ސްކޭމްތަކުގެ މައްސަލައިގައި ތަންފީޒީ ބާރު ކުޑަ، ގެއްލުން ކުޑަކުރުމަކީ އެންމެންގެ ޒިންމާއެއް: ސީއެމްޑީއޭ

ދެ މީހަކުވެގެން ފޯނަކަށް ބަލަހައްޓައިގެން: ސްކޭމްގެ ގާނޫނީ ޒިންމާ އޮތަސް އެންފޯސްމަންޓު ކުޑަ، ލިބޭ ގެއްލުން ކުޑަކުރުމަކީ އެންމެންގެ ކަމެއް ކަމަށް ސީއެމްޑީއޭއީން ވަނީ ބުނެފައި ---- ފައިލް ފޮޓޯ

ސްކޭމްގެ މައްސަލަތައް ބެލުމުގެ ގާނޫނީ ޒިންމާ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އަށް އޮތަސް، ތަންފީޒުކުރުމުގެ ބާރު ކުޑަ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ސީއެމްޑީއޭގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކު ވިދާޅުވީ، އެކަމުގައި މަސައްކަތް އޮންނަނީ ސެކިއުރިޓީއާ ގުޅޭ ކަންކަން ކަމަށެވެ.

އެހެންވެ، ސްކޭމެއް ހިނގިޔަސް ސެކިއުރިޓީއާ ގުޅޭ ކަމެއް ނޫންނަމަ އެ އޮތޯރިޓީގެ މައްސަލައަކަށްނުވާ ކަމަށާއި ގާނޫނާއި ގަވައިދުތައް ހެދިފައި ހުރީ އެފަދަ މައްސަލަތަކަށް ފައްތައިގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސީއެމްޑީއޭގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކު ---- ފޮޓޯ/ސީއެމްޑީއޭ މޯލްޑިވްސް

އެ ގާނޫނުތަކާއި ގަވައިދުތަކުގައި ކޮންމެ ވެސް މިންވަރެއްގެ 'ލޫޕް ހޯލް' ނުވަތަ ބާގަނޑުތައް ހުންނައިރު، ސްކޭމަރުން މަކަރާ ހީލަތުން ސްކޭމުތައް ހިންގަނީ އެކަން ހޯދައިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

އެފަދަ ކަންކަމުގައި ބޮޑެތި ގެއްލުންތައް ރައްޔިތުންނަށް ލިބޭކަމަށް އޭނާ ގަބޫލުކުރައްވައެވެ. އެ ގެއްލުން ކުޑަކުރުމަކީ ހުރިހާ އެންމެންގެ މަސައްކަތެއްކަމަށް އޭނާ ދެކިވަޑައިގަންނަވައެވެ.

ސީއެމްޑީއޭއަކީ [ސްކޭމް]ގެ ގާނޫނީ ޒިންމާ އޮތް ފަރާތް ކަމަށްވިޔަސް އަޅުގަނޑުމެންގެ އެންފޯސްމަންޓު ވަރަށް ކުޑަ. އަޅުގަނޑުމެން ދެން މި ޖެހެނީ ޕޮލިހުންނާ ގުޅިގެން ނުވަތަ ތަހުގީގީ އެހެން އިދާރާއަކާ ގުޅިގެން މަސައްކަތްތައް ކުރަން،

އެއާއެކު، ރަޖިސްޓާ ނުކުރާ ކުންފުނިތަކަށް އިންވެސްޓުނުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ފަހުން އެންމެ ހޫނުވި އެއް މައްސަލައަކީ ޖެމްކިއު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) ޕިރަމިޑް ސްކީމްގެ މައްސަލައެވެ. އެ ސްކީމުން ފައިސާ ނެގޭނެ ގޮތެއް ނެތިފައިވަނިކޮށް އެ ސްކީމް ހުއްޓާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.

އެ ސްކީމަށް 41،500 އަށްވުރެ ގިނަ ދިވެހީން ވަނީ އިންވެސްޓްކޮށްފައިވެއެވެ.

މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތި ދެއްވަމުން މީގެ ކުރިން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ޖެމްކިއުއަށް ދިވެހީން މިލިއަނުން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ހޯދައިދެވޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ. ސަބަބަކީ މިއީ ބޭންކިން ނިޒާމުގެ ބޭރުން ކްރިޕްޓޯ ކަރަންސީ މެދުވެރިކޮށް ހިންގާ ސްކީމަކަށްވުމުންނެވެ.

މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގާފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓްކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ވަނީ ފައިސާ އިންވެސްޓުކޮށްގެން މަންފާ ހޯދާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އެކިއެކި ޕްލެޓްފޯމްތަކާއި އެހެނިހެން ސްކޭމްގެ މައްސަލަތައް ބަލަން ވެސް ނިންމައިފައެވެ.

comment ކޮމެންޓް