ލިސާން: ވާހަކަ --

----------------------

ހިތްގައިމު އެކި ކުލަތަކުން އުދަރެސް ޖަރީވަމުން ދިޔަ ވަގުތެވެ. ރަތާ ރަން، ރީނދޫ ކުލަތައް އެއްކޮށްލަމުން އުދަރެސްމަތީގައި ޤުރުރަތުގެ ފިހި ކުރަހަމުން ދިޔައީ ވަރަށްވެސް ފުރިހަމަ ޗާލު މަންޒަރެކެވެ. އުޑުމަތީގައި ލުއި ކަފަކޮޅުތަކެއް ފަދަ ވިލާތައް ސާލަކަށް ފެތުރިފައިވާއިރު އެ ވިލާތަށްވެސް މިހާރު ފެންނަމުން ދިޔައީ އަޖައިބު ކުރުވަނިވި ރީތި ގޮތަކަށެވެ. އިރުގެ ދޯދިތަކުގެ ދަޅަ ކަނޑުގެ ސަތަހައަށް އެޅިފައިވާއިރު އާޝޯޚު ކުރުވާހާ ފުރިހަމައެވެ. ރަށުގެ މަތީން އުދުހިފައިދާ ދޫނިތައްވެސް ރާގުރާގަށް ލަވަކިޔަމުން ދިޔައީ އެ މަންޒަރަށް އިތުރު ދިރުމެއް ގެނެސްދެމުންނެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ހުވަފެނީ ރީތިކަމެކެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތަށް ވެސް އެ މާހައުލަށް މަރްޙަބާ ކިޔަމުން ދިޔައީ އުފަލާއެކުގައެވެ.

އަތިރިމަތީގައި ފުޓުބޯޅަ ކުޅެން އުޅުނު ކުދިންތައްވެސް ބައިބަޔަށް ރަށުތެރެއަށް އަރައިގެން ދާން ފަށައިފިއެވެ. ބަށިކުޅެން އުޅުނު ޒުވާން އަންހެން ކުދިންތައްވެސް އެއްޗެހި ހިފައިގެން އެތަނުން އެއްގަމަށް ހިނގައިގަތްތަން ފެނުނެވެ. އަތިރިމަތީގައި ހިތް އުފާކޮށްލަން އުޅުނު ގިނަ މީހުން އެމީހުންގެ ކުދިންތައް ގޮވައިގެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ތަންކޮޅެއް ދުރުގައި ތިބި ޒުވާން ކުދި ބަޔަކު އެ މަންޒަރުގެ ހިތްގައިމުކަން އެމީހުންގެ ކެމެރާގައި ރައްކާކުރަމުން ދިޔަ ތަންވެސް ފެނުނެވެ.

އަތިރިމައްޗާ ދިމާލުން ރަށު ތެރެއަށް ވަދެގެން ދެވެން އޮތް ހަނިމަގުން ލާފައި ގޮސް ނުކުމެވޭ ރުއްފަލާ ދިމާ ގޮނޑުދޮށުގައި ހުރި ގަހެއްގައި އެލުވާފައި ހުރި އުނދޯލީގައި އެކަނިމާއެކަނި އެއިނީ ޒުވާން އަންހެން ކުއްޖެކެވެ. އުނދޯލީގައި އޮށޯވެލައިގެން މޫދުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެން އޭނާ އޮތީ އެ ހިތްގައިމު މަންޒަރަށް ގެއްލިފައެވެ. އުދަރެހަށް ފޭދެމުން ދިޔަ ރަތް ރީނދޫ ކުލަތައް އެހާވެސް ހިތްގައިމުވެފައި ފުރިހަމައެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތަކުގެ ސަބަބުން އެތަން ދޫކޮށްލާފައި ދާކަށް އޭނަ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް މިސްކިތުން ގޮވި ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނަ ތެދުވެއްޖެއެވެ.

އެއީ ރީތި އަންހެން ކުއްޖެކެވެ. އިސްކޮަޅާ ރޫފަ ހެޔޮވަރެވެ. އެއްވެސް މޭކަޕެއް ކޮށްފައިނުވާއިރުވެސް ޤުދުރަތުން އޭނާއަށް ދެއްވާފައިވާ ރީތިކަމުގެ ސިފަތައް ފުރިހަމައެވެ. ކަޅުކަން ގަދަ ކަޅިއެއް ހިމެނޭ ބޮޑު ދެލޮލާއި، މަޑު މަޑު ފިޔާތޮށިކުލައިގެ ތުންފަތެކެވެ. އަލިހަންގަނޑަކާއި، ގަދަ މުށި ކުލައިގެ ރާޅުބާނީ އިސްތަށިގަނޑެކެވެ. ލާފައިހުރީ އާދައިގެ ކުރުތާ ހެދުމެކެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ، ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އެހެންނަމަވެސް ތަންކޮޅަކަށް ހިނގާލާފައި މަޑުޖެހިލިއެވެ. މީހަކު އޭނާގެ ފަހަތުން އަންނަހެން ހީވެގެންނެވެ. ފަސް އެނބުރި ބަލައިލި ނަމަވެސް، އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހީވި ހީވުމެއްކަމަށް ނިންމާ، އޭނާ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.

އެ އަންހެން ކުއްޖާ ގޮސް ވަނީ، އެ ރުއްފަލާ އެންމެ ކައިރިއަށް ވާގޮތަށް ހުރި ގެއަށެވެ. އެއީ ހިރިގަލުން ވަށާފާރު ރާނާފައިހުރި ގެއެކެވެ. ވަށާފާރު ހުރީ ހިނގާ މީހުންނަށް ގޯތިތެރެ ނުފެންނަހާ އުސްކޮށެވެ. ދޮރޯށި ހުޅުވާލާފައި އެތެރެއަށް ވަދެލިއެވެ. ގޯތިތެރޭގައި އޮތީ ކަށިވެއްޔެވެ. އެއްފަރާތުގައި އަނބުގަހަކާއި ބިޔަ ބަނބުކެޔޮ ގަހެއް ހުރިއިރު، ބަނބުކެޔޮ ގަހުގެ ގޮފިގަނޑެއްގައި އުނދޯއްޔެއް އެލުވާފައި ހުއްޓެވެ. އަސްކަންޏާ ވީ ދިމާލުގައި ޖޯލި ފައްޗެއް ވެސް ހުއްޓެވެ. ވަށާފާރު ހިރިގަލުން ރާނާފައި ވިއެއްކަމަކު ގޭގައި ވަނީ ސިމެންތި ޖަހާފައެވެ. ބޭރު ހުރީ ސިމެންތި ޖެހިގޮތަށް ބަހައްޓާފައި ނަމަވެސް ގޭތެރޭގެ ފާރުތަކުގައި ވަނީ ހުދުކުލަ ލާ ރީތިކޮށް އޮމާންކުރެވިފައެވެ.

ސިޓިން ރޫމުގައި ހުރި ތިން ގޮނޑި ލީ ސޯފާ ސެޓުގެ އެއްފަރާތުގައި ހުރި ފަތްޖެހިއެނދުގައި އަންހެނަކު އޮތެވެ. އޭނާއަށް އޮތީ ނިދިޖެހިފައެވެ. ހިކި އަނަރޫފަ ވެފައިވާ އެ އަންހެން މީހާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ލޯ މަރާލައިގެން އޮތެއްކަމަކު އެ މޫނުމަތިން މާޔޫސްކަމާއި ނާއުންމީދުގެ އަސަރުތައް ފެންނަމުން ދިޔައެވެ. މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ.

އެތެރެއަށް ވަތް އަންހެން ކުއްޖާ، ފައިވާން ބޭލުމަށްފަހު، އަޅާފައިވާ ތަރުފާލު މަތިން ހިނގާލާފައި ގޮސް އެ މީހާގެ ކައިރީގައި ހުއްޓުނެވެ. އޭނާ އެ އަންހެން މީހާގެ އަތުގައި ވަރަށް ލޯބިން ފިރުމައިލިއެވެ. އެއީ އެ އަންހެން މީހާގެ ދަރިފުޅު ރަނީމްއެވެ. އޭނާއަކީ އުމުރުން ފަންސަވީސް އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ.

"މަންމާ….." ރަނީމްގެ އަޑާއެކު، ނިދިފައި އޮތް އަންހެން މީހާ މަޑުމަޑުން ލޯ ހުޅުވައިލިއެވެ. އޭނާ ހަރާކާތްކުރަން މަސައްކަތްކުރިކަން އެމޫނުމައްޗަށް ބަލައިލުމުން ދޭހަވާނެއެވެ. އެހެންނަމަވެސް އެކަމަށް އޭނާގެ ބަލިކަށިވެފައިވާ ހަށިގަނޑު ތަނެއް ނުދިނެވެ. ވާނީވެސް އެހެންތާއެވެ؟ އޭނާގެ ގައިގެ ބޮޑުބައިން ވަނީ ވާގި ނެތިފައެވެ. ކިރިޔާވެސް ހަރަކާތް ކުރެވެނީ ކަނާއަތެވެ. އަނގަވެސް ވަނީ އެއް އަރިއަަކަށް ގޮސްފައެވެ. އުނދަގުލުން ބައެއް ބަސްތައް ކިޔުނެއްކަމަކު ބުނާ އެއްޗެއް ގިނަ ފަހަރަކަށް މީހުންނަކަށް ނޭނގޭނެއެވެ. ރަނީމް އޭނާގެ ބަލި މަންމަ އެކަނިމާ އެކަނި ބަލާތާ ތިން އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އެހެންކަމުން މަންމަ ބަހެއް ނުބުނި ނަމަވެސް، އޭނާއަށް މަންމަގެ އެދުންތައް މިހާރު ފަހުމް ވާވަރުވެއެވެ.

ރަނީމްގެ މަންމައަށް އެ ޙާލަތް ކުރިމަތިވީ މީގެ އަހަރުތަކެއް ކުރިންކަމުގައި އޭނާގެ ކާފައާއި މާމަ ދުނިޔޭގައި ރަނީމްއަށް ކިޔައިދީފައިވެއެވެ. ކާފަ ވާފިރު މީގެ ހަތަރު އަހަރުކުރިން ނިޔާވެފައިވާއިރު، މާމަ ނަދީދާ ނިޔާވީ މީގެ ތިން އަހަރު ކުރިންނެވެ. އެ ދުވަހަށްފަހު އޭނާގެ މަންމަ ސަމްރާގެ ހުރިހާ ޒިންމާއެއްވެސް ރަނީމް އުފުލަން ޖެހުނީ އަމިއްލައަށް އެކަނިމާ އެކަންޏެވެ. ކާފަ ދުނިޔޭގައި ކާފައަކީ މަސްވެރިއެކެވެ. މަރުވަންދެންވެސް ކާފަ އެ މަސައްކަތްކުރިއެވެ. މާމަވެސް ފަންގި ވިނުންފަދަ މަސައްކަތްތައް ކޮށް އާމްދަނީ ހޯދިއެވެ. އެހެންކަމުން ވަޒީފާއަކަށް ދިޔުމުގެ އެއްވެސް ބޭނުމެއް އޭރަކު ރަނީމްއަކަށް ނުޖެހެއެވެ. އޭނާއާއި މަންމަގެ ހުރިހާކަމެއް ވެސް މާމައާއި ކާފަ ދިޔައީ ކޮށްދެމުންނެވެ. ބަދަލުގައި އެމީހުން އެދުނީ އެންމެ ކަމަކުއެވެ. ރަނީމް ކިޔަވައިގެން މޮޅުވުމެވެ. ރަނީމްވެސް ބޭނުންވީ އެގޮތެވެ. އެކަމަކު ތަޤުދީރު އޭނާއަށް ރަޙުމެއް ނުކުރިއެވެ. އުމުރުން އެންމެ ތޭވީސް އަހަރުގައި އޭނާ ޖެހުނީ ބަލި މަންމައާއި އަމިއްލަ މީހާގެ މުހުތާދުތައް ފުއްދުމުގެ ބުރަ، ބޮޑު ޒިންމާ ކޮނޑުގައި އަޅާށެވެ. އިތުރަށް ކިޔަވަން ބޭނުންވި ނަމަވެސް، ކިޔެވުމުގެ އެއްވެސް ފުރުސަތެއް ރަނީމްއަކަށް ނުލިބުނެވެ. އެކަމާ ދެރަވި ނަމަވެސް ތަޤުދީރާ ޝަކުވާ ނުކޮށް ރަނީމް ދިރިއުޅުމައިގެން ކުރިއަށް ދަނީ އެ ނޫން ގޮތެއް ނެތުމުންނެވެ.

ރަށުގައި ހުންނަ ގެސްޓް ހައުސްއަކުން ރަނީމް ވަޒީފާއެއް ހޯދި ސަބަބަކީވެސް އެއީއެވެ. އަމިއްލަ ދިރިއުޅުން ނަގާ ކޮޅަށް ޖަހާ ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށެވެ. މަންމައާއި އޭނާގެ އަމިއްލަ ބޭނުންތައް ފުއްދުމަށެވެ. އެހީތެރިވާނެ މީހަކު ނެތީތީއާވެސް އެކުގައެވެ. އޭނާ މަސައްކަތްކުރާ ގެސްޓްހައުސް ހުޅުވި ދުވަސްކޮޅުގައި އެ ވަޒީފާ އޭނާއަށް ލިބުނީ އެކުވެރިއެއްގެ އެހީތެރިކަމަކާވެސް އެކުގައެވެ. އޭނާގެ އެކުވެރިޔާގެ ބައްޕަގެ ރައްޓެއްސަކަށް ގެސްޓް ހައުސްގެ ވެރިޔާވީކަމުންނެވެ. އޭރުން ފެށިގެން އެތަނުގައި އޭނާ މަސައްކަތްކުރާތާ ވެސް މިހާރު ތިން އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. ލިބޭ ބާރަހާސް ރުފިޔާގެ މުސާރައިން އޭނާއާއި މަންމަގެ ޚަރަދުތައް ކޮށްފައި ރަނީމްއަށް ފުދިގެން އުޅެވެއެވެ.

ރަނީމްގެ މަންމަ ސަމްރާ ރަނީމްގެ އަތުގައި ހިފައްޓައިލިއެވެ. އެ އަތުގައި އޮތް ހިމަ ރަންކުލައިގެ އުޅާއަށް ބަލައިލިއެވެ. ސަމްރާ އޭނާގެ ދެބުމަ އުފުއްލައިލިއެވެ. އަދި ރަނީމް ދިޔަ ތަނަކާ ބެހޭގޮތުން ސުވާލުކުރަން މަސައްކަތްކުރިއެވެ.

"ބޭރަށް ދިޔައީ. މަންމައަށް ވެސް ނިދިފަ އޮތީމަ މިދިމާ ރުއްފަލަށް ނުކުމެލީ…" ސަމްރާ އެ އަހަނީ ކީކޭކަން އެނގޭ ފަދައަކުން ރަނީމް ވާހަކަ ދެއްކިއެވެ. ސަމްރާ އޭނާއާ މެދު ކަންބޮޑުވާކަން ރަނީމްއަށްް އެނގެއެވެ. ޚާއްސަކޮށް އެ ދެމައިންނަކީ އެކަނި އުޅޭ ދެމީހުންނަށް ވާތީ އެވެ. މަންމަ އޭނާއާ މެދު އެހާ ކަންބޮޑުވަނީ އޭނާއަށް ދެރައެއް ލިބެން ނޭދޭތީކަމުގައި ރަނީމްއަށް ޤަބޫލުވެސް ކުރެވެއެވެ. ރަނީމް ސަމްރާގެ އަތަށް ބާރުކޮށްލީ ކަންބޮޑުނުވާށޭ ބުނާފަދައަކުންނެވެ.

"ނަމާދުކޮށްލައިގެން ދޯ އެއްޗެއް ކާނީ. ހިނގާ ކޮޓަރިއަށް. " ރަނީމް އެއްފަރާތުގައި ހުރި ފުރޮޅުލީގޮނޑި ފަތްޖެހިއެނދާ ކައިރިކޮށްލާފައި، ސަމްރާއާ ގާތްވެލިއެވެ. އަދި ގުދުވެލާފައި، ސަމްރާ ނަގާ ގޮނޑީގައި ބެއިންދިއެވެ. ސަމްރާގެ ބަލިކަށިވެ ޕެރަލައިޒްވެފައިވާ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތްނަމަވެސް، އޭނާގެ ހިކި އަނަރޫފަ ވެފައިވާ ހަށިގަނޑު ލުއިކަމުން އުފުއްލައިލުމަކީ ރަނީމްއަށް މާ އުނދަގޫކަމެއް ނޫނެވެ. އޭނާއަށް ހަމަ އެކަނި އުނދަގޫވަނީ އެ ހަށިގަނޑުގައި ވަރު އެއްވެސް ވަރަކަށް ނުހުންނާތީއެވެ. ސަމާލުވާންޖެހެނީވެސް އެހެންވެގެންނެވެ. ގޮނޑީގައި މަންމަ ބެއިންދުމަށްފަހު ރަނީމް ކުޑަކޮށް ކުޑަކަކޫ މައްޗަށް ވާ ގޮތަށް އިށީނދެލިއެވެ. އޭރު ސަމްރާގެ ދެލޮލުން ކަރުނަ އަންނަމުން ދިޔަތަން އޭނާއަށް ފެނުނެވެ.

"މަންމަ ނުރޮއިބަ…. އަހަންނަށް މަންމަ ބަލާކަށް އުނދަގުލެއް ނޫނޭ. މަންމަ ތިހެން ރޯތަން ފެނުނީމަ އަހަރެންވެސް ވަރަށް ދެރަވޭ…" ރަނީމް އޯގާތެރިކަމާއެކު، ސަމްރާގެ ކަރުނަތައް ފުހެދިނެވެ. މިއަދު ދުނިޔޭގައި އެ މަންމަ ނޫނީ އޭނާގެ އެކަކުވެސް ނެތެވެ. އެ މަންމަ އެގޮތަށް ހިތްދަތިވެ ރޯތަން ފެނުމުން އޭނާއަށް ކުރުވަނީ ބަޔާންކުރަން ދަތި އަސަރެކެވެ.

"މަންމައަށް އެނގެއެއްނު އަހަރެން މަންމަ ދެކެ ވަރަށް ލޯބިވާކަން…" ރަނީމް އޭނާގެ މަންމަގެ އަތް ނަގާ އެ އަތުގައި ބޮސްދެމުން ބުނެލިއެވެ. "ނަމާދުކޮށްލައިގެން ކޮންމެވެސް އެއްޗެއް ކާލަންވާނެ."

ރަނީމް ސަމްރާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. ނަމާދުކޮށްލައިގެން އޭނާ ނުކުމެލީ ބަދިގެ ފަރާތަށެވެ. ނަސީބަކުން ބަދިގެ މިހާރު ހުންނަނީ ގޭތެރޭގައެވެ. އެއީ މާމަމެން ދުނިޔޭގައި ގެނައި ބަދަލެކެވެ. ވަކިން ހުރި ކާގެއާ ބަދިގެ ގެއާ ގުޅުވާލާފައި ފަހުން ރޭނީއެވެ. ރަނީމް ގޮސް ފްރިޖުން ނެގި ޖޫސް ޕެކެޓުގެ މަތި ހުޅުވާލާފައި އެތަނުގައި ހުރި ލަކުނޑި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ކަބަޑުން ޖޯޑެއް ނެގިއެވެ. އެ ޖޯޑު ދޮވެލާފައި އައިސް އޭގެ މެދެއް ހާ ހިސާބަށް ޖޫސް އެޅިއެވެ. ދެން ގޮސް އަނެއްކާވެސް އެއްފަރާތުގައި ހުރި ކަބަޑު ހުޅުވާލާފައި އޭގެން މަތިޖެހި ޕްލާސްޓިކް ތައްޓެއް ނެގިއެވެ. އޭގައި ހުރީ ހުސް ބޭހެވެ. މޭޒާ ކައިރިވެލާފައި އެތަނުގައި ހުރި ކުޑަ ތައްޓަކަށް އޭނާ ބޭސްތައް އަޅަން ފެށިއެވެ. އެކަން ކުރާކަށް އޭނާ ބޭހުގެ ބޭރުގައި ލިޔެފައިވި އެއްޗެއް ކިޔާކަށް ނުޖެހެއެވެ. ފަރިތަކަމާއެކު ބޭހަށް ބަލައިލާފައި އޭނާ ބޭނުންވާ ބޭސްތައް ތައްޓަން އަޅާ ނިންމާލުމުން އެއީ އޭނާ އާއްމުކޮށް ކުރާކަމެއްކަން އެނގެއެވެ. ބިއްލޫރި ތަށި އަޅުވާފައި ހުރި އެތިން ތައްޓެއް ނަގާފައި އޭނާ އެތާހުރި ފިނި ނޫން ފެންފުޅިން ތައްޓަށް ފެން އަޅާފައި އެއަށް ބޭސް ގުޅައެއް ލިއެވެ.

އެ މަސައްކަތް ކޮށްނިންމާލާފައި، ސިންކުގެ އެއްްފަރާތުގައި ހުރި، ކަބަޑު ދަމާލާފައި، ބަތްކާތައްޓެއް ނަގާފައި އުނދުން ކައިރިއަށް ޖެހިލިއެވެ. ތަރުކާރީއާއި ބަތް މިކްސަރުން މުގުރާފައި ކައްކާފައި ހުރި ބަތް ޕެން، ތައްޓަށް އަޅައިގެން ގެންގޮސް މޭޒުމަތީގައި ބަހައްޓާފައި އެނބުރިލި ވަގުތު ބޭރުން މީހެއްގެ ހިޔަންޏެއް ވީހެން ރަނީމްއަށް ހީވިއެވެ. ބަދިގޭގެ އެއްފަރާތު ފާރުގައި ގޯތީގެ ބިއްދޮށަށް ހުޅުވޭހެން ކުޑަ ދޮރުތަކެއް ހުރެއެވެ. އޭގެ އިތުރުން އެފަރާތަށް ނުކުމެވޭހެން، ދޮރެއް ވެސް ހުއްޓެވެ. އެ ދިމާލުގައި ގަސްތައް ފުދޭވަރަަކަށް ގިނައެވެ. ފޭރާއި ކުންނާރުގެ އިތުރުން އެހެނިހެން މޭވާ ލިބޭ ގަސްތައް ވެސް ވަނީ ހައްދާފައެވެ. ރަނީމްއަށް އިރުކޮޅަކު އެ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއީ އޭނާއަށް ހީވި ހީވުމެއް ބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

އަނެއްކާ މީހަކު ވަނީ ހެއްޔެވެ؟ ނޫނެކެވެ. އެއީ ފަސޭހަކަމަކަށް ނުވާނެއެވެ. ވަށައިގެން ވަނީ އުސްކޮށް ވަށާ ފާރު ރާނާފައެވެ. އެ ގަޑީގައި އެ ދިމާލަށް މީހަކު ނުވަންނާނެޔޭ ރަނީމްގެ ހިތަށް އެރި ސަބަބަކީ، މީގެ ކުރިން ވަށްކަންކުރަން އެގެއަށް މީހަކު ނުވަންނާތީއާވެސް އެކުގައެވެ.

ފަހަރުގައި ޖެހިލި ރޯޅިއަކާއެކު އެފަރާތުގައި ހުރި ގަހެއްގެ އޮފިގަނޑުގެ ހިޔަނިވީކަމަށް ބަލާފައި ރަނީމް އެ ހުރިހާ އެއްޗެއް ތަބަކަކަށް ލައިގެން ގޮސް ކޮޓަރިއަށް ވަތްއިރު ސަމްރާ އެނދުގައި އޮތެވެ. ރަނީމް ފެނުމުން އޭނާ އަތުން އިޝާރާތްކޮށްލިއެވެ. ކާން ބޭނުމެއް ނޫނޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"މިއަދުވެސް މަންމަ ކިހާ ކުޑަކޮށް ކެއި. ކައިގެނެއްނު ބޭސް ވެސް ކެވޭނީ…" ރަނީމް ސަމްރާއަށް ބުނެލިއެވެ. އޭނާ އެތާހުރި މޭޒު މަތީގައި ތަބަށް ބަހައްޓަމުން އެތަނުގައި ހުރި ތިން ދޮރުފަތް ލީ އަލަމާރި ހުޅުވައިލިއެވެ. އަދި އެތެރެ ކަބަޑު ހުޅުވާލާފައި، ކުޑަ ރުމާކޮޅެއް ނެގިއެވެ. ދެން ގޮސް ސަމްރާ ކުޑަކޮށް ތެދުކޮށްލާފައި މޭމައްޗާ ކަރު ފޮރުވޭގޮތަށް އެ ރުމާކޮޅު ބާއްވައިލަ ދިނެވެ. އެއަށްފަހު މޭޒުމަތީގައި ބެހެއްޓި ބަތްޕެން ތަށި ނެގުމަށްފަހު، އެތަނުގައި ހުރި ލަކުނޑި ގޮނޑިއެއްގައި އިށީނެވެ. އަދި ސަމްރާއަށް ކާން ދޭން ވެގެން އުޅުނެވެ.

ސަމްރާ އަނގަ ހުޅުވައިލި ނަމަވެސް، އެއްފަރާތުން ހަރަކާތްކުރުން އޭނާއަށް އުނދަގުލެވެ. ރަނީމް ކެތްތެރިކަމާއެކު ސަމްރާގެ އަނގަޔަށް ފަހަރަކު ސަމްސަލެއް ލަވަމުން ދިޔައެވެ. އަދި ޖޫސްތަށިން ވެސް އެތި ފޮދެއް ދެމުން ދިޔައެވެ. ސަމްރާގެ އަނގައިން ފައިބަމުން ދިޔަ ބައި ޓިޝޫއަކުން ފުހެމުން ރަނީމް، އޭނާއަށް ކާން ދީ ނިންމާލިއެވެ. އަދި ޖޫސްތަށި ދީފައި ސަމްރާގެ ތުން ފުހެދިނެވެ. ދެން އޭނާ ބޭސްތައް ނަގާފައި ސަމްރާއަށް ބޭސް ދިނެވެ.

"މި އަންނަނީ އިނގޭ ތަށިތައް ލާފަ." ރަނީމް ތަށިތައް ހިފައިގެން ގޮސް ކާގެއަށް ވަނެވެ. ހުރިހާ އެއްޗެއް ދޮވެލާފައި، އޭނަ އަނބުރާ ކޮޓަރިއަށް ދިޔައިރު ސަމްރާއަށް އޮތީ ނިދިފައެވެ. ރަނީމް ސަމްރާ ރަނގަޅަށް ބާއްވާފައި ނުކުމެލިއެވެ. އޭރު އިޝާ ނަމާދަށް ގޮވަން ކައިރިވަނީއެވެ. އާއްމުކޮށް އޭނާ ސަމްރާއަށް ކާން ދެނީ، އިޝާ ފަހުން ނަމަވެސް، މިއަދު ސަމްރާ ކެއީ ކުޑަކޮށް ކަމުން އެހާއިރު ވާއިރު ހުންނާނީ ބަނޑުހައިވެފައިކަން އެނގޭތީ ރަނީމް ތަންކޮޅެއް އަވަހަށް ކާން ދިނީއެވެ.

އިޝާ ނަމާދުކޮށްލައިގެން ރަނީމް ދިޔައީ ބަދިގެ ފަރާތަށެވެ. ބަނޑުހައި ހޫނުކަން އޭނާއަށް އިޙްސާސްކުރެވެމުން ދިޔައީތީއާވެސް އެކުގައެވެ. ހަދާފައިހުރި ކުޅި މަހުން މަސްކޮޅެއް ބަތްކާ ތައްޓަކަށް އަޅައިގެން ގޮސް މޭޒު ދޮށުގައި އިށީނުމަށްފަހު، އޭނާ، ރޮށި ތަށީގެ މަތި ނެގުމަށްފަހު ރޮއްޓެއް ނަގާފައި ކުޅި މަހާ ޖަހައިގެން ކާން ފެށިއެވެ. މާދަމާއަކީ އޮފީސް ދުވަހެއްކަމުންނާ، ބުރަ ދުވަހަކަށް ވާނެތީ ތަންކޮޅެއް އަވަހަށް ނިދާލަން ރަނީމް ހުރީ ބޭނުންވެފައެވެ. އޭނާ ކައިގެން ސަމްރާގެ ކޮޓަރިއަށް ވަދެ ސަމްރާގެ ޙާލެއް ބަލައިލާފައި ނުކުމެ ކުރިމައްޗަށް ހުރި ކޮޓަރިއަށް ވެނެވެ. އެއީ މާމަމެން ދުނިޔެއިން ސުރެ އޭނާއަށް ޚާއްސަ ކޮޓަރިއެވެ. އޭނާގެ ހުރިހާ ސާމާނެއްވެސް ހުންނަނީ އެތަނުގައެވެ. މާމަމެން ނިޔާވުމަށްފަހު ގިނައިން ރަނީމް ނިދަނީ މަންމަގެ ކައިރީގައި ތިރީގައި ގޮދަޑިއެއް އަޅައިގެންނެވެ. މަންމަ އެކަނި ބާއްވަން ހިތް ނޭދޭތީއެވެ. އެހެންކަމުން މިރޭވެސް އޭޭނާ ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ނިދާ އެއްޗެހި ލައިގެން ގޮސް ވަނީ ސަމްރާގެ ކޮޓަރިއަށެވެ. އެގޭގެ ޖުމްލަ ހަތަރު ކޮޓަރީގެ ތެރެއިން އެއް ކޮޓަރި މީގެ ކުރިން ބޭނުންކުރީ އޭނާގެ މާމައާއި ކާފައެވެ. އަނެއް ކޮޓަރި އޭނާއެވެ. ދެން ހުރީ ސަމްރާގެ ކޮޓަރިއެވެ. އެއީ މިހާރު އޭނާ ވެސް އާއްމުކޮށް ނިދަން އޮންނަ ކޮޓަރިއެވެ. ބާކީ ހުރި ކޮޓަރި ބޭނުންކުރަނީ ގުދަނެއް ގޮތަށެވެ.

އެނދުގެ އެއްފަރާތުގައި، ގޮދަޑި ބާއްވާލާފައި ރަނީމް ލޯ މަރައިލިއެވެ. ނިދޭތޯއެވެ. މަންމަވެސް އޮތީ ގަދަ ނިދީގައެވެ. ނަސީބަކުން އޭނާއަށް ދާދި ފަސޭހައިން ނިދިއްޖެއެވެ.

*****

ޖެހިގެން އަދި ދުވަހު ރަނީމް ގެއަށް ނުކުތީ ސަމްރާއަށް ކާން ދީފައެވެ. މަންމަ އެކަނިކޮށްލާފައި ދާން ބޭނުން ނުވިއެއްކަމަކު، އެ ނޫން ގޮތެއް މިއަދު އޭނާއަކަށް ނެތެވެ. ދަބަސް ހިފައިގެން އަވަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ ހިނގައިގަތެވެ. ގެސްޓް ހައުސް ހުންނަނީ، ރަށުގެ އަނެއް އަވަށުގައެވެ. އެހެންކަމުން ހިނގާފައި ދާން ޖެހޭތީ އޭނާ އަބަދުވެސް ތަންކޮޅެއް އަވަހަށް ގެއިން ނުކުންނަން ޖެހެއެވެ. އެހެން ނޫނީ ގަޑި ޖެހޭނެތީއެވެ. ވަކި ހިސާބަކަށް ގޮސްފައި ރަނީމް ދެފަޔަށް ބާރުލާފައި ފިޔަވަޅުތައް ބާރުކޮށްލިއެވެ. އެ ހިސާބަށް ދެވުނުއިރު އަށެއް ޖަހަން މިނެޓަކަށްވަނީ ވެފައެވެ.

އެ ގެސްޓް ހައުސް ހުންނަނީ އެވަށުގެ ވެސް ގޮނޑުދޮށާ ވީ ފަރާތުގައެވެ. ތަން ފަރުމާކޮށްފައިވަނީ ކޮޓަރިތަކުގެ ބެލްކަންޏަށް ނުކުމެލުމުން މޫދު ރީއްޗަށް ފެންނަ ގޮތަށެވެ. އެތެރެއަށް ވެދަފައި، އޭނާ ގޮސް ލިފްޓު ކައިރީގައި މަޑުކޮށްލިއެވެ. އެއީ ޖުމްލަ ފަސް ފަންގިފިލާގެ އިމާރާތެކެވެ. ޖާގައިގެ ގޮތުން ތަނަވެސްވެފައި ހިތްގައިމެވެ. ރަށަށް ޒިޔާރަތްކުރާ މެހެމާނުންނާ އަދި ވަކިން ޚާއްސަކޮށް، ފަތުރުވެރިންގެ މެދުގައި އެ ގެސްޓް ހައުސް މަޤުބޫލެވެ. ފުރަތަމަ ތިން ފްލޯގައި ހުންނަނީ، ކޮޓަރިތަކެވެ. ހަތަރުވަނަ ފްލޯ ޚާއްސަކުރެވިފައިވަނީ އިދާރީ މަސައްކަތްތަކަށެވެ. އަދި އެންމެ މަތީގައި ހުންނަނީ، ރެސްޓޯރެންޓެކެވެ.

ހަތަރު ވަނަ ފަންގިފާއަށް އެރުމަށްފަހު އޭނާ ފިންގަރ ޕްރިންޓް ޖަހާލާފައި ގޮސް އެމީހުންގެ ސެކްޝަނަށް ވަނެވެ. އޭނާ މަސައްކަތްކުރަނީ ގެސްޓްހައުސްއަށް ބުކިން ހެއްދުމާއި އަދި އެހެނިހެން ބައެއް އިދާރީ ކަންތައްތައް ކުރާ ސެކްޝަނުގައެވެ.

ރަނީމްގެ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ، އޭނާގެ އެންމެ ގާތް އެކުވެރިޔާ، ހައިފާ މަސައްކަތްކުރަން އިންނަ މޭޒަށެވެ. ހައިފާއަކީ އަބަދުވެސް އޭނާއަށް ވުރެ ކުރިން އޮފީހަށް އަންނަ ކުއްޖެކެވެ. މިއަދު ހައިފާ ނެތުމުން އަނެއްކާ ކަމެއްދިމާވީ ބާއޭ ރަނީމްގެ ހިތަށް އެރިއެވެ. އޭނާ ހައިފާއަށް ގުޅާލަންވެގެން އުޅުނު ވަގުތު، ފޯނަށް މެސެޖެއް އައެވެ. ރަނީމް ބަލައިލިއެވެ. އެއީ ހައިފާގެ މެސެޖެކެވެ.

(ނުނިމޭ)

ނޯޓް: ވާހަކައަކީ އަމިއްލަ ޚިޔާލަކަށް ލިޔަމުން ގެންދާ "ޚިޔާލީ" ވާހަކައެކެވެ. ވުމާއެކު ވާހަކައިގެ ހިމެނޭ ކަންތައްތަކާއި ވާހަކައިގެ ސިފަކުރުންތައް ގެނެސްދީފައިވާނީ އަޅުގަނޑަށް ސިފަކުރެވޭ ގޮތަށެވެ. މި ވާހަކައިގައި ހިމެނޭ ހާދިސާތައް މީ ފަހަރެއްގައިވެސް ހިނގަމުންދާކަމަކާ ނުވަތަ ހިނގާފައިވާ ކަމަކާ ނުވަތަ ހިނގާފާނޭކަމަށް ލަފާކޮށް ލިޔަމުން ގެންދާ ވާހަކައެއް ނޫނެވެ. މި ވާހަކައަކީވެސް ތިޔަ ކިޔުންތެރިންނަށް ކަމުދާނެ ތަފާތު ރީތި ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަމެވެ. މި ފުރުސަތުގައި އަޅުގަނޑުގެ ވާހަކަތަކަށް ތި ދެއްވާ ސަޕޯޓްއަށް ހިތުގެ އިޚްލާސްތެރި ޝުކުރު ރައްދުކުރަމެވެ. ޝުކުރިއްޔާ!

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު