ޔޫޓިއުބް މިއުޒިކް: ޑައުންލޯޑްކޮށްފައިވާ ލަވަތަކުގެ ލިރިކްސް އޮފްލައިންކޮށް ވެސް ބަލައިލެވޭނެ

ޔޫޓިއުބް މިއުޒިކްގައި ޑައުންލޯޑްކޮށްފައިވާ ލަވަތަކުގެ ލިރިކްސް އޮފްލައިންކޮން ވެސް ފެންނަ ގޮތް ހަދައިފިއެވެ.

ޔޫޓިއުބް މިއުޒިކުން އެ ކުންފުނީގެ ޚިދުމަތަށް އާ ފީޗާއެއް އިތުރުކޮށްފައިވާއިރު، މި ފީޗާގެ ދަށުން، އެޕްލިކޭޝަންގައި ޑައުންލޯޑްކޮށްފައި ހުންނަ ލަވަތަކުގެ ލިރިކްސް (ލަވައިގެ ޅެން) އިންޓަނެޓް ކަނެކްޝަނެއް ނެތް ވަގުތުތަކުގައި ވެސް ބެލޭނެއެވެ.

މިއީ ޔޫޓިއުބް މިއުޒިކުން އެއްވެސް އިއުލާނަކާ ނުލައި، ސިއްރުން ތައާރަފުކުރި ޚިދުމަތެކެވެ. މިކަމުގެ ސަބަބުން، ވާދަވެރި ސްޕޮޓިފައި އާއި އެޕަލް މިއުޒިކަށްވުރެ ޔޫޓިއުބްގެ މިއުޒިކީ ޚިދުމަތް ވަނީ ކުރިއަށް ގޮސްފައެވެ. ސަބަބަކީ، އެ ދެ ޕްލެޓްފޯމުން އަދި މިހާތަނަށް އޮފްލައިންކޮށް ލިރިކްސް ބެލުމުގެ ޚިދުމަތް ފޯރުކޮށްދީފައި ނުވުމެވެ.

މި ފީޗާ އެންމެ ފުރަތަމަ ފާހަގަވެފައިވަނީ "ރެޑިޓް" ބޭނުންކުރާ މީހަކަށެވެ. އެންޑްރޮއިޑް ފޯނުތަކަށް މި ޚިދުމަތް މިހާރު ލިބެން ފަށާފައިވާއިރު، ބައެއް ޔޫޒަރުންނަށް އަދިވެސް މި ފީޗާ ލިބިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އައިފޯން ބޭނުންކުރާ ފަރާތްތަކަށް މި ޚިދުމަތް އަދި ލިބިފައި ނުވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އިންޓަނެޓް ނެތި ލިރިކްސް ބެލުމުގެ ފުރުސަތު ލިބުމަކީ ދިގު ދަތުރުތަކުގައްޔާއި، ދަތުރުކުރާއިރު ނެޓްވޯކް ކަވަރޭޖް ދަށް ސަރަހައްދުތަކުގައި ވަރަށް ބޭނުންތެރި ޚިދުމަތަކަށް ވާނެއެވެ.

މީގެ އިތުރުން، މިދިޔަ މަހު ޔޫޓިއުބުން ވަނީ "ކޮލެބޮރޭޓިވް ޕްލޭލިސްޓް" ތަކުގައި (ގިނަ ބަޔަކު ގުޅިގެން ތައްޔާރުކުރާ ލަވަ ލިސްޓު) ލަވަތަކަށް ވޯޓު ދިނުމުގެ ފީޗާއެއް ވެސް ތައާރަފުކޮށްފައެވެ. މި ފީޗާގެ ދަށުން ޕްލޭލިސްޓުގައި ހިމެނޭ ލަވަތަކަށް "އަޕްވޯޓް" ނުވަތަ "ޑައުންވޯޓް" ދެވޭނެއެވެ. ލަވައަކަށް ލިބޭ ވޯޓަށް ބަލައި، އެ ލަވަ ލިސްޓުގެ މައްޗަށް ނުވަތަ ތިރިއަށް ގެންދެވޭނެއެވެ.

މިއުޒިކް ސްޓްރީމިން ދާއިރާއަކީ މިހާރު ވަރަށް ވާދަވެރި ދާއިރާއެކެވެ. މި ދާއިރާގެ އެންމެ ބޮޑެތި ކުންފުނިތައް ކަމަށްވާ ސްޕޮޓިފައި، އެޕަލް މިއުޒިކް، އަދި ޔޫޓިއުބް މިއުޒިކުން ދަނީ އަބަދުވެސް ވާދަވެރިންނަށްވުރެ ކުރިއެރުމަށް މަސައްކަތް ކުރަމުންނެވެ. މި ވާދަވެރިކަމުގެ ތެރެއިން، ކޮންމެ ޕްލެޓްފޯމަކުން ވެސް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ، އަދި އެހެން ޕްލެޓްފޯމްތަކުގައި ނެތް ޚާއްސަ ފީޗާތައް ތައާރަފުކުރުމަށް މަސައްކަތް ކުރެއެވެ.

މިފަދަ ފީޗާތަކުގެ ތެރޭގައި އަޑުގެ ކޮލިޓީ، ލަވަ ހޯދުމަށް ފަސޭހަ ޕްލޭލިސްޓްތައް، އަދި އެޕްލިކޭޝަން ބޭނުންކުރުމުގެ ފަސޭހަކަން ހިމެނެއެވެ. ޚާއްސަކޮށް، އިންޓަނެޓް ނެތި ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު (އޮފްލައިން ފީޗާސް) ތަރައްޤީ ކުރުމަކީ މި ކުންފުނިތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދޭކަމެކެވެ. އެހެންކަމުން، ޔޫޓިއުބް މިއުޒިކުން އޮފްލައިން ލިރިކްސްގެ ޚިދުމަތް ތައާރަފުކުރުމަކީ، މި ވާދަވެރި މާކެޓުގައި ސްޕޮޓިފައި އާއި އެޕަލް މިއުޒިކަށްވުރެ ކުރި ހޯދުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު