ރ. ފައިނުގައި މިރޭ 18 އަހަރުން ދަށުގެ ދެ ކުދިން ދުއްވި ސައިކަލެއް، އެ ރަށުގެ ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފައިނުން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެކްސިޑެންޓުވީ، 18 އަހަރު ނުވާ ދެ ކުދިން ވަރަށް ބާރަށް ސައިކަލު ދުއްވާފައި ދަނިކޮށް، ކަސްރަތަށް ނުކުމެ ހިނގަން ތިބި ދެ މީހުންގެ ގައިގައި ޖެހިގެންނެވެ. އެ ދެ މީހުންނަކީ ފައިނު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއް ކަމަށް އޭނާ މައުލޫމާތު ދިނެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން ދެ ކުދިންނާއި ޓީޗަރަށްވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އެ މީހުންވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށް މިރޭ ގާތްގަނޑަކަށް 21:30 ހާއިރު ގެންގޮސްފައެވެ.

ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުދިންނާއި މީހުން އުނގޫފާރަށް ގެންދިޔުން -- ފޮޓޯ/ ފައިނު އޮންލައިން
ފުލުހުން "ސަން"އަށް ބުނީ 19:30ހާއިރު ހިނގި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 20:23ހާއިރު ކަމަށެވެ.
އެ ހާދިސާގައި ދެ ކުދިންގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ފާހަގަކުރިއެވެ. އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެ ކުދިންނާއި ދެ މީހުންނަށް އެ ހޮސްޕިޓަލުގެ އީއާރުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެ މީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފުސީލެއް އަދި ނުލިބެއެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެ މީހުން ސްޓޭބަލްތޯ ވެސް އަދި ޔަގީނެއް ނޫނެވެ.
"ބަލި މީހުންގެ ހާލަތާ ގުޅޭ ސީދާ އަޕްޑޭޓެއް އަދި ނުއެއް ލިބޭ. ސީދާ ފުރާނައަށް ނުރައްކާވާ ލެވެލްއަށް އެ މީހުންގެ ހާލަތު ދިޔަ ކަމަކަށް އަދި އެހެން ދަންނަވާކަށް ނޭނގޭ ޑޮކްޓަރުން ފަރުވާގައި އުޅުއްވާތީ،" އޮފިޝަލް ވިދާޅުވިއެވެ.