މީގެ ފަސް އަހަރު ކުރިން ގެއްލުނު ނަސްރުﷲ އަބްދުﷲ، 41އ، މައްޗަށް އޭނާގެ އުފަން ރަށް ބ. އޭދަފުށީގައި މާދަމާ ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމައިފިއެވެ.
ނަސްރުﷲ ގެއްލުނީ ޖަނަވަރީ ދޭއް، 2020ގައި އޭނާ ދަތުރުކުރަމުންދިޔަ ޑިންގީއާއި ލޯންޗެއް ބ. ދޮންފަނު ކައިރިން އެކްސިޑެންޓްވުމުންނެވެ. އެ ހާދިސަގައި ނަސްރުﷲ ގެއްލުނުއިރު އޭނާއާއެކު ޑިންގީގައި ތިބި ތިން މީހުންނާއި ލޯންޗުގައި ތިބި މީހުންނަށް ވެސް ސަލާމަތްވީ ބޮޑެތި އަނިޔާތަކާއެކުގައެވެ.
އެ ހާދިސާގައި އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުތަކާއި ހެލިކޮޕްޓަރުގެ އިތުރުން ޑައިވް ރޮބޮޓް ބޭނުންކޮށްގެން ކުރިއެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިހު 'ސަން'އަށް މިރޭ ވިދާޅުވީ، ނަސްރުﷲގެ އާއިލާއިން ހުށަހަޅައިގެން މިދިޔަ އޭޕްރީލް މަހު ކޯޓުގައި އޭނާގެ މަރު ސާބިތުކޮށްފައިވާ ކަމަށެވެ.
އެގޮތުން، ޣައިބަށް ކަށުނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ނަގާފައިވާ ކަމަށް ފާތިހު ވިދާޅުވިއެވެ.
އެހެންވެ، މާދަމާ އެރަށުގެ ހުރިހާ މިސްކިތެއްގައި ހުކުރު ނަމާދަށް ފަހު ނަސްރުﷲގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަސްރުﷲ ގެއްލުން އެކްސިޑެންޓުގައި ޑިންގީ އަޑިއަށްގޮސް އޮތީ، ދޮންފަނާއި އެ އަތޮޅު އަނގަފަރާ ދެމެދުން، ކަނޑުގެ 46 މީޓަރު އަޑީގައެވެ. އެ ޑިންގީ ފެނުނީ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުންނެވެ.
ޑިންގީ ފެނުނު ސަރަހައްދުން، ޑިންގީއެއްގެ އިންޖީނުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ވެސް އެދުވަހު ޑައިވަރުން ވަނީ ނަގައިފައެވެ.