ހިސާބު ނަންބަރުން ވާހަކަދެއްކުމަކީ ވަރަށް "ސަޅި" ކަމެކެވެ. ސިޔާސީ މީހުން އެ އުކުޅު ގިނައިން ބޭނުން ކުރަނީ އެ ދައްކާ ވާހަކައިގައި އޮއްޓަރެއް ހުރިކަން ސާބިތު ކޮށްދިނުމަށެވެ. ހަމައެހެންމެ ނޫސްތަކުގެ ސުރުޚީއަށެވެ. ހަމަގައިމު ވެސް މި ކަމުން "ވަރަށް ބޮޑު ފައިދާއެއް ވާނޭ" ބުނުމުގެ ބަދަލުގައި "600 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެ" ކަމަށް ބުނުމުން މީހުންގެ ޝައުގު ބޮޑުވެފައި އެކަމަށް ސަމާލުކަން ދެވޭ ގޮތް ވާނެއެވެ. އެންމެން މި ތިބެނީ ފައިސާއަށް އެދިއެދި ކަމަށް ވާތީއެވެ.
ރާއްޖޭގެ މި ވަގުތުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދަކީ މި ގޮތަށް ނަންބަރުން ވާހަކަދައްކަވަން ފަރިތަ ބޭފުޅެކެވެ. މި ފަހުން އެންމެ ގިނަ ބަޔަކު ހަނދާން ހުންނާނެ އެފަދަ އެއް އަދަދަކީ ބަންކަރިންގެ ޚިދުމަތުން ރާއްޖޭގެ އިގުތިސާދަށް އަހަރަކު 400 މިލިއަން ޑޮލަރު ނުވަތަ 6.17 ބިލިއަން ރުފިޔާ ވަންނާނެ ކަމަށް ވިދާޅުވި ވިދާޅުވުމެވެ. ޑިވެލޮޕްމެންޓް ބޭންކާއި ޑޮލަރު މައްސަލައާއި ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމާ ގުޅޭގޮތުން ވެސް މިފަދަ ގިނަ ވާހަކަތަކެއް ސައީދު ވަނީ ދައްކަވައިފައެވެ.
ނަމަވެސް، ސުވާލަކީ ސައީދު މި ޖައްސަވާ ހިސާބު ވަރަށް ބޮޑުއިރު އެ ހަގީގަތް އެހާ ކުޑަ މި ވަނީ ކީއްވެގެންތޯއެވެ؟

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރަނގަޅަށް ހިނގާ ދުނިޔޭގެ ގައުމުތަކުގައި ވަޒީރުކަމުގެ މަގާމު ވަރަށް ގާބިލު ބޭފުޅަކަށް ނޫނީ ނުލިބޭނެއެވެ. އެއީ, ބޮޑު ވާދަވެރިކަމެއްގެ ތެރެއިން ލިބޭ ފުރުސަތެކެވެ. އެ ބޭފުޅުންގެ ފެންވަރު ރަނގަޅީ އެހެންވެއެވެ. ނަމަވެސް, އަޅުގަނޑުމެންގެ މި ގައުމަށް ބަލާއިރު މި ފަހުން އުފެދުނު ސަރުކާރުތަކުގައި ވަކި މީހެއްގެ ދަރިއަކަށް ނުވަތަ އަންބަކަށް ވީތީ, ނުވަތަ ކެމްޕެއިނަށް ވަކި ވަރަކަށް ފައިސާ ދިނީތީ ވަޒީރުކަން ލިބިވަޑައިގެންފައި އެބަހުއްޓެވެ. ވަޒީރު ކަމަކީ ސަބްސްކުރައިބު ކުރެވޭ މަގާމަކަށް މި އޮތީ ހަދައިފައެވެ. ގާބިލުތޯ ނުވަތަ ނޫންތޯއެއް ނުބައްލަވައެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު ސައީދަކީ އެފަދަ ބޭފުޅެއް ނޫނެވެ.
ސައީދަކީ ހަމަ ސީދާ އިގުތިސާދީ ވަޒީރެއްކަމުގެ ހެއްކަކީ މި ފަހުން ރާއްޖެ ދުށް ވެރިކަންތަކުގެ ތެރެއިން, އިގުތިސާދީ ގޮތުން އެންމެ ބޮޑު ކާމިޔާބެއް ހޯދި, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގެ މުޅި ދައުރު އެއްކޮށް ސައީދު އިކޮނޮމިކް މިނިސްޓަރަކަށް ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވީމައެވެ. އެ ދާއިރާއިން ޔާމީންގެ އަރިހުގައި ހިފަހައްޓާލެވޭނީ ގާބިލުވީމައެވެ. އަދި، ގިނަ ކާމިޔާބީތަކެއް ހޯއްދެވީމައެވެ. އެއީ، ޔާމީނަކީ އެ ދާއިރާގެ އެކްސްޕާޓެކެވެ. އެ މަގާމު ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފުރުއްވި, އެ ދާއިރާގެ ހުރިހާ ކަމެއްހެން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި، ޔާމީން ފަދަ ޖެހިލުން ކުޑަ, ކޮންމެފަދަ ނިންމުމެއް ވެސް ނިންމަވަން ކެރިވަޑައިގަންނަވާ, ވަރަށް ހަރު ވެރިއެއްގެ އަރިގައި މުޅި ދައުރު އެއްކޮށް އިގުތިސާދީ ވަޒީރަކަށް ހުންނެވޭނީ ހަމަގައިމު ވެސް ކޮލެޓީތަކެއް ހުރީމައެވެ. ނަމަވެސް މިހާރު އެ ދެބޭފުޅުންގެ ގުޅުން ގޯހެވެ. އޭރު ސައީދު, ޔާމީން ފިނިފެން މަލެއް ފަދައިން ސިފަ ކުރެއްވި ނަމަވެސް، މި ސަރުކާރާއެކު އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ވަނީ ބަދަލު ކުރައްވައިފައެވެ. ސައީދު ވިދާޅުވާގޮތުންނަމަ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަން ކުރައްވާތަން ބައްލަވަން ޔާމީނަށް ކެތް ނުކުރެއްވެނީއެވެ. ޔާމީން ވިދާޅުވަނީ އިގުތިސާދީ ގޮތުން ސައީދު ޖައްސަވާ ހިސާބު އެއްގޮތަކަށް ވެސް ދިމާނުވާ ކަމަށެވެ. އެހެންކަމުން ސައީދު ޖެއްސެވި ހިސާބުތަކާއި ކަން އޮތް ހާލަތަށް ބަލާލަން އެބަޖެހެއެވެ.
ދެއްވަނީ ވަރަށް ބޮޑު އުންމީދެއް, އެކަމަކު ފެންނަނީ އެހެން މަންޒަރެއް
ކޮންމެ ބޭފުޅަކު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް ހަގީގަތަކީ ރާއްޖޭގެ އިގުތިސާދު މިއޮތީ ވަރަށް ވެސް ނުރައްކާތެރި ހާލަތެއްގައި ކަމެވެ. ވިޔަފާރިތައް ދަށްވެއްޖެއެވެ. ދައުލަތުގެ ހަރަދު އިންތިހާއަށް ބޮޑެވެ. އަދި ދައްކަން ޖެހިފައިވާ ދަރަނި އޮތީ އަތް ނުފޯރާ ފަށުގައެވެ. އެކަމަކު، މިހާލަތަށް މި ގައުމުގެ އިގުތިސާދު ދިޔައީ މިނިސްޓަރު ސައީދު އިގުތިސާދީ ވަޒީރަކަށް ހުންނަވައިގެން ކުރެއްވި ކަންކަމުންނޭ, އަދި މި ސަރުކާރުގެ ސަބަބުންނޭ ބުނެފި ނަމަ އެއީ ވަރަށް ބޮޑު ދޮގަކަށް ނޫނީ ނުވާނެއެވެ. އެއީ، ހަމައެކަނި މި ސަރުކާރުގެ ކުށެއް ނޫނެވެ. މިއީ ވޭތުވެދިޔަ ތަނުގައި މި ރާއްޖޭގައި ވެރިކަންތައް ކުރެއްވި ބޭފުޅުންގެ ދެކޮޅު ނުޖެހޭ އުސޫލުތަކުގެ ހިތި ނަތީޖާއެވެ. ފައިސާ ޗާޕް ކުރުމާއި, ފައިސާ ނުލިބޭ ކަންކަމަށް ހަރަދު ކުރި ލޯނުތައް, ނުލިބޭ ފައިސާއިން ދައްކަން ޖެހުމުގެ ހިތި އަސަރެވެ.
މިކަންކަން މިހެން އޮތްއިރު އިގުތިސާދީ ވަޒީރު ސައީދު, މިހާތަނަށް ގިނައިން ދައްކަވާފައި ހުންނެވީ ވަރަށް އުންމީދީ ވާހަކަފުޅުތަކެކެވެ. ކަންކަން ރަނގަޅުވާނެކަމުގެ ޔަގީންކަން ތާރީހުތަކަކާ އެކު އެތައް ފަހަރަކު ދެއްވިއެވެ. ދުނިޔޭގެ ބޮޑެތި އިގުތިސާދަުތަކާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ފައިދާކުރާނެ ކަންކަން ކުރައްވާކަމުގެ ހެޑްލައިންތައް ހެއްދެވިއެވެ.
ގިނަ ގައުމުތަކަކަށް ދަތުރު ކުރައްވައިފިއެވެ. އެއްބަސްވުންތަކުގައި ސޮއިކުރައްވައި ފޮޓޯ ނަންގަވައިފިއެވެ. އަދި، މާ ބޮޑު ޕްރޮޖެކްޓެއް ނިންމޭހާ ދުވަސް މި ސަރުކާރަށް ނުވާކަން އެނގެއެވެ. ނަމަވެސް، މި ސަރުކާރަށް ދެ އަހަރު ވާން ދާއިރު އެ ވިދާޅުވާ ކަންކަން ވާނެކަމުގެ އެއްވެސް ކަހަލަ އަލާމާތެއް ވެސް ނުފެނެއެވެ.
"ޕީޕީއެމް [މިހާރުގެ ޕީއެންސީ] އެންމެ ގާތް ގައުމު ޗައިނާ. ރައީސް ޔާމީން ވެރިކަމުގައި އެހާ ރަނގަޅު ޕާފޯމަންސެއް ދެއްކުނީ ޗައިނާގެ ބޮޑު އެހީގެ ސަބަބުން. އެކަމަކު މި ސަރުކާރު އައި ފަހުން ޗައިނާގެ އެވަރުގެ އެއްވެސް އެހީތެރި ކަމެއް ނުލިބޭ. މެގަ އެއްވެސް ކަމެއް ނުހިނގާ. ބުލީ ނުކުރެވޭނޭ ރައީސް އިންޑިއާއާ ދިމާލަށް ވިދާޅުވީ އެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައި އޮތީމާ ކަމަށް ވެދާނެ. އެކަމަކު އެކަމެއް ނުވި. އެންމެ ފަހުން ޖެހުނީ ހަމަ ޔޫޓާނެއް ނަގައިފައި ފާޑުކީ އިންޑިއާ ގާތަށް ދާން. މިއީ ވަރަށް ބޮޑު ފެއިލްއެއް," ސިޔާސީ އަދި އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ހުންނެވި މަގާމުގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.
- ޑޮލަރު މައްސަލަ ގޯހުން ގޯހަށް
އަނެއް ކަމަކީ ރާއްޖޭގެ މުޅި އިގުތިސާދުގެ އޮކްސިޖަން ކަމަށްވާ ޑޮލަރު މައްސަލައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ދިވެހި ނޫސްވެރިންނާ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ. އޭގެ ފަހުން ވެސް ޑޮލަރުގެ މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން އެކި ގޮތްގޮތުން ދެއްވެވިއެވެ. ރައީސް މުއިއްޒު ވެސް އެކަން އިއުލާން ކުރެއްވެވިއެވެ. އަދި، ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ބޮލަކަށް ވަކި ވަރަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް, އެ ބޮޑު އިންޑަސްޓްރިއާ ދެކޮޅަށް ހަރުކަށި ގަވާއިދެއް ތަންފީޒުކުރަން ސަރުކާރުން ފެށިއެވެ.

ބީއެމްއެލް އިން ހުޅުމާލޭގައި އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގުމުގެ ޚިދުމަތް ފެއްޓެވުމަށްފަހު --- ފޮޓޯ: ބީއެމްއެލް
މުއްދަތަކަށް ފަހު މުއްދަތެއް ހަމަވަމުން ދާއިރު އެ ވިދާޅުވާ މައްސަލައަށް އެއްވެސް ހައްލެއް ނުލިބެއެވެ. ދަނީ ގޯހުން ގޯހަށެވެ. މިއަދު އެއް ޑޮލަރު ގަންނަން ލިބެން ހުރީ 20 ރުފިޔާއާ ގާތް ކުރާ އަދަދެއްގައެވެ. ދެއްވި ތާރީހަކަށް ފަހު ތާރީހެއް ފާއިތުވެގެން ދިޔައިރު ހާލަތު މިވަނީ ކުރިއަށް ވުރެން ގޯސްވެފައެވެ. މިއީ މިނިސްޓަރު ސައީދު ޖައްސަވާ ހިސާބު ގޯސްކަމުގެ ހެއްކެކެވެ. މި ކަމުގެ އަސަރު ވިޔަފާރިތަކަށާއި އާއްމުންގެ ދިރިއުޅުމަށް އަންނަނީ ވަރަށް ބޮޑަށް ކުރަމުންނެވެ.
- ބަންކަރިން: ދެއްކި މަންޒަރާއި އަޑާ ދިމާނުވޭ
ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސާދަށް ހަކަތަ ގެނައުމަށްޓަކައި އާމްދަނީ ލިބޭ އިތުރު ކަންކަން ކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. މިފަދަ އެއް މަޝްރޫއަކީ މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ޚިދުމަތެވެ. ބަންކަރިންގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ 19 ސެޕްޓެންބަރުގައެވެ. އެ ޚިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ. އެތައް ތާރީހަކާއި ހެޑްލައިނެއް ހެއްދެވުމަށް ފަހު އެންމެ ފަހުން އެ ޚިދުމަތް ފެށީ, ބަނދަރެއް ނެތި، ކަނޑުގެ ސަރަހައްދުގައި ބޯޓެއް ބާއްވައިގެން ދޭ އޮފްޝޯ ބަންކަރިންގެ ޚިދުމަތެއްގެ ގޮތުގައެވެ. އެ ވިޔަފާރީން ރާއްޖޭގެ އިގުތިސާދަށް އަހަރަކު 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް މިނިސްޓަރު ސައީދު އިއުލާން ކުރެއްވުމުން ގިނަ ބަޔަކަށް އެކަންވީ އުއްމީދީ މަޝްރޫއަކަށެވެ. އަދި އެތައް ހާސް ވަޒީފާއެއް އުފެދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނެވެ.
ނަމަވެސް، މިހާތަނަށް އެކަން ފެނިގެން ގޮސްފައިވަނީ ވަރަށް ވެސް އާދައިގެ ގޮތަކަށް ކުރާ ކަމެއްގެ ގޮތުގައެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ޚިދުމަތަކަށް އެކަން ވެގެންދާނެކަމުގެ އެއްވެސް ކަމެއް ނުފެނެއެވެ. އަދި، އުފެދޭނެ ކަމަށް ސަރުކާރުން އިއުލާނުކުރި ވަޒީފާތަކެއް ވެސް އަދި ގައިމު ވެސް އުފެދިގެނެއް ނުދެއެވެ. މި ކަން ކުރީގެ ރައީސް ޔާމީންފަދަ އިގުތިސާދީ ތަޖުރިބާކާރުން ސިފަކުރައްވަނީ ޖޯކެއްގެ ގޮތުގައެވެ.
މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު, ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންކަރިންގެ ޚިދުމަތުން ފައިދާ ލިބޭތޯ ބައެއް ނޫސްވެރިން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ، އެ ޚިދުމަތުން ފައިދާ ވަމުން އަންނަކަމަށެވެ. ސައީދު ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ބަންކަރިންގެ ޚިދުމަތް ދިނުމަށް ވަސީލަތްތައް ގާއިމްކުރުމުގެ ވާހަކައަކީ ''ދުލުން ބުނެލަން ފަސޭހަ ނަމަވެސް ބޮޑު މަސައްކަތެއް'' ކަމަށެވެ.
އެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަމަށާއި، ރާއްޖެއިން އެ ކަމަށް ފައިސާ ނުލިބޭނަމަ، ބޭރުން ވެސް އެ ކަމަށް ފައިސާ ހޯދައިގެން ކަންކަން ކުރިއަށްގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.
- ޑިވެލޮޕްމެންޓް ބޭންކް: މަސައްކަތް ނުފެށި ކޯޅުމަކަށް
ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް އުފެއްދީ މިދިޔަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހެވެ. ޗާންދަނީ މަގުގައި އެސްއެމްއީ ހަބް ހިންގި އިމާރާތް ހުސްކޮށް, ބޮޑު ބޯޑެއް ޖަހައި ބޭންކެއް ހެދީ މިނިސްޓަރު ސައީދު ގިނަ ޔަގީންކަންތަކެއް ދެއްވައިފައެވެ.
ސައީދު ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކުން ދަރަނީގެ އިތުރުން، މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ތައާރަފުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި އިކުއިޓީ ފައިނޭންސް، ސިންޑިކޭޝަން އަދި ރިސްކް އިންޝޫރެންސް ހިމެނޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، އެ ބޭންކަށް މިހާ ދުވަސްވީއިރު އަދި އެތަނުގެ މަސައްކަތް ނުފެށެއެވެ. އެއަށް ވުރެ ދެރަ ކަމަކީ, އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސްއާއި އިތުރުވެރިން އިސްތިއުފާ ދެއްވުމެވެ. އޭގެ ތެރެއިން ނޮއެލް ވަނީ މުސާރައިގެ މައްސަލައެއްގައި ޓްރެބިއުނަލަށް މައްސަލަ ވެސް ހުށަހަޅައިފައެވެ.
އެ ބޭންކުގެ މަސައްކަތް ނުފެށިވީ ނަމަވެސް މިދިޔަ މާރިޗު މަހުގެ 25 ގެ ނިޔަލަށް އެތަނަށް 6.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް, ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެ ތަން ހިންގަން ނެގި އިމާރާތަށް ކުލި ވެސް ނުދައްކައެވެ. އެ ގޮތުން، ހަ މަސް ދުވަހަށް ޖުމުލަ 400،000 އަށްވުރެ ބޮޑު އަދަދެއް ކުލީގެ ގޮތުގައި ނުދައްކާ އެބައޮތެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި ޑިވެލޮޕްމަންޓް ބޭންކްގެ ޚިދުމަތް ނުފެށި ލަސްވާތީ ވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެކަމަކު، އެ ބޭންކްގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
- ޕޭޕަލްގެ ޚިދުމަތް ލިބޭނެ ކަމާމެދު ޝައްކު
ދިވެހީން, ޚާއްސަކޮށް ޒުވާނުން ސްކޭމްތަކުގައި ޖެހޭ ވާހަކަދައްކާއިރު ރަނގަޅު ގޮތުގައި އިންވެސްޓްކޮށްގެން އާމްދަނީ އިތުރުކުރުމުގެ ފުރުސަތުތައް ދިވެހީންނަށް މަދު ވާހަކަ ވެސް ދައްކަން ޖެހެއެވެ. ޚާއްސަކޮށް ޑިޖިޓަލް މި ދުނިޔޭގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކަށް ކޮންޓެންޓް އުފައްދައިގެން މަނިޓައިޒް ކުރުމުގެ ފުރުސަތު ދިވެހި ރާއްޖޭގައި އަދި ނެތެވެ. މިކަން ބަދަލުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ޑިޖިޓަލް ވަސީލަތްތަކުން ދިވެހީންނަށް އާމްދަނީ ހޯދޭނެ މަގު ފަހިކުރުމަށްޓަކައި, ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ފަސޭހައިން އޮންލައިން ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަހިކޮށްދޭ ޕޭޕަލް ރާއްޖެއަށް ތައާރަފުކުރުމެވެ. މިއީ އެތައް ބައެއްގެ އުންމީދެކެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ސައީދު ވިދާޅުވީ، ރާއްޖެއަށް ޕޭޕަލް ތައާރަފުކުރުމަށް ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. ނަމަވެސް، އެކަން އަދި ވާ ގޮތެއް ނުވެއެވެ.
މި ފަހުން, މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފައިވަނީ ޕޭޕަލް ރާއްޖެއަށް ތައާރަފުކުރަން މަސައްކަތްތައް ކުރި ނަމަވެސް، އެ ޚިދުމަތް ރާއްޖެއަށް ފުޅާކުރެވިފައިނުވަނީ ޕޭޕާލް ކުންފުނީގެ ނިންމުމެއްގެ ސަބަބުން ކަމަށެވެ.
އެމްއެމްއޭއިން ބުނީ، ޕޭޕާލްއަށް އެކަށީގެންވާ ޑިމާންޑެއް ރާއްޖޭގައި އޮތް ކަމަށް ބެލެވޭތީ އެ އޮތޯރިޓީން ޕޭޕާލްގެ ސަރަހައްދީ އޮފީހާ އެކު 2020 ވަނަ އަހަރުގެ ތެރޭގައި މަޝްވަރާތަކެއް ފެށި ކަމަށެވެ. އަދި، 2021 ވަނަ އަހަރާ ހަމައަށް ކުރި އެކިއެކި މަޝްވަރާތަކުން އެނގިފައިވަނީ ޕޭޕާލްގެ ޚިދުމަތްތައް ރާއްޖޭގައި އިތުރަށް ފުޅާ ކުރެވިފައި ނުވަނީ އެކަމުގައި ހުރި ގާނޫނީ ހުރަސްތަކަށް ވުރެ ބޮޑަށް އެ ފަރާތުގެ އިސްތިރާޖީ ނުވަތަ ވިޔަފާރީގެ ނިންމުމަކާ ގުޅިގެން ކަމަށް އެ ސިޓީގައިވެއެވެ.
"އެފަދަ ނިންމުންތަކަކީ އާ ގައުމެއްގައި އެ ފަރާތުގެ ޚިދުމަތްތައް ފެށުމަށް ނުވަތަ ފުޅާކުރުމުގައި އަމަލުކުރާ އާންމު އުސޫލުގެ ދަށުން ފީސިބިލިޓީ އެސެސްމެންޓްތައް ހަދައި، އެއާ ގުޅިގެން އެފަދަ ކުންފުނިތަކުން ނިންމަވާ ނިންމެވުންތަކެވެ،" އެމްއެމްއޭއިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ، ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ވެސް މިހާރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގައި އެމްއެމްއޭގެ ފަރާތުން ދެވެން ހުރި މައުލޫމާތުތައް ހިއްސާކޮށް، އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
- އަމިއްލަ ވިޔަފާރިތައް ކަރުނަ ނުހިކޭ
ރަނގަޅު އިގުތިސާދަކަށް އަމިއްލަ ވިޔަފާރިތައް ރަނގަޅަށް ހިނގަމުން ދިއުމަކީ ކޮންމެހެން ވާން ޖެހޭނޭ ކަމެކެވެ. ނަމަވެސް، މިއަދު ރާއްޖޭގެ ހަގީގަތަކީ ވިޔަފާރިތައް އިންތިޚާއަށް ދަށްވެފައިވާ ކަމެވެ. ރޯދަ މަހަކީ އާއްމުކޮށް ބައެއް ކަހަލަ ވިޔަފާރިތަކަށް އަހަރުގައި އަންނަ ފައިދާގެ ސީޒަންއެވެ. ނަމަވެސް، ނިމިދިޔަ ރޯދަ މަސް ވެފައިވަނީ މާރުކޭޓުގެ ގޮޅިތަކުން ފެށިގެން އެތައް ވިޔަފާރިތަކަކަށް ވަރަށް ދަށް މަހަކަށެވެ. އެ ގޮތުން، މީގެ ކުރީ ރޯދަމަސްތަކުގައި 30،000 ރުފިޔާގެ އާމްދަނީއެއް ދުވާލަކު ލިބުނު މާރުކޭޓު ގޮޅިތަކަށް މި ރޯދަމަހު ދުވާލަކު ލިބުނީ 4،000 އެއްހައި ރުފިޔާގެ އާމްދަނީއެއް ކަމަށް ބައެއް ވިޔަފާރިވެރިން މީގެ ކުރިން ބުނެފައިވެއެވެ.
ނަންބަރުން ވާހަކަ ދައްކަމާތޯއެވެ. ފިނޭންސް މިނިސްޓްރީން މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހާމަ ކުރި ތަފާސްހިސާބުތަކަށް ބަލާއިރު ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް ނުވަތަ ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީން 760.1 މިލިއަން ރުފިޔާ ވަނީ ދަށަށް ގޮސްފައެވެ. އެ ތަފުސީލުތަކުގައި ވާގޮތުން ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުގެ ގޮތުގައި މި އަހަރު މިހާތަނަށް ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރަށްވުރެ 760.1 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެހެންވެ، ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މި ވަނީ 26 އިންސައްތަ ދަށަށް ގޮސްފައެވެ.

ރައީސް މުއިއްޒު ކެމްޕޭން ތެރޭ މާލޭ ލޯކަލް މާރުކޭޓުގައި -- ފޮޓޯ: އެލީޒް
ހަމައެހެންމެ ރާއްޖެއަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ 16 ޕަސެންޓް ދަށަށް ގޮސްފައެވެ. އެގޮތުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 1.23 ބިލިއަން ކަމަށްވާއިރު މިދިޔަ އަހަރުގެ މި މުއްދަތިގައި 1.46 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ މި ރާއްޖެއަށް އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ދަށްވުމުން އެ ބުނެދޭ ވާހަކައަކީ އިގުތިސާދީ ހަރަކާތްތައް މަދުވުމެވެ.
މި އަހަރުގެ ކުރީކޮޅު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވެސް ދަށްވެ، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އޭރު އާމްދަނީ ދަށްވި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ވިޔަފާރީގެ އާމްދަނީން ނަގައި ޓެކުހާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީ މިހާ ބޮޑަށް ދަށްވީ، މާލީ ދަތިތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ދަށްކޮށްފައި އޮއްވައެވެ. އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް ދީފައިވަނީ 'ޖަންކް' ރޭޓިންއެކެވެ. ފިޗުން 'ސީސީ' ރޭޓިންއެކެވެ. މޫޑީޒްއިން ދީފައިވަނީ 'ސީއޭއޭ2' ރޭޓިންއެކެވެ. އެއީ، ދަރަނީގެ ކަންބޮޑުވުންތައް ބޮޑުވެ، އެކަށީގެންވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ތަންފީޒުކުރާތަން ނުފެންނާތީއެވެ. ދެ އެޖެންސީން ވެސް ވަނީ ރާއްޖޭގެ 'ޖަންކް' ރޭޓިން ދަމަހައްޓަން ނިންމައިފައެވެ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގު ވަނީ 6.16 އިންސައްތަ އުފުލިފައެވެ. މި އަހަރު ފެށުނުއިރު އިންފްލޭޝަން ހުރީ 4.80 އިންސައްތައިގައެވެ. މިއީ، ރިކޯޑު ބޮޑުވުމެކެވެ. ރައްޔިތުންގެ މުސާރައާއި އާމްދަނީއަށް އެއްވެސް ހެޔޮ ބަދަލެއް ނާންނަނީސް ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފު ވަރަށް ބޮޑެވެ.
ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކްސް ދަށްވާ މައިގަނޑު އެއް ސަބަބަކީ އިގުތިސާދީ ހަރަކާތްތަކާއި ވިޔަފާރި ދަށްވުމެވެ. މަޝްރޫއުތައް ނުހިނގުމުގެ ސަބަބުން ވެސް ވިޔަފާރިތައް ދަށްވެ، މީހުންގެ އާމްދަނީއަށް އަސަރުކުރެއެވެ. ފިނޭންސްގެ ހިސާބުތަކުން އެނގޭ ގޮތުގައި މަޝްރޫއުތަކަށް ކުރަނީ ވަރަށް ކުޑަކުޑަ ޚަރަދެކެވެ. ފާހަގަކޮށްލެވޭ އަނެއް ކަމެއްގެ ގޮތުގައި، ސަރުކާރުން އަމިއްލަ ވިޔަފާރިވެރިންނަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދޭކަމުގެ ކަންބޮޑުވުން ވެސް އޮތީ ބޮޑުވެފައެވެ. އެ ފައިސާ ދޫކުރާނެކަމުގެ ތާރީހުތަކެއް ދީފިއެވެ. ނަމަވެސް، އެ ވަގުތުތައް ފަހަނަ އަޅައި ދިޔައިރު ވެސް ފައިސާ ދުލެއް ނުކުރެއެވެ.
މިކަންކަމަށް ބަލާއިރު ކިޔަން ޖެހޭ ފާޑުކިޔުންތައް ގިނަވުމުން މި ރިޕޯޓަށް މިނިސްޓަރު ސައީދުގެ ބަހެއް ހޯދުމަށް މިދިޔަ އޭޕްރީމް މަހުން ފެށިގެން މަސައްކަތް ކުރީމެވެ. އެގޮތުން، އިންޓަވިއުއަށް އެދި ފޮނުވި މެސެޖަށް "ތަމްސްއަޕެއް" ދެއްވުމަށް ފަހު އިތުރު ޖަވާބެއް ނުދެއްވައެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
މިދިޔަ ސަރުކާރުގެ އިގުތިސާދީ ވަޒީރު, ފައްޔާޒު އިސްމާއީލް ވިދާޅުވާ ގޮތުގައި ރާއްޖޭގެ އިގުތިޞާދު ރަނގަޅަށް އޮއްވައި މިއަދު އަނދަވަޅަކަށް ވެއްޓުނީ ތަންދޮރު ނޭނގޭތީއެވެ. ފައްޔާޒު ވިދާޅުވީ، އިގިތިޞާދު އެއްކޮށް ފުނޑުފުނޑު ވެއްޖެ ކަމަށާއި ވެރިކަމާ ހަވާލުވާ ބަޔަކަށް އިއާދަނުކުރެވޭ މިންވަރަށް އިގުތިޞާދު ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްވެސް އިރެއްގައި ރާއްޖޭގެ އިގުތިޞާދަކީ ފަސޭހަ އެއްޗެއް ނޫން. އަޅުގަނޑުމެން ވެސް ގަބޫލުކުރަން. އެހެން ނަމަވެސް މިއަދުގެ މި ހާލަތަށް ވެއްޓިފައި މިވަނީ ތަންދޮރު ނޭނގޭތީ. ހަމަ ތަންދޮރު ނޭނގިގެން ރަނގަޅަށް އޮތް އިގުތިޞާދެއް މެނޭޖުކުރަން ނޭނގިގެން، ދަރަނި ދައްކާނެގޮތެއް ނޭނގިގެން، ދަރަނި ނަގާނެ ގޮތެއް ނޭނގިގެން، އައިސް މި އަނވަޅަށް އަޅުގަނޑުމެން މި ވެއްޓެނީ" ފައްޔާޒު ވިދާޅުވިއެވެ.
ސައީދު ވިދާޅުވާ އަދަދުތައް ކިތަންމެ ބޮޑުވެފައި ރީތި ނަމަވެސް ހަގީގަތް ވަރަށް ވެސް ތަފާތެވެ. މިނިސްޓަރު ސައީދުގެ ނަންބަރުތަކުން ދިވެހީން ގިނަ ހުވަފެންތަކެއް ދެކެފިއެވެ. އެތައް ފަހަރަކު އުންމީދު ދެއްވައިފިއެވެ. ނަމަވެސް، އެ ހުވަފެންތައް އަދި މި ވަނީ ބިލާހަކަށެވެ. އިގުތިސާދު ދަނީ ގޯހުން ގޯހަށެވެ.