މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމްކޮށްގެން ބޭއްވި 9 ބޯލް އެސޯސިއޭޝަން ކަޕް 2025 ގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދައިފިއެވެ.
ޤައުމީ ބިލިއާޑް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން ފަޔާޒް ހޯދީ ފައިނަލުގައި އިސްމާއިލް ސުވައިދު އަތުން 6-9 ފްރޭމުންނެވެ.
މެޗު ފަޔާޒް ކާމިޔާބުކުރިއިރު މި މެޗު 6-6 އިން ވަނީ އެއްވަރު ވެސް ވެފައެވެ. އެއްވަރުވި ފަހުން ސުވެއިދުއަށް އޭނާގެ ކުރީގެ ފޯމަށް އަނބުރާ އާދެވޭގޮތެއް ނުވިއެވެ. އޭގެ ފައިދާ ނަގައިގެން ފަޔާޒް ވަނީ ޖެހިޖެހިގެން ހޯދި ތިން ފްރޭމާއެކު މެޗު ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ފައިނަލަށް ފަޔާޒް ދަތުރުކުރީ، ސެމީ ފައިނަލްގައި އިބްރާހިމް އާފީ 7-5 ފްރޭމުން ބަލިކޮށްގެންނެވެ. ދެވަނަ ސެމީ ފައިނަލުގައި ސުވައިދު ވަނީ 7-6 ފްރޭމުން އިސްމާއިލް ޖީހާން ބަލިކޮށްފައެވެ.
މި އަހަރު އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އެއް ކުޅުންތެރިއަކީ ފަޔާޒެވެ. އޭނާ ވަނީ މި އަހަރުގެ 8 ބޯލް ބިލިއާޑް އެސޯސިއޭޝަން ކަޕާއި 10 ބޯލް ޗެމްޕިއަންޝިޕު ވެސް ކާމިޔާބުކޮށްފައެވެ.