ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕްގެ ފިރިހެން ޑިވިޝަންގައި ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީ އަދި ހުރާ ކޮމިއުނިޓީ ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ.
ޖުމްލަ އަށް ޓީމާއެކު ބުދަ ދުވަހު ފެށި މުބާރާތުގައި ހަވީރު ކުޅުނު ފުރަތަމަ މެޗު ސިފައިންގެ ކުލަބު ކާމިޔާބުކޮށްފައިވަނީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓުތައް ސިފައިންގެ ކުލަބުން ކާމިޔާބު ކުރީ 25-21، 25-23 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ލުއިޒް ފެލިޕޭ ފެރެއިރާ ޕެރޯޓޯއެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ އެޗްޑީސީ އާއި ބްލޫ ފޯ ވޮލީބޯލްއެވެ. މި މެޗު އެޗްޑީސީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެޗްޑީސީން ކާމިޔާބު ކުރީ 28-26، 25-15 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޗްޑީސީގެ ޝަމާއީލް ޙުސެއިނެވެ.
ރޭ ކުޅުނު ތިންވަނަ މެޗުގައި ބައްދަލުކުރީ ހުރާ ކޮމިއުނިޓީ ކުލަބާއި ސްޕޯޓްސް ކުލަބު ސިޓީއެވެ. މި މެޗު ހުރާއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-11، 25-17 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުރާ ޓީމުގެ ސެޓަރު އިޝާން މުޙައްމަދެވެ.
މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ކުލަބު އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކުލަބު އަދި ސްޕޯޓްސް ކުލަބު ސިޓީއެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބު، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޕޮލިސް ކުލަބު އަދި ދަ ސަދަން ސްޕޯޓްސް ކުލަބެވެ.