މާކް ހުޅުމީދޫގައި: ދިވެހި ކުކުޅާއި ބާބެކިއު

މަޝްހޫރު ޔޫޓިއުބަރު މާކް ވީންސް ރާއްޖޭގެ ކެއުންތަކުގެ ރަހަބަލައި އެއަށް ތައުރީފުކުރަމުން އަންނައިރު އެތައް ބައެއްގެ ލޯބި އެއަށް ލިބެމުން އެބަދެއެވެ. މީގެ ކުރީން އައްޑޫއަށް ޚާއްސަ އެކި ކެއުންތަކުގެ ރަހަބެލިއިރު މި ފަހަރު ދިވެހި ކެއުންތަކުގެ ރަހަ ބަލާލަނީ އައްޑޫގެ ވަކީން އޮންނަ މީދޫ-ހުޅުމީދޫ ރައްޔިތުންނާ އެކުގައެވެ.

މާކްގެ ރާއްޖޭގެ ދަތުރުގެ ކެއުންތަކަށް ޚާއްސަ ދެ ވީޑިއޯއެއް މީގެ ކުރީން އާންމުކޮށްފައިވެއެވެ. މި ދެ ވީޑިއޯއާ އެއްގޮތަށް މި ފަހަރު ވެސް ދުވަސް ފަށާފައިވަނީ ދިވެހި ނާސްތާއިންނެވެ. މިހާ ހިސާބަށް އައިއިރު މާކް ހުރީ ދިވެހި ތަފާތު މަސްހުންޏަށާއި ރިހާކުރަށް ފަރިތަވެފައެވެ. މި ފަހަރުގެ ނާސްތާ ނެގީ މީދޫގެ ކެފޭއަކުންނެވެ.

ނަމަވެސް، ދުވަހުގެ ޚާއްސަ ބައެއް އޮތީ ޖެހިގެން އޮތް ހަރަކާތުންނެވެ. އެއީ، އަތިރިމަތީގެ ޕިކްނިކް ސްޓައިލް ބާބެކިއުއަކާ އެކު ކުރިއަށް ދިޔަ މެންދުރުގެ ކެއުމެކެވެ. މެންދުރުގެ ބާބެކިއުއަށް މަސްބާނަށް މާކްއާއި ޓީމެއް ދިޔައެވެ. ނަމަވެސް، މި ދަތުރު ނިމިގެންދިޔައީ އެންމެ މަހެއް ވެސް ނުބޭނިއެވެ. އެކަމަކު، ވެސް ކޮންމެ ވެސް ގޮތަކުން ރަށުގެ ރައްޔިތުން ތާޒާ މަހާއި އެ ނޫން ވެސް ތަކެތި ހޯދިއެވެ.

މި ބާބެކިއު ޚާއްސަކޮށްލަން ދިވެހި ކުކުޅު ވެސް ހޯދިއެވެ. ރަށުގެ ދިވެހި ކުކުޅު ހަދާލީ އައްޑޫ ހަވާދު ބޭނުންކޮށްލައިގެން ހިކިކޮށެވެ. އަދި، މަހާއި ބޯވަ އަދި އިހި ފިހެލިއެވެ. މި ހުރިހާ އެއްޗެއް ތައްޔާރުކުރަމުން ދިޔައިރު މާކް ވަނީ ދިވެހިން ކައި އުޅޭ ގޮތަށް އަނބު މަޖާ ވެސް ކައިފައެވެ.

މެންދުރުގެ ކެއުމަށް ފަހު ދެން މާކް ބައްދަލުކުރީ ރާއްޖޭގެ މަޝްހޫރު ދަނޑުވެރިޔާ "ޒުވާން ދަނޑުވެރިޔާ" އަބްދުالله ރަމީޒާއެވެ. ރަމީޒްގެ ދަނޑުގައި ހައްދައި ހުރިހާ ތަފާތު އެކި ކަހަލަ މޭވާއާއި ތަރުކާރީތައް މާކްއަށް ދައްކާލާފައިވެއެވެ. އޭގެ ތެރޭގައި އޭނާ އެންމެ ވަރުގަދައަށް ހައްދާ ޑްރެގަން ފްރުޓްގެ ރަހަ ވެސް ވަނީ މާކްއަށް ދައްކާފައެވެ. މާކް ބުނިގޮތުގައި އެއީ އޭނާއަށް މިހާތަނަށް ކެވުނު އެންމެ ފޮނި ޑްރެގަން ފްރުޓެވެ.

ދެން އޮތީ ރޭގަނޑުގެ ކެއުމެވެ. މި ފަހަރު ކެއުން އޮތީ ގެއަކުންނެވެ. ގޭގައި ކެއްކީ ރޯމަހު މުގުރިހައާއި ޚާއްސަ ހަނާކުރި މަހެކެވެ. އަދި، ރޭގަނޑުގެ ކެއުން ކުރިއަށް ގެންދިޔައީ އައްޑޫއަށް ޚާއްސަކޮށް ދިވެހިކޮށެވެ. އެއީ، އެންމެ ފުރަތަމަ ބަތް މޮޑެފައިވަނީ ފޮނިކޮށް ކަމަށްވާތީއެވެ. ދޮންކޭލާއި ކަރުހަކުރު ލައިގެން ބަތް މޮޑުމަށް ފަހު މަހާ އެއްކޮށްލައިގެން ކެއެވެ. މާކް ބުނީ، މިއީ މިހާތަނަށް ކެވުނު އެންމެ ތަފާތު އެއް ކެއުމެވެ. އަދި، މި ކެއުމުގައި ނުލާ ރަހައެއް ނެތް ކަމަށް ވެސް އޭނާ ބުނެއެވެ.

މި ފަހަރުގެ ދަތުރު ވެސް ނިންމާލީ މާކްއަށް އެހީތެރިވި ހުރިހާ އެންމެންނަށް ޝުކުރުއަދާކޮށް މެހެމާންދާރީއަށް ތައުރީފުކުރަމުންނެވެ.

comment ކޮމެންޓް