ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށަން މިހާރު ތައްޔާރުވެފައިވާ ކަމަށާއި މާދަމާ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން ޒޯން ދޭއްގައި ހިމެނޭ ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެ އަތޮޅުގެ ރައްޔިތުން ފެރީގެ ޚިދުމަތަށް އަހުލުވެރިކުރުވުމުގެ ގޮތުން، މާދަމާއިން ފެށިގެން އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަަލަށް ހިލޭ ދަތުރުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮންމެ އަތޮޅަކަށް ވެސް އެ ޚިދުމަތް ފެށުމަށް ފަހު ފުރަތަމަ ހަފުތާގައި ޚިދުމަތް ދެނީ ހިލެއެވެ. އެއީ، އެ ހިސާބުތަކުގެ މީހުން ފެރީއަށް އަހުލުވެރި ކުރާށެވެ.
މިނިސްޓްރީން ބުނީ، މި މުއްދަތަަށް ފަހު، ޖުލައި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ފެރީގެ ޚިދުމަތް އެ އަތޮޅަށް ގެންދާނީ ޓިކެޓު ނަގައިގެން ކަމަށެވެ. އަދި، އާރްޓީއެލްގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާ އެކު ޓިކެޓު ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަަށް ވެސް މިނިސްޓްރީން ވަނި ބުނެފައެވެ.

އާރްޓީއެލް ފެރީތަކެއް: ރ. އަތޮޅަށް ޚިދުމަތް ފަށާނީ މާދަމާ --- ފޮޓޯ/ މާހިލް އާތިފް
މިނިސްޓްރީން ވަނީ ނ. އަތޮޅާއި ޅ. އަތޮޅަށް ފެރީގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުންދާއިރު، ރ. އަތޮޅުގައި ޚިދުމަތް ފެށުމުން، ރާއްޖޭގެ 10 އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ކުރިއަށްދާނެ ކަމަށެވެ. މިއީ ދަތުރުފަތުރުގެ ނިޒާމު ގުޅުވާލުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއްކަން ވަނި ފާހަގަކޮށްފައެވެ.
އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އެ މަސައްްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށެވެ.
އާރްޓީއެލްގެ ދަށުން މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލައި ބައެއް ޒޯންތަކުގައި ހިމެނޭ ރަށްތަކަށް ކަނޑައެޅޭ ތާވަލެއްގެ ދަށުން މިހާރު ވެސް އާރުޓީއެލްގެ ޚިދުމަތް އަންނަނީ ދެމުންނެވެ.