އާ އޮން" މި ތިން ލަފްޒުން ޖޫން 14 ވަނަ ދުވަހު 'އެކްސް' ގައި، ކަށަވަރުކޮށްދީފައެވެ.
މި ޚިދުމަތް ބޭނުންކުރުމަށްޓަކައި، "ޕިއްޒާ ބޮކްސް"އެއްގެ ސިފައިގައި ހުންނަ ޑިޝްއެއް ބޭނުންވެއެވެ. އީރާނުގައި މި ޑިޝްތައް މަނާކޮށްފައިވާތީ، ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި ބޭރުގެ އިންޓެލިޖެންސް އެޖެންސީތަކުން ދަނީ ޓްރަކުތަކާއި ތެޔޮ ޓޭންކްތަކުގެ ތެރޭގައި ފޮރުވައިގެން ކުރުދީ އަދި ބަލޫޗް ސަރަޙައްދީ މަގުތަކުން މި ސާމާނު އީރާނަށް ވަގަށް އެތެރެކުރަމުންނެވެ.
އިންޑަސްޓްރީގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، މިހާރު ގާތްގަނޑަކަށް 20،000 ސްޓާލިންކް ޑިޝް ސިއްރުން އީރާނުގެ އެކި ހިސާބުތަކުގައި ބޭނުންކުރަމުން އެބަދެއެވެ. ކަޅު ބާޒާރުގައި މި ޑިޝްތައް 2،000 އެމެރިކާ ޑޮލަރަށްވުރެ މަތީ އަގުތަކުގައި ވިއްކަމުންދާއިރު، މިއީ އީރާނުގެ ރައްޔިތެއްގެ އެވްރެޖް މަހު މުސާރައިގެ 20 ގުނަ ބޮޑު އަދަދެކެވެ.
އީރާނުގެ ސަރުކާރު އެންމެ ބޮޑަށް ކަންބޮޑުވާ އެއް ސަބަބަކީ، ޚަބަރާއި މައުލޫމާތު ކޮންޓްރޯލް ކުރުމުގެ ބާރު މުޅިން ގެއްލުމެވެ. ސްޓާލިންކްގެ ސަބަބުން، ސަރުކާރުގެ ފިލްޓަރުތަކާއި ސެންސަރުން ސަލާމަތްވެ، އެއްވެސް ހުރަހެއްނެތި މައުލޫމާތު ފެތުރެއެވެ. މިކަމުގެ ސަބަބުން، އިސްރާއީލާއި އެމެރިކާގެ ހަމަލާތަކުގެ ވީޑިއޯތަކާއި، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ.
ދެވަނަ ސަބަބަކީ، ގައުމީ ސަލާމަތަށް ކުރިމަތިވާ ނުރައްކަލެވެ. ހަމަލާތައް ދިން ތަންތަނުގެ ވީޑިއޯތައް ލައިވްކޮށް ފެނުމަކީ، ބޭރުގެ އަސްކަރިއްޔާތަކަށް އެ މީހުންގެ ހަމަލާތައް ކިހާވަރަކަށް ކާމިޔާބުވިކަން ދެނެގަތުމަށް ލިބިގެންދާނެ މުހިންމު އޮޕަރޭޝަނަލް މައުލޫމާތެކެވެ.
އަދި އަނެއް ކަންބޮޑުވުމަކީ، އާންމުންގެ މެދުގައި ސަރުކާރަށް އޮންނަ އިތުބާރު ގެއްލުން ކަމަށް ބައެއް މީޑިއާތަކުގައިވެއެވެ. އެގޮތުން، އެގައުމުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އަސްކަރީ ފައުޖުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން އުފާފާޅުކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވައިރަލްވުމަކީ، ސަރުކާރަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް އެ ނޫސްތަކުގައިވެއެވެ.
އީރާނުން ވަނީ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) ގައި، އެ ގައުމުގެ ސަރަޙައްދުގައި ހުރި "ހުއްދަނެތް ޑިވައިސްތައް" ނިއްވާލުމަށް ސްޕޭސްއެކްސްއަށް މަޖުބޫރުކުރުމަށް އެދިފައެވެ. ނަމަވެސް، ކޮންމެ ޑިޝްއެއް ހޯދުމުގެ ދަތިކަމުން، މިކަން ތަންފީޒުކުރުމަކީ އުނދަގޫ ކަމެކެވެ. މިކަމާ ގުޅިގެން، އީރާނުގެ އިދިކޮޅު ފަރާތްތަކުން ވަނީ "ތެހެރާނުގެ ކޮންމެ ގެއެއްގެ ފުރާޅުމަތީގައި އޭގެ ޑިޝްއެއް ބެހެއްޓެންދެން" ޑިޝްތައް އެތެރެކުރުން ހުއްޓާނުލާނެކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ކުރީގެ ސަފީރެއް ކަމަށްވާ ރިޗަޑް ގްރެނެލް ވަނީ ޔޫކްރެއިނަށް ކޮށްދިން ފަދައިން، އީރާނުގެ ރައްޔިތުންނަށްވެސް އަންނަ ހަފުތާތަކުގައި ހިލޭ ސްޓާލިންކްގެ ޚިދުމަތް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް މަސްކަށް ގޮވާލައްވައިފައެވެ. މި ގޮވާލުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މަސްކަށް މިކަމުގެ ޚަރަދު އުފުލުމަށް ޕްރެޝަރުތައް ދަނީ ބޮޑުވަމުންނެވެ.