ސަން ސިޔާމް ގުރޫޕުގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ލޭ ހަދިޔާކުރުމުގެ ފަސްވަނަ ހަރަކާތް ސިޔާމް ވޯލްޑުގައި މިއަދު ބާއްވާއިފިއެވެ.
މިއީ ކޮންމެ އަހަރަކު ވެސް ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތެކެވެ. މި އަހަރު ލޭހަދިޔާކުރުމުގެ ހަރަކާތް ފެށީ މިދިޔަ މަހުގެ 13ގައި ސަން ސިޔާމް އޮޅުވެލިންނެވެ. އޭގެ ފަހުން، މިދިޔަ މަހުގެ 29ގައި ސަން ސިޔާމް އިރުވެލީގައި ބާއްވައި، ތިންވަނަ ހަރަކާތް މިހަހު އަށެއްގައި ބޭއްވީ އިރުފުށީގައެވެ. އަދި، ހަތަރުވަނަ ހަރަކާތް މިމަހު 19ގައި ބޭއްވީ ސަންސިޔާމް ވިލުރީފްގައެވެ.
މިއަދުގެ ހަރަކާތް ސިޔާމް ވޯލްޑުގައި ފަށާފައި ވަނީ އެކަމަށް ޚާއްސަ ރަސްމިއްޔާތަކުންނެވެ. ކުރު ތައާރަފަކުން ރަސްމިއްޔާތު ފައްޓަވައިދެއްވީ ސިޔާމް ވޯލްޑުގެ ޓެލެންޓް އެންޑް ކަލްޗާ ޑިރެކްޓަރު ޖިސެލް އެންސިނާރިއަލްއެވެ.
ހަރަކާތް ފައްޓަވައިދެއްވަމުން ސަން ސިޔާމް ގުރޫޕުގެ އޮޕަރޭޝަންސްގެ ނައިބު ރައީސް އަބްދުﷲ ތަމްހީދު ވިދާޅުވީ، ލޭ ހަދިޔާ ކުރުމަކީ އިންސާނިއްޔަތަށްޓަކައި ބައެއްގެ ފުރާނަ ސަލަމާތް ކުރުމަށް ކޮށްދެވޭ ކަމެއް ކަމަށެވެ. އަދި، ލޭހަދިޔާކުރުމުގެ ސަބަބުން ތެލަސީމިއާ ހުންނަ ކުޑަކުދިން ހެދިބޮޑުވުމަށް ވެސް އެހީތެރިވެވޭކަން ތަމްހީދު ފާހަގަކުރެއްވިއެވެ.

ސިޔާމް ވޯލްޑްގައި ކުރިއަށްދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން: މި ހަރަކާތް ކޮންމެ އަހަރަކު ވެސް ބާއްވާ -- ސަން ފޮޓޯ
ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖޭގައި ތެލަސީމިއާ ތަހަންމަލުކުރާ މީހުން ގިނަކަން ފާހަގަކުރައްވައި، ތަމްހީދު ވަނީ ލޭ ހަދިޔާކުރުމުގެ ހަރަކާތެއް އިންތިޒާމު ކުރާތީ މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ހަރަކާތުގައި ސިޔާމް ވޯލްޑުގެ އެގްޒެކެޓިވް އެސިސްޓެންޓު މެނޭޖަރު އަލީ ސިޔާމް ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ހަރަކާތާ ގުޅުވައި އެ ރިސޯޓުގެ މެނޭޖަރު އައުސަމް ވަސީމް (އައުސީ) ވިދާޅުވީ، މި ހަރަކާތުގައި ރިސޯޓުގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވި ކަމަށެވެ.
"އަޅުގަނޑުމެންގެ އެދުމަކީ މި ޕްރޮގްރާމުގައި ތިބޭފުޅުން ބައިވެރިނުވިޔަސް ތެލަސީމިއާ ސެންޓަރަށް ވަޑައިގެން ސިއްހަތު ރަނގަޅު ކޮންމެ ބޭފުޅަކު ވެސް ލޭ ހަދިޔާކުރުން،" އައުސީ ވިދާޅުވިއެވެ.
ލޭ ހަދިޔާކުރުމަކީ ވަރަށް މާތް މަގުސަދެއްގައި ކުރާ ކަމެއްކަން ފާހަގަކުރައްވައި އައުސީ ވަނީ، ސަން ސިޔާމް ގުރޫޕުން ކުރާ ކޮންމެ ކަމަކުން ރައްޔިތުންނަށް ފައިދާކުރާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ސަން ސިޔާމް ގުރޫޕްގެ އެނިވާސަރީ ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު ވިދާޅުވީ، މި އަހަރު ލޭ ހަދިޔާ ކުރި މުވައްޒަފުންގެ އަދަދު މީގެ ކުރީ އަހަރުތަކަށްވުރެ އިތުރު ކަމަށެވެ. އެއީ، ލޭ ހަދިޔާކުރުމުގެ މުހިންމު ކަމާއި އެ ކަމުގެ ސަބަބުން ތެލަސީމިއާ ކުދިންނަށް ލިބޭ ލުއިތަކާ ގުޅޭ ގޮތުން މުވައްޒަފުން އިތުރަށް ހޭލުންތެރިކުރެވުމުން އައި ބަދަލެއް ކަމަށް އައްޒަ ވިދާޅުވިއެވެ.

ސިޔާމް ވޯލްޑްގައި ކުރިއަށްދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން: މި ހަރަކާތް ކޮންމެ އަހަރަކު ވެސް ބާއްވާ -- ސަން ފޮޓޯ
ސަން ސިޔާމް ގުރޫޕަށް 35 އަހަރުވެފައިވާއިރު، އެ ކުންފުނިން ވަނީ ގިނަ ކާމީޔާބީތަކެއް ހޯދައިފައެވެ. އެގޮތުން، އެމްބީއެސްއާ ގުޅިގެން ވޭތުވެދިޔަ ފަސް އަހަރު އެންމެ ގިނައިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބޭއްވި ކުންފުނިތަކުގެ ތެރޭގައި ސަން ސިޔާމް ރިސޯޓްސް ވަނީ ހިމެނިފައެވެ.
ސަން ސިޔާމް ރިސޯޓުތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން އެކި ވަނަތައް ހޯދަމުންއަންނައިރު، މި އަހަރު ވެސް އެ ރިސޯޓުތަކަށް ފާހަގަކޮށްލެވޭ އެވޯޑުތަކެއް ލިބިފައިވެއެވެ. އެގޮތުން ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ޓްރިޕްއެޑްވައިޒާގެ މި އަހަރުގެ، ދުނިޔޭގެ އެންމެ މޮޅު 10 ހޮޓެލްތަކުގެ ތެރޭގައި އާއި އޭޝިއާއިން ހަތަރު ވަނަ އަދި މުޅި ރާއްޖެއިން އެއްވަނަ ހޮޓެލްގެ ގޮތުގައި ސިޔާމް ވޯލްޑް ހޮވައިފައިވެއެވެ.
ނ. އަތޮޅުގައި ތަރައްގީކޮށްފައިވާ ސިޔާމް ވޯލްޑަށް 4،999 ރިވިއު ލިބިފައިވާއިރު، ރޭޓިން އުޅެނީ 4.9 ގައެވެ.
ފަސް ތަރީގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ސިޔާމް ވޯލްޑް ހުޅުވައިފައިވަނީ 2021ގައެވެ. އެ ރިސޯޓުގައި ތިން ކެޓަގަރީއެއްގެ 16 އެކޮމޮޑޭޝަން ހިމެނެއެވެ. އެއީ ބީޗް ވިލާއާއި ވޯޓާ ވިލާއާއި ރެޒިޑެންސެސްއެވެ.