މިނިވަން 60ގެ ލޯގޯއަކަށް ހުނަރުވެރި ފަރުހާދުގެ ފަރުމާއެއް

މިނިވަން 60 ލޯގޯ: މިއީ ފަރުހާދުގެ ޑިޒައިނެއް --

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުން ފާހަގަކުރަން 'މިނިވަން 60' ލޯގޯއެއް ފަރުމާކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބޭއްވި މުބާރާތުން އެއްވަނަ ލޯގޯއަކަށް އާޓްސްގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ހދ. ނޭކުރެންދޫ، ވާރޭވިލާ، ފަރުހާދު އިބްރާހީމްގެ ލޯގޯ ހޮވިއްޖެއެވެ.

މިނިވަން ދުވަހަކީ އަންނަ މަހުގެ 26 އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވައިލި ލޯގޯ ފަރުމާކުރުމުގެ މި މުބާރާތުގެ އެއްވަނަ ލިބޭ ލޯގޯއަކަށް 30،000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އެ ވުޒާރާއިން ވަނީ އެއްވަނަ ލިބުނު ލޯގޯ ހިއްސާކޮށްފައެވެ. އަދި، އެ ވުޒާރާއިން ވަނީ ފަރުހާދަށް މަރުހަބާ ކިޔައިފައެވެ.

އެ ލޯގޯއިން ދައްކުވައިދެނީ ގައުމިއްޔަތުކަމެވެ. ދިވެހި ދިދައާއި، ދިވެހިރާއްޖޭގެ ވަށައިގެންވާ ކަނޑު ރަމްޒުކޮށްދޭގޮތަށް ތައްޔާރުކޮށްފައިވާ އެ ލޯގޯ ނުހަނު ހިތްގައިމެވެ.

ލޯގޯ ފަރުމާކުރެއްވި ފަރުހާދަކީ އަތްތެރި މަސައްކަތަށް ވަރަށް މޮޅު ހުނަރުވެރި އާޓިސްޓެކެވެ. އޭނާގެ ފަންނުވެރިކަން ވަރަށް ގިނަ މިސްކިތްތަކުގެ ޑިޒައިންތަކުން ވެސް ފެންނަން މިހާރު ވެސް އެބަހުއްޓެވެ.

އެގޮތުން، އޭނާ ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކޮށްފައިވާ އެކި މިސްކިތްތަކުގައި އަރަބި އަކުރުން ލިޔެފައިވާ ލިޔުންތައް ލިޔުއްވުމާއި، މިސްކިތްތަކުގެ ނަންބޯޑުތައް ހެއްދެވުމާއި، ބައެއް ކުންފުނިތަކާއި މީޑިއާތަކުގެ ލޯގޯ ފަރުމާކުރެއްވުން ހިމެނެއެވެ.

މިނިވަން 60ގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުން އެއްވަނައަށް ހުނަރުވެރި ފަރުހާދުގެ ލޯގޯ ހޮވިއްޖެ: އެނާއަކީ އާޓްސްގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލުކުރެއްވި ބޭފުޅެއް --

ހަމައެއާއެކު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކިއެކި ޓީވީ ޗެނަލްތަކުން އުފައްދައި ގެނެސްދިން ސެޓްތައް ވެސް ފަރުހާދު ވަނީ ތައްޔާރުކޮށްދެއްވާފައެވެ. އެކިއެކި މުނާސަބަތުތަކަށް ސްޓޭޖް ޑެކަރޭޝަން ހައްދަވައިދެއްވުމަކީ ވެސް އޭނާ ކުރެއްވި ކަމެކެވެ.

ފަރުހާދު ވަނީ 2016 ވަނަ އަހަރު ވިޜުއަލް އާޓްސްގެ ދާއިރާއިން، ލިޔުމާއި ކުރެހުމާއި ފަރުމާކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރައްވައިފައެވެ. އޭނާއަކީ 2003 ވަނަ އަހަރުން ފެށިގެން މި ދާއިރާގައި ޚިދުމަތް ކުރައްވަން ފެއްޓެވި ބޭފުޅެކެވެ.

މީގެ ކުރިން އޭނާ ވަނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވައިފައެވެ. އުފަން ރަށް ހދ. ނޭކުރެންދޫ ސްކޫލުން ފެށިގެން ގޮސް ޖަމާލުއްދީންއާއި ދަރުމަވަންތަ ސްކޫލާއި ހިރިޔާ ސްކޫލު އަދި އިސްކަންދަރު ސްކޫލުގައި ވެސް އޭނާ ވަނީ އިސްލާމް ކިޔަވައިދެއްވައިފައެވެ. ނަމަވެސް، 17 އަހަރު އެ ދާއިރާގައި މަސައްކަތްކުރެއްވުމަށް ފަހު އޭނާ އެ ވަނީ އެ ދާއިރާ ދޫކުރައްވައި އާޓްސްގެ ދާއިރާއަށް އެއްކޮށް ހުސްވެފައެވެ.

comment ކޮމެންޓް