ރ. އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ފަށައިފި، ޖުލައި ނުނިމެނީސް ބ. އަތޮޅުގައި ވެސް ފަށަނީ

އާރުޓީއެލްގެ ފެރީތައް: ރައީސް ވިދާޅުވީ ޖުލައި ނިމުމުގެ ކުރިން ބ. އަތޮޅުގައި ފަށްޓަވާނެ ކަމަށް --- ފޮޓޯ/ މާހިލް އާތިފް

ރ. އަތޮޅުގައި މިއަދު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ފެށުމާއެކު، އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ވެސް އެ ޚިދުމަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ޖޫން މަސް ނިމުމުގެ ކުރިން މިއަދު ރ. އަތޮޅު ފެރީގެ ޚިދުމަތް ވަނީ ފަށާފައި ކަމަށެވެ. މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ހަމައެއާއެކު އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގަައި ފެރީގެ ޚިދުމަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ކަމަށް ޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދެން ބާކީ ހުރިހާ އަތޮޅެއްގައި މި އަހަރު ނިމުމުގެ ކުރިން ފެރީގެ ޚިދުމަތް ފައްޓަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ވެސް ފުއްދަވާނެކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި ރ. އަތޮޅުގެ ރައްޔިތުން ފެރީގެ ޚިދުމަތަށް އަހުލުވެރިކުރުވުމުގެ ގޮތުން، އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަަލަށް ހިލޭ ދަތުރުތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ.

އާރްޓީއެލް ފެރީއެއް --- ފޮޓޯ/ އެމްޓީސީސީ

ކޮންމެ އަތޮޅަކަށް ވެސް އެ ޚިދުމަތް ފެށުމަށް ފަހު ފުރަތަމަ ހަފުތާގައި ޚިދުމަތް ދެނީ ހިލެއެވެ. އެއީ، އެ ހިސާބުތަކުގެ މީހުން ފެރީއަށް އަހުލުވެރި ކުރާށެވެ.

މިނިސްޓްރީން ބުނީ، މި މުއްދަތަަށް ފަހު، ޖުލައި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ފެރީގެ ޚިދުމަތަށް އެ އަތޮޅުގައި ޓިކެޓު ނަގަން ޖެހޭނެ ކަމަށެވެ. އަދި އާރްޓީއެލްގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާ އެކު ޓިކެޓު ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސަރުކާރު އައުމަށްފަހު މިނިސްޓްރީން ވަނީ ނ. އަތޮޅާއި ޅ. އަތޮޅަށް ފެރީގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ. ރ. އަތޮޅުގައި ޚިދުމަތް ފެށުމުން، ރާއްޖޭގެ 10 އަތޮޅެއްގައި މިހާރު އާރްޓީއެލްގެ ޚިދުމަތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އެ މަސައްްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށެވެ.

comment ކޮމެންޓް