ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުގައި ހުރި ސާމާނުތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ

ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލި ސަރަހައްދު: އެ ކްރާފްޓުގައި ހުރި ސާމާނުތައް އޮޔާދާތީ ސަމާލުވާން ވަނީ އެދެފައި ---- ފޮޓޯ/އެމްއެންޑީއެފް

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުގައި ހުރި ބައެއް ސާމާނުތައް އޮޔާދާތީ, އެ ސަރަހައްދުން ދަތުރުކުރާ މީހުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ސިވެކްގެ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލީ، ޅ. ކުރެންދޫގެ ހުޅަނދު ދެކުނުން ހަތަރު މޭލު ބޭރަށް ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަަށް ލިބުނީ ހެނދުނު 10:30 ހާއިރެވެ.

އެ އުޅަނދުން ހަ މީހުން ދަތުރުކުރި ކަމަށާއި އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ތިން ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ ތެރެއިން ސިފައިންގެ މީހެއް ކަމަށްވާ، ވޮރަންޓް އޮފިސާ ދޭއް، އަލީ ހާމިދު ވަނީ ނިޔާވެފައެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އުޅަނދުން ސަލާމަތް ކުރި މީހުން ގެންދިޔައީ ޅ. އަތޮޅު ހޮސްޕިޓަލަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާމިދު ވަނީ ނިޔާވެފައި ކަމަށް ސިފައިން ބުންޏެވެ.

އޭގެފަހުން އެމްއެންޑީއެފުން ވަނީ، ލޭންޑިން ކްރާފްޓުގައި ހުރި ސާމާނުތައް އިރުމައްޗަށް ވާ ގޮތަށް އޮޔާދާ ކަމަށެވެ. އެހެންވެ، ޚާއްސަކޮށް ރޭގަނޑަށް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އެކަމަށް ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކުރިއެވެ.

https://sun.mv/207768

އެ ހާދިސާގައި ނިޔާވި ހާމިދުވަނީ ދިވެހި އަސްކަރިއްޔާއަށް 27 އަހަރު ޚިދުމަތްކުރައްވައިފައެވެ.

އޭނާ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހިތާމަފާޅުކުރައްވައި، އޭނާގެ އާއިލާއާއި މުއައްސަސާއަސް ތައުޒިޔާ ވިދާޅުވެފައެވެ.

comment ކޮމެންޓް