މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު މިއަދު އައްޔަންކޮށްފިއެވެ.
އެ ކައުންސިލުން ބުނީ، އެސްޖީގެ މަގާމަށް މުހައިމިން އައްޔަންކުރީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 200 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ކަމަށެވެ.
މުހައިމިން އެންމެ ފަހުން ހުންނެވީ ސިޓީ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ. އޭނާއަކީ، މީގެ ކުރިން ތަޢުލީމީ ދާއިރާގައި ގިނަ މަސައްކަތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.
އެ ގޮތުން، ޕްރައިމަރީ ޓީޗަރުކަމާއި ސެކަންޑްރީ ޓީޗަރުކަމާއި ޕްރިންސިޕަލްކަމާ މެދު ރާއްޖެތެރޭގެ ސްކޫލުތަކުގެ ޒޯން ކޯޑިނޭޓަރުކަމާއި މާލެ ސިޓީގެ، ހުރިހައި ސްކޫލެއްގެ ކޯޑިނޭޓަރުކަން އޭނާ ވަނީ ކޮށްފައެވެ. އަދި، މާލެ ސިޓީގައި ހިންގަމުންދާ އަމިއްލަ ސްކޫލުތަކާއި އިންޓަނޭޝަނަލް ސްކޫލުތަކުގެ ކޯޑިނޭޓަރުކަމުގެ މަޤާމު ވެސް، މުހައިމިން އަދާކޮށްފައިވެއެވެ.
މުހައިމިނަކީ ފުރަތަމަ ޑިގްރީއާއި މާސްޓާސް ޑިގްރީ ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ.
ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލް އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމާއި، މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.
ސިޓީ ކައުންސިލުން ބުނީ، ކައުންސިލްގެ ސެކްރެޓަރީ ޖަނަރަލްގެ މަގާމަށް ހަތް ބޭފުޅަކު ކުރިމަތިލިއިރު އެންމެ މަތިން މާކުސް ލިބިފައިވަނީ މުހައިމިނަށް ކަމަށެވެ. އޭނާއަށް ވަނީ ޖުމްލަ 85.03 މާކުސް ލިބިފައެވެ.