މިދިޔަ އަހަރަށްވުރެ 1000 ރުފިޔާ އިތުރަށް، ބޮލަކަށް 5000 ރުފިޔާގެ ރޭޓުން މި އަހަރުގެ މުދަލު ޒަކާތް ބަހައިފިއެވެ.
މިދިޔަ އަހަރު ބޮލަކަށް ޖެހުނީ 4000 ރުފިޔާއެވެ.
އިސްލާމިކް މިނިސްޓްރީއިން ވަނީ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވާ 2852 ފަޤީރުންނަށް, ބޮލަކަށް 5000 ރުފިޔާގެ ރޭޓުން މި އަހަރުގެ މުދަލު ޒަކާތް ބަހާފައިވާކަމަށް ބުނެފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް މި ފެށުނު ހިޖުރީ އާ އަހަރާއެކު އިންޝުއަރެންސް ތަޢާރަފްކުރަން ނިންމާފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ އެ ފަރާތްތަކަށް އިންޝުރެންސް ތަޢާރަފްކުރަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ފުރާނަ ސަލާމަތްކުރުމަށް ޓަކައި ރާއްޖެއިން ބޭރުން ބައެއްފަހަރު ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ޓަކައި ކަމަށެވެ.
މިނިސްޓަރު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްސަ އިދާރާއެއް ޤާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިދިޔަ އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރު ކަމަށާއި ޒަކާތު ފަންޑުން ފަޤީރުންނަށް ބޮޑު ޚަރަދެއް ކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ ތެރޭގައި ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަޤީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި އެ ނޫން ވެސް ގިނަ ކަންކަމަށް އެހީތެރިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.