ސާޅިސް ހާހަށްވުރެ ގިނަ ދިވެހީން އެތައް މިލިއަނަކުން އިންވެސްޓް ކުރި ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެންމެ ފުރަތަމަ ޖީއެމްސީއީން ފައިސާ ނުނެގޭ ގޮތް ހެދީ މި މަހުގެ 19 ވަނަ ދުވަހެވެ. އޭރު އެ ސްކީމަށް އިންވެސްޓުކުރި މީހުން ކަންބޮޑުވެ ތިއްބައި ބުނީ ދެ ދުވަހެއްވަރު ތެރޭ 'ރަނގަޅު'ވާނެ ކަމަށާއި ޖެމްކިއުއަށް އިތުބާރުކުރުމަށެވެ.
ނަމަވެސް، އޭގެ ދެ ދުވަސްފަހުން މި މަހުގެ 21 ވަނަ ދުވަހު އެ ސްކީމް ހިންގުމަށް ބޭނުންކުރާ ރަސްމީ ޓެލެގްރާމް އެކައުންޓުގައި ހާމަކުރީ އެ ސްކީމް ހުއްޓާލާފައިވާކަމެވެ. އެއާއެކު އެ ސްކީމަށް ބޮޑެތި އަދަދުތަކުން ފައިސާ އިންވެސްޓުކުރި އެތައް މީހުންނަކަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައެވެ.
އެ ސްކީމަށް މީހުން އިންވެސްޓްކުރި އަދަދު މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ފައިސާ އަނބުރާ ހޯދޭނެކަމުގެ އުންމީދު ވެސް ކުޑައެވެ.
ސަން'އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވި ގޮތުގައި އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ހަތް ދިވެއްސެއް ވަނީ ފުލުހުންނަށް ދެނެގަނިވެފައެވެ. އެކަމަކު، އެ މީހުންނާ ދޭތެރޭ މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށް އޭރު ވިދާޅުވިއެވެ. އެ ގޮތުން، މި މައްސަލައިގައި ފުލުހުން މިހާތަނަށް ކުރި ހަމައެކަނި ކަމަކީ މި ސްކީމަކީ ޕިރަމިޑް ސްކީމެއްކަން އާންމުންނަށް އަންގައިދޭން ބަޔާނެއް ނެރުން ކަމަށާއި އިތުރު އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަން" އިން މިއަދު ސުވާލުކުރުމުން ވެސް ފުލުހުން ބުނީ، އަދިވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

ޖެމްކިއު ސްކީމުން 40،000އަށްވުރެ ގިނަ މީހުންނަށް ގެއްލުންވި --
މި ސްކީމްގައި ބައިވެރިވާ ބައެއް މީހުންނަށް ބޭރުގެ އެކިއެކި ގައުމުތަކުގެ ފޮޓޯޓަކާއި ގްރޫޕުތައް ދައްކަނީ ވެސް އޮޅުވާލައިގެން މީހުންގެ އިތުބާރު ހޯދަން ކަމަށް ނަވީދު އޭރު ވިދާޅުވިއެވެ. އެހެން ދައްކަނީ ވެސް 'ފޭކް' ފޮޓޯތަކެކެވެ. ނަވީދު ވިދާޅުވި ގޮތުގައި މި ސްކީމް އިތުރު ގައުމެއްގައި ނުހިންގި ނަމަވެސް ބޭރުގެ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވެއެވެ.
ރާއްޖޭގައި މި ނޫނަސް ސްކޭމްގެ މައްސަލަތައް އިތުރުވެފައިވިއިރު، ސްކޭމްގެ މައްސަލަތައް ބެލުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އަށް، ތަންފީޒުކުރުމުގެ ބާރު ކުޑަ ކަމަށް އެ އޮތޯރިޓީން މިފަހުން ވަނީ ބުނެފައެވެ. ހަމައެއާއެކު ފައިސާ އިންވެސްޓުކޮށްގެން މަންފާ ހޯދާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އެކިއެކި ޕްލެޓްފޯމްތަކާއި އެހެނިހެން ސްކޭމްގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުން ވެސް ބަލަން ވަނީ ނިންމައިފައެވެ.