ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކޮށް ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.
އެލްޖީއޭއިން މިގޮތަށް ނިންމަވާފައިވަނީ އެ ކައުންސިލާ ގުޅޭގޮތުން އެ އިދާރާއަށް ހުށަހަޅައިފައިވާ މައްސަލަތައް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހުއެވެ.
އެ އެންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި ލިޔެކިޔުންތައް އެލްޖީއޭއިން ދިރާސާކޮށްފައި ވާކަމަށް އެ އޮތޯރެޓީއިން ވަނީ ބުނެފައެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ ސަސްޕެންޑުކޮށްފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަށެެވެ. އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެނޑުކޮށްފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ.
އެލްޖީއޭއިން ބުނީ ތިނަދޫ ސިޓީ ކައުންސިލުން އެ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށެވެ. އަދި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކައުންސިލްގެ މިންގަނޑާ ޚިލާފަށް މޭޔަރާއި މެންބަރުން ޢަމަލުކުރާކަމަށް ބުނެ އާންމުން ދައުލަތުގެ އެކި އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

އެލްޖީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ތިނަދޫގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު މުސާރަނުލިބޭ ގޮތަށް ސަސްޕެންޑުކުރިކަން ހާމަކޮށްފައިވޭ -- ސަން ފޮޓޯ/ މޫސާ ނަދީމް
އެލްޖީއޭއިން ބުނީ އެ އޮތޯރެޓީއިން އެންކުއަރީ ހަދާފައިވަނީ ޖުމްލަ 19 ކަމެއްގެ މައްޗަށް ބެލުމަށްފަހުގައި ކަމަށެވެ. އޭގެތެރޭގައި އެ އޮތޯރިޓީއަށް ހުށަހަޅައިފައިވާ ޝަކުވާތަކާއި ސަރުކާރުގެ އިދާރާތަކަށް ހުށަހަޅައިފައިވާ ކަންކަން ހިމެނޭކަން ވަނީ ފާހަގަކޮށްފައެވެ.
އެލްޖީއޭއިން އިންކުއަރީގައި ހިމަނާފައިވާ 19 މައްސަލައިގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުދާރީނުވެ ފޮނުވާލާ މައްސަލައާއި ރަށްވެހިކަން ބަދަލު ކުރުމަށް ހުށަހެޅުމުން 5000 ރުފިޔާގެ ފީއެއް ނެގުމާއި އެފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުމާއި އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުމާއި ފިނޭންސް މިނިސްޓްރީގެ ހުއްދަނެތި ކައުންސިލުގެ ބިޑް ކޮމިޓީއާއި ބިޑް އިވެލުއޭޝަން ކޮމިޓީއަށް އެލަވަންސް ދޭ ކަމަށާއި އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުމާއި ކައުންސިލްގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭގޮތަށް ޕޯސްޓް ކުރާ ކަންވެސް އެލްޖީއޭއިން ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން ސަރުކާރުގެ ހައުސިން މަޝްރޫގެ ދަށުން ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާއެއް ނެތި ހުޅުވާލައި އެކަން ނުކުރުމަށް މިނިސްޓްރީއިން އެންގި އެންގުމަށް އަމަލުކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ތިނަދޫގައި ދޫކޮށްފައިވާ ފުލެޓްތަކަށް ވަޅުފެން ނުލިބޭތީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލުގެ މޭޔަރާ ބައްދަލު ކުރުމަށް އެދުމުން ބައްދަލު ކޮށްފައިނުވާކަމަށްވެސް އެއޮތޯރެޓީއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ ސިޓީ ކައުންސިލެއް އުފައްދާފައި ނުވަނީސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެމްބަރުންގެ މުސާރައާއި ތިނަދޫ ސިޓީ ކައުންސިލްގެ މެޔަރާއި މެމްބަރުން ނަގާފައިވާ މައްސަލައިގެ އިތުރުން އަދިވެސް ބައެއް މައްސަލަތައް އެލްޖީއޭއިން ވަނީ ފާހަގަކޮށްފައެވެ.