ކުލަބު ގްރީން ސްޓްރީޓްސްގެ ތާއިދު ޓޮމްއަށް

އަހްމަދު ތޯރިގު (ޓޮމް) --- ފޮޓޯ/ މަޖިލިސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރިއަށްއޮތް އިންތިޚާބުގައި ފުރަތަމަ ޑިވިޝަނުގެ ކުލަބު ގްރީން ސްޓްރީޓްސްގެ ތާއިދު އަޙްމަދު ތާރިގު (ޓޮމް)އަށް ދޭން ނިންމައިފިއެވެ.

މިއީ ކުލަބު ގްރީން ސްޓްރީޓްސް އން ޓޮމް އާއެކު މަސައްކަތްކުރަން ނިންމި ފުރަތަމަ ފަހަރެވެ. މިކަން އެ ކުލަބުން އިއުލާނުކޮށްފައިވަނީ ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުންނެވެ.

އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން އަންނަ ހުކުރު ދުވަހު ބާއްވާ ކޮންގްރެސްގައި ވެސް ތޯރިގުގެ ޓީމާއެކު ކުރިއަށްދާން ނިންމާފައިވާއިރު، ދެން ބާއްވާ އިންތިޚާބުގައި ވެސް ތާއީދުކުރާނީ ތޯރިގަށް ކަމަށް ވަނީ ހާމަކޮށްފައެވެ.

މިގޮތަށް ނިންމީ ގްރީން ސްޓްރީޓްސްއިން ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ރާއްޖޭގެ ފުޓްބޯޅައަށް އެންމެ ރަނގަޅު ގޮތަކީ އެ ގޮތްކަމަށް ފެންނާތީ ކަމަށް އެ ކްލަބުން ކުރި ޕޯސްޓުގައިވެއެވެ.

"މިއީ އެއްބައިވަންތަކަމާ އެކު ހުރިހާ އެންމެން ގުޅިގެން ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ރަނގަޅު މަގުން ކުރިއަށްގެންދަންވީ ވަގުތު،" ގްރީންގެ ބަޔާނުގައިވެއެވެ.

ރާއްޖޭގެ ފުޓްބޯޅަ މިވަގުތު އޮތީ ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުގައެވެ. އެ ކޮމިޓީގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާއިރު، އަންނަ ހުކުރު ދުވަހު ބާއްވާ ކޮންގްރެސްގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޮންނާނީ އިންތިޚާބު ބާއްވާ ތާރީޚެއް ކަނޑައެޅުމެވެ.

މި ނިންމުމާއެކު ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކެއްގެ ތާއިދު ޓޮމްއަށް ވަނީ ލިބިފައެވެ. އެއާއެކު ޓޮމްއަށް އިންތިޚާބު ކާމިޔާބުވާނެކަމުގެ އުންމީދު ބޮޑެވެ.

އެފްއޭއެމުގެ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ގިނަ ދައުވާތަކެއް މިހާރުވެސް ވަނީ އުފުލާފައެވެ. އަދި އެފްއޭއެމުގެ ދަރަނިތަކުގެ ގިނަ މައްސަލަތަކެއް މިހާރުވެސް ކޯޓު މަރުހަލާގައި ދަނީ ކުރިއަށެވެ.

comment ކޮމެންޓް