ސިފައިންނާއި ފުލުހުން ގުޅިގެން މިދިޔަ މާރިޗު މަހުގެ ތެރޭގައި މާލޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ އެންޓި-ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، އެ މައްސަލަ އިއްޔެ ބަލައިގަނެފައިވާ ކަމަށާއި އެމީހުންގެ މައްޗަށް ދައުވާ ކުރުމާމެދު އަންނަ މަހު ހަތެއްގެ ކުރިން ގޮތެއް ނިންމާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ދައުވާ ކުރުމަށް ހުށަހެޅި މައްސަލައަކީ، ސިފައިންނާއި ފުލުހުން ގުޅިގެން، ޓެރަރިޒަމުގެ އަމަލުތަކާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންގެ މައްސަލައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޓެރަރިޒަމްގެ މައްސަލައެއްގެ މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ހަވީރަށް ނޫސްވެރިންގެ ބައްދަލުވުމެއް ތާވަލު ކުރި ނަމަވެސް އެ ބައްދަލުވުން ފަހުން ވަނީ ކެންސަލްކޮށްފައެވެ. އެ ބައްދަލުވުން ދެން ބާއްވާނެ ތާރީޚެއް މިހާތަނަށް ދީފައިނުވެއެވެ.
ފުލުހުންނާއި ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ވަނީ، މާލޭގެ ބައެއް ގެތަކާއި ތަންތަން ބަލައި ފާސްކޮށް, ތިން މީހަކު ހައްޔަރުކޮށްފައެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ސިފައިންނާއި ފުލުހުން، އެޑްރެހުގެ ގޮތުގައި 'ހ. ނާގޫރުގެ' އަދި 'ނޫރުލްއައިން' ނަން ބޯޑު ޖަހައިފައިވާ ގެއަކަށް ވަދެ ބަލައި ފާސްކުރާ މަންޒަރު "ސަން"ގެ ނޫސްވެރިންނަށް ފެނުނެވެ. އެ ގެ ތެރެއިން ބައެއް މީހުންނާ ވެސް ސުވާލު ކުރާ މަންޒަރު ވެސް ފެނުނެވެ.
ފަހުން އެ ގެއިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްގެން ދާ މަންޒަރު ވެސް ވަނީ ފެނިފައެވެ.
އެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި މޫނު ނިވާކޮށްގެން ތިބި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވިއެވެ.