އެމެރިކާގެ ހަމަލާއިން އީރާނުގެ ނިއުކްލިއާ މަޝްރޫއަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ނުލިބޭ: ޖާސޫސީ ރިޕޯޓު

އީރާނުގެ ފޯޑޯ ނިއުކްލިއާ އެންރިޗްމަންޓް ފެސިލިޓީ ހުންނަ ސަރަަހައްދު -- ފޮޓޯ/ އޭއެފްޕީ

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާގެ ސަބަބުން ނިއުކްލިއާ މަޝްއޫރުގެ މައިގަނޑު އަދި މުހިންމު ބައިތަކަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ނުލިބޭ ކަމަށް ޖާސޫސީ ރިޕޯޓެއްގައި ބުނެފިއެވެ.

ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ)ގެ ހޯދުންތަކުގެ މައުލޫމާތު ލިބިފައިވާ ބައެއް ފަރާތްތަކާ ހަވާލާދީ ސީއެންއެންއިން ބުނީ މިދިޔަ ހަފުތާ ބަންދުގައި ދިން ހަމަލާތަކުގެ ސަބަބުން އީރާނުގެ ސެންޓްރިފިއުޖް ނުވަތަ ޔުރޭނިއަމް މުއްސަނދިކުރާ ސްޓޮކަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

"އެހެންވެ ޑީއައިއޭ އެސެސްމަންޓުން ދައްކަނީ އީރާންގެ ނިއުކްލިއާ މަޝްރޫއު ޖައްސާލެވުނީ މަސްދުވަސްކޮޅެއް ފަހަތަށް ކަމަށް." އޮފިޝަލާ ހަވާލާދީ ސީއެންއެންއިން ބުނެފައިވެއެވެ.

އެސެސްމެންޓުތަކުން އީރާނުގެ ނިއުކްލިއާ މަޝްރޫއަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ބުނެފައިވާއިރު، ބަންކަ ބަސްޓާ ބޮން އަޅައިގެން އީރާންގެ މައި ނިއުކްލިއާ ތިން މަރުކަޒު އެއްކޮށް ހަލާކުވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

"އީރާނުގެ ނިއުކްލިއާ މަރުކަޒުތައް މުޅިން ހަލާކުވެއްޖެ." ޓްރަމްޕް އޭނާގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވިއެވެ.

ޑިއައިއޭގެ އެ އެސިސްމެންޓް ވައިޓް ހައުސްއަށް ލިބިފައިވާކަން ކަށަވަރުކޮށްދިން ނަމަވެސް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވީ އޭގައި ހުރީ ސައްހަ ނޫން މައުލޫމާތުތަކެއް ކަމަށެވެ.

އަދި އެ އެސެސްމަންޓް ވަނީ އިންޓެލިޖެންސް ކޮމިޔުނިޓީގެ މީހަކު ސީއެންއެންއަށް ލީކުކޮށްލާފައި ކަމަށްވެސް ލީވިޓް ވިދާޅުވިއެވެ. އެއީ ޓްރަމްޕަށް ފުރައްސާރަކޮށް، އަސްކަރީ އޮޕަރޭޝަން ބަދުނާމު ކުރުމުގެ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ލީވިޓް ވިދާޅުވިއެވެ.

"އެންމެންނަށް ވެސް އެނގޭ 30،000 ޕައުންޑްގެ ސަތާރަ ބޮން އެމީހުންގެ އަމާޒުތަކަށް ވައްޓާލުމުން ވާނެ ގޮތް. މުޅިން ހަލާކުވާނެ،" ލީވިޓް އެކްސްގައި ލިޔުއްވާފައި ވެއެވެ.

އީރާނުގެ މައި ނިއުކްލިއާ މަރުކަޒު، ފޯޑޯއަށް އެމެރިކާއިން ދިން ހަމަލާގައި ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިފައިނުވާ ކަމަށް އީރާނުންވެސް މީގެކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް