ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އީގައި އިންޓާ މިލާން އާއި ރިވާ ޕްލޭޓް ބައްދަލުކުރި މެޗު އިންޓާއިން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.
އެމެރިކާގެ ސިއާޓްލްގެ ލުމެން ފީލްޑްގައި ކުޅުނު މިމެޗު އިންޓާއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓާއިންނެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ ހާފުގައި އިންޓާއަށް ރިވާގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.
މި މެޗުގައި ރިވާގެ ކުޅުންތެރިއަކަށް ވަނީ ރަތްކާޑު ދައްކައިފައެވެ. ނަތީޖާ އަކަށްވީ މެޗުގެ 72ވަނަ މިނެޓުގައި އިންޓާގެ ފްރަންސެސްކޯ ޕިއޯ އެސްޕޮސީޓޯ ޖަހާދިން ލަނޑުން އެޓީމު ލީޑު ނެގުމެވެ. މިމެޗުގައި އިންޓާއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެލެސަންޑްރޯ ބަސްޓޯނީއެވެ. މިމެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި އިވާގެ ގޮންޒާލޯ މޮންޓިއެލްއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އެޓީމުން މެޗު ނިންމާލާފައިވަނީ ނުވަ ކުޅުންތެރިންނާއެކުއެެވެ.
މިކާމިޔާބީއާއެކު އިންޓާ މިމުބާރާތުގެ ދެވަނަ ބުރަށް ގޮސްފައިވަނީ ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެއީ ހަތް ޕޮއިންޓާއެކުއެވެ. ރިވާ ޕްލޭޓަށް ލިބުނު ހަތަރު ޕޮއިންޓާއެކު މިމުބާރާތަށް މިވަނީ އަލްވަދާއު ކިޔާފައެވެ. މިއާއެކު މިމުބާރާތުގައި ވާދަކުރާ އާޖެންޓީނާގެ ދެޓީމު ކަމަށްވާ ރިވާ އާއި ބޮކާ ޖޫނިއާސް ވެސް މިވަނީ މިމުބާރާތަށް އަލްވަދާއު ކިޔާފައެވެ.
މިގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރުން ޖާގަހޯދީ މެކްސިކޯއަށް ނިސްބަތްވާ މޮންޓެރޭއެވެ. މޮންޓެރޭ ދެވަނަ ބުރުން ޖާގަހޯދީ މިއަދު ހެނދުނު ކުޅުނު ފަހު މެޗުގައި އުރާވާ ރެޑް ޑައިމަންޑްސްއާ ބައްދަލުކުރި މެޗު ހަތަރު ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް ފަސް ޕޮއިންޓާއެކުއެެވެ.
މިމެޗުގައި މޮންޓެރޭއިން ކާމިޔާބު ކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މާނަން މާޓެރަމޭއެވެ. އަދި އަނެއް ދެލަނޑު ކާމިޔާބު ކޮށްދީފައިވަނީ ނެލްސަން ޑެއޯސާ އާއި ހޭސުސް މަނުއެލް ކޮރޯނާއެވެ.
މިނަތީޖާތަކާ އެކު ޖުލައި މަހުގެ އެއްވަނަ ދުވަހު، ދެވަނަ ބުރުގައި އިންޓާ ބައްދަލުކުރާނީ ގްރޫޕް އެފްގެ ދެވަނަ ޓީމު ކަމުގައިވާ ފުލުމިނެންސޭ އާއެވެ. އަދި މޮންޓެރޭ ޖުލައި މަހުގެ ދެވަނަ ދުވަހު ބައްދަލުކުރާނީ ގްރޫޕް އެފްގެ އެއްވަނަ ޓީމު ކަމުގައިވާ ބޮރޫޝިއާ ޑޯޓްމުންޑް އާއެވެ.
ގްރޫޕް އެފްގައި ކުޅުނު ފަހު ދެމެޗަށް ބަލާއިރު ފުލުމެނެންސޭ އާއި މަމެލޯޑީ ސަންޑައުންސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ޑޯޓްމުންޑާއި އުލްސާސް ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ ޑޯޓްމުންޑްއެވެ. މިދެ މެޗުގެ ނަތީޖާ ތަކާއެކު ޑޯޓްމުންޑަށް ގްރޫޕްގެ އެއްވަނަ ލިބުނީ ހަތް ޕޮއިންޓާއެކުއެވެ. އަދި ފުލުމިނެންސޭއަށް ދެވަނަ މަގާމް ލިބުނީ ފަސް ޕޮއިންޓާއެކުއެެވެ.