އަންނަ ހަފުތާގައި އެމެރިކާއިން އީރާނާ ބައްދަލުކުރާނެ ކަމަށް އެމެރިކާއިގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ނެދަލެންޑްސްގެ ހޭގްގައި ކުރިއަށްދާ ނޭޓޯ ސަމިޓް ނިންމުމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ އީރާނާ އެކު ކޮންމެވެސް ހިސާބަކުން ރަސްމީ އެއްބަސްވުމެއް އޮވެދާނެ ކަމަށާއި ނަމަވެސް އީރާނުގެ ނިއުކްލިއާ މަރުކަޒުތައް އެއްކޮށް ހަލާކުކޮށްލާފައިވާތީ، އެ އެއްބަސްވުމެއް ކޮންމެހެން އޮންނަންޖެހޭ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.
އެމެރިކާއިން އީރާނާއެކު ނިއުކްލިއާ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ވަރުގަދަވެފައި ވަނިކޮށް އީރާނުން މަޝްވަރާތައް ހުއްޓައިލީ މި މަހުގެ 13ވަނަ ދުވަހު އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފެށުމުންނެވެ. އިސްރާއީލާއެކު އެމެރިކާއިން ވެސް މި މަހުގެ 21ވަނަ ދުވަހު ވަނީ އީރާނުގެ ތިން ނިއުކްލިއާ މަރުކަޒަކަށް ހަމަލާތައް އަމާޒުކޮށްފައެވެ.
އެ ހަމަލާތަކުގައި ނިއުކްލިއާ މަރުކަޒުތައް އެއްކޮށް ނައްތާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެތަން ތަނަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ނުލިބޭ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
"އަންނަ ހަފުތާގައި އެމީހުންނާ ވާހަކަ ދައްކާނީ." ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
"އަހަރެމެން އުންމީދު ކުރަނީ ފުރިހަމަ ސުލްހައިގެ އެއްބަސްވުމަކަށް،" އީރާނާ އެކު ޑިޕްލޮމެސީއަށް ދެން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލު ކުރުމުން އީރާނާއެކު ކުރިން ކުރި މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވީ ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޯފް ވިދާޅުވިއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ކުށްވެރި ނުކުރުމުން އދ.ގެ އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)އަށް އެއްބާރުލުން ދިނުން ހުއްޓާލަން އީރާނުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ވަނީ ރުހުން ދީފައެވެ.
އީރާންގެ މަޖިލީހުން މިގޮތަށް ފާސްކުރި ނަމަވެސް އެގޮތަށް އަމަލުކުރަން ފެށޭނީ މަޖިލީހުގެ ނިންމުންތަކަށް ފަހު ބަސް ބުނާ ޝޫރާ މަޖިލީހުން ތަސްދީގުކުރުމުންނެވެ.