ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީއަށް އަލުން އެނބުރިވަޑައިގަތީ ވަކި މަގާމަކަށް ޝަރުތުކުރައްވައިގެން ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ބައިބައިވެ، ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައި އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާދެއްވީ ނޮވެންބަރު 13، 2023 ގައެވެ.
އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން އުފެއްދެވި ސިޔާސީ ޕާޓީ ޑިމޮކްރެޓްސްއަށް އެމަނިކުފާނު ގުޅިވަޑައިގަތެވެ.
އެއަށްފަހު، ދެއަހަރު ފަހުން އެމަނިކުފާނު އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ.
މީގެ ކުރިން ވެސް އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި ބޭބޭފުޅުން އަލުން އެނބުރި ޕާޓީއާ ގުޅިވަޑައިގެންފައިވާއިރު، ޕާޓީގެ ބައެއް މަގާމުތަކަށް ވާދަނުކުރެއްވޭ ގޮތަށް އެ ޕާޓީން ކަނޑައަޅައެވެ. އެއީ ޕާޓީ ދޫކުރެއްވުމުން ލިބުނު ގެއްލުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މި ބޭފުޅުންނަށް ބައެއް އިންތިޚާބުތަކުގައި ވެސް ވާދަކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.
ނަޝީދު ވަނީ 2028ގެ ރިޔާސީ ރޭހަށް ވެސް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

ޝާހިދާއި ފައްޔާޒް --
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވައި ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދު އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތީ މަގާމަކަށް ޝަރުތުކުރައްވައިގެން ނޫން ކަމަށެވެ. އެމަނިކުފާނުގެ ނިޔަތަކީ ކުރިއަށް އޮތް އިންތިޚާބުތައް އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މަގާމެއްގެ ވާހަކަ ދައްކާފައެއް ނޫން ރައީސް ނަޝީދު ޕާޓީއާ ގުޅިވަޑައިގަތީ. [އެމަނިކުފާނުގެ] ބޭނުމަކީ ކުރިއަށް އޮތް އިންތިޚާބުތައް އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އޭގެ އިތުރުން އެމަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެރިކަމުގެ ނިޒާމާ ގުޅޭ ވާހަކައެއް ވެސް ދައްކަވާފައެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އާއްމުގޮތެއްގައި ނިޒާމީ ވާހަކަތަކަކީ އަބަދުވެސް ނަޝީދު ދައްކަވާ ވާހަކަތަކެއް ކަމަށެވެ. އެކަމަކު އެފަދަ ވާހަކަތަކެއް ވެސް މިފަހަރު ނުދައްކަވާ ކަމަށް ވިދާޅުވިއެވެ.

ނަޝީދާއި ޑިމޮކްރެޓްސްގެ ބޭފުޅުންނަށް މަރުހަބާ ކިޔަން އެމްޑީޕީން ބޭއްވި ޖަލްސާ -- ސަން ފޮޓޯ/ މޫސާ ނަދީމް
ނަޝީދު ވަނީ އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ކުރިން ފައްޔާޒާއެކު ބައްދަލުވުމެއް ވެސް ބާއްވައިފައެވެ. އޭގެ ފަހުން ބޭއްވި ޑިމޮކްރެޓްސްގެ ގައުމީ މަޖިލިސް ޖަލްސާގައި ހުށަހެޅުއްވި ގަރާރެއް ފާސްކޮށް ނަޝީދާއެކު ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވީއެވެ.
މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.
ދެބޭފުޅުންގެ ދެމެދުގައި ޖެހިވަޑައިގަތް އެންމެ ބޮޑު މައްސަލައަކީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ޖެހުނު މައްސަލައެކެވެ. ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ ބޭފުޅެކެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ.
ދެ އަހަރަށްފަހު މިދިޔަ ހޯމަ ދުވަހުގެ ރޭ އެމްޑީޕީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ޕޯޑިއަމްގައި ހުއްޓިވަޑައިގެން ރައްޔިތުންނާ މުޚާތަބުކުރައްވައި ނަޝީދު ވިދާޅުވީ މުޅި ހަޔާތް ހޭދަކުރެއްވީ އެމްޑީޕީއަށްޓަކައި ކަމަށާއި އަބަދު ވެސް އެންމެ އެދެނީ އެ ޕާޓީއަށް ކާމިޔާބީއަށް ކަމަށެވެ. ނަޝީދު ވިދާޅުވީ، އެރޭ ކުރެއްވުނީ އެނބުރި 'ގެއަށް' ވަޑައިގެންނެވުމުން ކުރެއްވޭ އިހުސާސް ކަމަށެވެ.
ފުރަތަމަ ވެސް އެ ރޭ އެމަނިކުފާނު ޖެއްސެވި ހިސާބަކީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނީ އެންމެ 20 އިންސައްތަ ވޯޓު ކަމަށެވެ.