ކެވިއާއަކީ ކޯޗެއް، އެހާ އަގުބޮޑީ ކީއްވެ؟

އާއްމުކޮށް ބާޒާރުން ލިބެން ހުންނަ ކަޅު އަދި އޮރެންޖު ކުލައިގެ ކެވިއަ--ފޮޓޯ/ޕިންޓްރެސްޓް

މުއްސަނދި މަހުޖަނުންގެ ކެއުންތަކުން އާއްމުކޮށް ފެންނަ ކެވިއާއަކީ ކުދިކުދި އިތާ މުތްތަކެއް ހެން ހުންނަ އެސިޕެންސެރިޑައި ނުވަތަ އާންމު ބަހުންނަމަ ސްޓާޖިއަން މަހުގެ ބިހުން އުފައްދާ ކާނާގެ ބާވަތެކެވެ.

މިއީ ބަލާބެލުމަށް ރީތި ކަމެއް ލިބިފައިވާ ކާނާގެ ބާވަތަކަށްވާއިރު އެއިން ލިބިދޭނީ މަހުގެ ބާވަތްތަކުން ލިބޭ ކަހަލަ ރަހައެއް ކަމަށް ބައެއް މީހުން ބުނެއެވެ.

މިއީ މިހާރު ދުނިޔޭގެ މަހުޖަނުންގެ ކެއުންތަކުން ފެންނަ އެންމެ އަގުބޮޑު ކެއުންތަކުގެ ތެރޭގައި ހިމެނޭ ބާވަތަކަށް ވިޔަސް އެއް ޒަމާނެއްގައި މިއީ ފަގީރުންގެ ކެއުމެކެވެ. ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއްގައި ބުނާގޮތުން ކެވިއާއަކީ މީގެ އެތައް ޒަމާނެއް ކުރިން ރަޝިއާގެ މަސްވެރިން އެ މީހުންގެ ދުވަހުގެ ކެއުމުގެ ގޮތުގައި ބޭނުންކުރަމުން އައި ބާވަތެކެވެ.

ކެވިއާ އަކީ ދުނިޔޭގެ މުއްސަނދި މަހުޖަނުން ކެއުމަށް ލޯބިކުރާ ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

އެގޮތުން، ކައްކާފައިވާ އަލުވިއާ އެކު ކެވިއާ ކެއުމަކީ އޭރު ރަޝިއާ މީހުން ކުރަމުން އައި ކަމެއް ކަމަށާއި ރަޝިއާގެ މަސްވެރިންގެ މެދުގައި ކެވިއާ ހަގީގަތުގައި މަޝްހޫރުވެފައިވަނީ "ރޮއެ" މި ނަމުން ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

ކެވިއާ އާއްމުގޮތެއްގައި ލިބެން ހުންނަނީ ކަޅު، ޒައިތޫނި ފެހި، އަޅި ކުލަ އަދި އޮރެން ކުލައިގައެވެ. ގާތްގަނޑަކަށް 26 ބާވަތެއްގެ ސްޓާޖިއަންއިން ކެވިއާ ލިބެން ހުންނައިރު އަންހެން ސްޓާޖިއަން މަސް ޚާއްސަކޮށްފައިވަނީ ކެވިއާ ހޯދުމުގެ ބޭނުމުގައެވެ.

ހަމައެއާއެކު މިއީ 100 އަހަރު ވަންދެން ދިރިހުރެވިދާނެ މަހެކޭ ބުނުމުން ގިނަ ބަޔަކަށް ލިބެނީ ހައިރާންކަމެކެވެ. މި މަހުގެ ބިހުން އުފައްދާ ކެވިއާ ދުނިޔޭގެ ބާޒާރުގައި އެހާ އަގުބޮޑު އެއް ސަބަބަކީ ވެސް މިއީއެވެ.

ކެވިއާ އާއްމުގޮތެއްގައި ކެއުމުގައި ހިމަނާލާފައި ވަނީ މައިގަނޑު ކެއުންތައް ފެށުމުގެ ކުރިން ކާލާ ބާވަތެއްގެ ގޮތުގައި--ފޮޓޯ/ފޭސްބުކް

ކެވިއާގެ އެކި ވައްތަރުތައް ބާޒާރުގައި ލިބެން ހުންނައިރު އޭގެ އަގު ބަރޯސާކުރެވެނީ ލިބެން ހުންނަ ކެވިއާގެ ސައިޒާއި އޭގެ ބާވަތާއި ކޮލިޓީއަށް ބެލުމަށް ފަހުއެވެ. ގާތްގަނޑަކަށް 30 ގްރާމުގެ ކެވިއާ ބާޒާރުގައި ލިބެން ހުންނަ އަގުގެ ރޭންޖަކީ 96 އެމެރިކާ ޑޮލަރާއި 215 ޑޮލަރާއި ދެމެދުގެ އަގެއްގައެވެ.

މީގެ އެއްވައްތަރު ކަމަށްވާ ބެލޫގާ ކެވިއާއަކީ އަދި މިއަށްވުރެ ވެސް އަގުބޮޑު ވޭރިއަންޓަކަށްވާއިރު އޭގެ އަގު އެކި ބާޒާރުތަކުގައި ލިބެން ހުންނަނީ އެކި ރޭންޖުތަކުގައެވެ. ކެވިއާގެ ރަނގަޅު ފެންވަރުގެ ބާވަތުގެ ކިލޯއެއްގެ އަގު 2،000 ޑޮލަރާއި 3،500 ޑޮލަރާއި ދެމެދުގެ އަގެއްގައި ހުންނައިރު މީގެ އެންމެ ފެންވަރު ރަނގަޅު ކެވިއާގެ އަގު އަދި މިއަށްވުރެ ވެސް ބޮޑެވެ.

ކެވިއާގެ އަގު މައްޗަށް އުފުލި އެއީ ދުނިޔޭގެ އެންމެ އަގުބޮޑު ކެއުމުގެ ބާވަތަކަށް ވަނީ މީގެ ބިސް އުފައްދަން 10 އެއް ނުވަތަ 15 އަހަރާ ދެމެދުގެ މުއްދަތަކަށްވެފައި ކުރަންޖެހޭ އިންތިޒާރުގެ ދިގުކަމުންނެވެ.

ކެވިއާ އުފައްދައިދޭ ބިސްތައް ނެގުމަށް ބަނޑު ފަޅާފައިވާ މަހެއް--ފޮޓޯ/ފޭސްބުކް

މީގެ ކުރިން މަހުގެ ބިސްތައް ނެގުމަށް ފަހު އެ މަސްތައް މަރަމުން އައި ނަމަވެސް ލިބިފައިވާ ޓެކްނޮލިޖީގެ ކުރިއެރުންތަކާ އެކު އަންހެން މަސްތައް މެރުން ވަނީ ހުއްޓުމަކަށް ގެނެވިފައެވެ. މިހާ އަގުބޮޑު ބާވަތެއް ކެއުމުގައި ވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ގިނަ ކަންކަން ހުރެއެވެ.

އެގޮތުން، އާއްމުކޮށް ކެވިއާ ކަނީ ޓޯސްޓުތަކާއި ކޮންމެ ވެސް ކަހަލަ ކްރެކާއެއް ނުވަތަ ބިސްކޯޒަކާ އެކުއެވެ. މީގެ އިތުރުން، ފްރެޝް ކްރީމް ނުވަތަ ނުވަތަ ފިޔާ ކޮށާފައި އެއާ އެކު ސެލެޑެއްގެ ގޮތުގައި ވެސް ކެވިއާ ކެއުމުގައި ހިމަނާލެވިދާނެއެވެ.

ކެވިއާ ގެންގުޅޭއިރު ސަމާލުކަން ދިނުން އެންމެ މުހިއްމު ކަމަކީ މިއީ ވަކި ފިނިހޫނު މިނެއްގައި ގެންގުޅޭ ޖެހޭ ބާވަތެއްކަން ހަނދާންކުރުމެވެ. ކެވިއާ ކެއުމުގައި ބޭނުންކުރުމުގެ ކުރިން އަބަދު ވެސް ބަހައްޓަންވާނީ ފިނިކޮށެވެ.

އެގޮތުން، ބޯތަށްޓެއްގައި ބަހައްޓައިގެން ވެސް ފިނިކޮށް ގެންގުޅެވިދާނެއެވެ. ނަމަވެސް، އަބަދުވެސް އެންމެ ރަގަޅު ގޮތަކީ ކެއުމަށް ނެރޭއިރު ވެސް އައިސް ކޮށްފައިވާ ގަނޑުފެންތަކާ އެކު ސާވް ކޮށްލުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު